އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ މިހާރު ނިމިފައިވާ ކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އާއި ރޮއިޓާސް ނޫސް އެޖެންސީން ބުނެފި އެވެ.
އޮފިޝަލުން މިހެން ބުނެފައި މި ވަނީ 'ވޯ ޕަވާސް ރިޒޮލިއުޝަން' ގާނޫނުގައި ބުނާ ގޮތަށް، 60 ދުވަހަށް ވުރެ ދިގުދެމިގެންދާ އަސްކަރީ ހަރަކާތްތަކަށް ރައީސް ކޮންގްރެސްގެ ރަސްމީ ހުއްދަ ހޯދަން ޖެހޭއިރު އަދިވެސް އެކަން ކޮށްފައި ނުވާ ކަމަށް ބުނަމުންދާތީ އެވެ. އެ ހަނގުރާމަ ފެށިތާ 60 ދުވަހުގެ މުއްދަތު ރާއްޖޭ ގަޑިން މާދަމާ ހެނދުނު 9:00 އަށް ހަމަވާނެ އެވެ.
އޮފިޝަލުން ވިދާޅުވަނީ އެ ވަގުތު ހަމަވުމުގެ މާ ކުރިން ހަނގުރާމަ އޮތީ ނިމިފައި ކަމަށެވެ.
ޓްރަމްޕް ސަރުކާރުން ބުނަނީ ފެބްރުއަރީ 28 ގައި ފެށި ހަނގުރާމަ މިހާރު އޮތީ އީރާނާ އެކު އެއްބަސްވުމެއް ހަދައި މެދުކަނޑާލާފައި ކަމަށާއި އެހެންވެ އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދަން އިތުރު ހުއްދައެއް ކޮންގްރެސް އިން ހޯދަން ނުޖެހޭނެ ކަމަށެވެ.
"އޭޕްރީލް 7 ވާ އަންގާރަ ދުވަހު ދެ ފަރާތުން ވެސް ވަނީ ދެ ހަފުތާގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސްފައި. އަދި އެއަށްފަހު އެ މުއްދަތު ވަނީ އިތުރުކޮށްފައި،" އޮފިޝަލް ވިދާޅުވިއެވެ. "އޭޕްރީލް 7 ވާ އަންގާރަ ދުވަހުން ފެށިގެން އެމެރިކާގެ އަސްކަރިއްޔާ އާއި އީރާނާ ދެމެދު އެއްވެސް ވަރަކަށް ހަމަލާ ބަދަލުކޮށްފައެއް ނުވޭ،" ރޮއިޓާސް އިން އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވެ އެވެ.
ނަމަވެސް 1973 ވަނަ އަހަރުގެ 'ވޯ ޕަވާސް ރިޒޮލިއުޝަން' ގައި ބުނާ ޝަރުތު ސަރުކާރުން އަދި ފުރިހަމަނުކުރާ ކަމަށް އޭޕްރީލް މަހުގެ ތެރޭގައި އޭޕީން ބުނެފައިވެ އެވެ. އެ ގާނޫނުގައި ބުނާ ގޮތުން، 60 ދުވަހަށް ވުރެ ދިގުދެމިގެންދާ އަސްކަރީ ހަރަކާތްތަކަށް ރައީސް ކޮންގްރެސްގެ ރަސްމީ ހުއްދަ ހޯދަން ޖެހެ އެވެ.
އެ ގަރާރުގެ ދަށުން، ހަނގުރާމައިގެ 60 ވަނަ ދުވަސް ކަމަށްވާ ހުކުރު ދުވަހުގެ ނިޔަލަށް، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ކޮންގްރެސްގެ ހުއްދަ ހޯދަން، ނުވަތަ ހަނގުރާމަ ހުއްޓާލަން ޓްރަމްޕަށް ޖެހިވަޑައިގަންނަވާނެ އެވެ.
އޭޕީން ރިޕޯޓުކުރާ ގޮތުގައި، ޓްރަމްޕްގެ އީރާނާ ދެކޮޅު ހަނގުރާމައަށް ރަސްމީ ހުއްދަ ހޯދުމަށް ޑިމޮކްރެޓުން ވަނީ ޓްރަމްޕަށް ބާރުއަޅައިފަ އެވެ. އަދި 60 ދުވަހުގެ މުއްދަތު ހަމަވުމުން، ތެހެރާނާ ދެކޮޅަށް އެޅި ވަގުތީ ފިޔަވަޅުތަކަށް ތާއީދުކުރި ނަމަވެސް، އެކަން އެއަށްވުރެ ދިގުދެމިގެންދާ ނަމަ ކޮންގްރެސްގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށް ރިޕަބްލިކަންގެ ގިނަ މެންބަރުން ވެސް ބުނާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
ހަނގުރާމަ އޮތީ ނިމިފައި ކަމަށް ބުނާއިރު ބޭނުންވެއްޖެ ނަމަ ކޮންމެ އިރަކު ވެސް އަލުން ހަމަލާތައް ފެށުމަށް ހުރަހެއް ނެތް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕު އިއްޔެ ވެސް ވަނީ ވިދާޅުވެފަ އެވެ.
އީރާންގެ ބަނދަރުތައް ބަންދުކޮށް އިގްތިސާދީ ގޮތުން އެ ގައުމަށް ދަތިކަން ބޮޑުކުރުމަށް ޓްރަމްޕު މިހާރު އިސްކަން ދީފައި ވާއިރު އަސްކަރީ ލަފާ ދޭ އޮފިޝަލުން ވަނީ ދެން ކުރިއަށްދާންވީ ގޮތަކާ ބެހޭ ގޮތުން ޓްރަމްޕަށް ލަފާ ދީފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޓްރަމްޕު ވިދާޅުވަމުންދަނީ އީރާނުން ހަނގުރާމަ ހުއްޓާލައި ދާއިމީ ސުލްހަޔަކަށް އެއްބަސްވާން ބޭނުންވާ ކަމަށާއި އެކަމަކު އީރާންގެ "ވެރިންނަކީ ކޮބައިކަމެއް ސާފުނުވާތީ" ނިންމުންތައް ލަސްވަނީ ކަމަށެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް އެތައް ބަޔަކު އަވަހަރާކޮށްލި ހަނގުރާމައާ އެކު މުޅި މެދުއިރުމަތި ވަނީ ބިރުވެރިކަމުގެ ތެރޭގަ އެވެ. އީރާނުން ރައްދުގައި، ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ ތަންތަނަށް މެދުނުކެނޑި ހަމަލާ ދެމުން ދިއުމުން ތެލުގެ އަގު އުފުލިފައި އޮއްވައި އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން އެ މައްސަލަ ވަނީ އިތުރަށް ބޮޑުވެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ކޮންމެ ވަގުތަކު ވެސް އަލުން ހަމަލާތައް ފެށިދާނެ ކަމަށް ޓްރަމްޕު ވިދާޅުވެފައި ވާއިރު އިޒްރޭލު ވެސް ވަނީ ހަމަލާތައް އަލުން ފަށަން ކުއްލި ހާލަތަކަށް އައިސްފަ އެވެ.