މާޗު މަހުން ފެށިގެން ބަންގްލަދޭޝްގައި ހަލުވިކަމާ އެކު ހިމަބިހި ފެތުރެމުންދާ ކަމަށާއި މި  ބަލިމަޑުކަމުގައި 311 ކުޑަކުދިން މަރުވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ ފާއިތުވި އަހަރުތަކުގެ ތެރޭގައި އެ ގައުމަށް ހިމަބިހީގެ ނުރައްކާ އެންމެ ބޮޑުވި ފަހަރެވެ.

މި ބައްޔަށް ޝައްކުކުރެވޭ ކޭސްތަކުގެ އަދަދު ވަނީ 41،793 އަށް އަރައިފަ އެވެ. މި ބަލީގައި އެންމެ ގިނަ ކުދިން އެއް ދުވަހާ މަރުވި ކަމަށް ރިޕޯޓްކޮށްފައިވަނީ މި ބަލި ފުރަތަމަ ރިޕޯޓްކުރި ދުވަސް ކަމަށްވާ މާޗު މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހު، 24 ގަޑިއިރުގެ ތެރޭގައި 17 ކުއްޖަކު ވަނީ މަރުވެފަ އެވެ.

"ބައެއް ކުދިން މިހާރު ވެސް ތިބީ ހާލު ވަރަށް ބޮޑަށް ދެރަވެ، ފުރާނަ ސަލާމަތް ނުކުރެވޭ ހިސާބުގައި،" ސަރުކާރުގެ ހެލްތު ސާވިސްގެ ތަރުޖަމާނު ޒާހިދު ރައިހާން ވިދާޅުވި އެވެ.

"އެހެންވެ، މަރުވާ ކުދިންގެ އަދަދު އަދިވެސް އިތުރުވަމުންދާނެ."

ހިމަބިއްސަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. މި ބަލި ފެތުރެނީ ކެއްސައި ކިނބިހި އެޅުމުގެ ޒަރީއާއިންނެވެ. އަދި މި ބަލި ޖެހުމަށްފަހު ދެވޭ ވަކި ހާއްސަ ފަރުވާއެއް ނެތެވެ.

މި ބަލީގެ ނުރައްކާތެރި ހާލަތުގައި ސިކުނޑި ދުޅަވުމާއި، ނޭވާލާން އުނދަގޫވުން ފަދަ ކަންކަން ހިމެނެ އެވެ. މިއީ ކޮންމެ މީހަކަށް ވެސް ޖެހިދާނެ ބައްޔަކަށް ވިޔަސް، އެންމެ އާންމީ ކުޑަކުދިންގެ ތެރޭގަ އެވެ.

މިހާރު ބަންގްލަދޭޝްގައި މި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން އެންމެ ގިނައީ ހަ މަހާއި ފަސް އަހަރާ ދެމެދުގެ ކުދިންނެވެ.

ކުޑަކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތް ސިއްހީ އޮފިޝަލުން ގެންދަނީ 170 މިލިއަނުގެ އާބާދީއެއް އޮންނަ މި ގައުމުގައި، އދ. ގެ ކުޑަކުދިންގެ އިދާރާ (ޔުނިސެފް) އާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި ސަލާމަތީ ބާރުތަކުގެ ވެސް އެހީއާ އެކު ކުރަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެންމެ ފަހުން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު 95،000 އެއްހާ މީހުން ހިމަބިހި ޖެހިގެން މަރުވެ އެވެ. މީގެ ތެރޭގައި ގިނައީ ވެކްސިން ނުޖަހާ ނުވަތަ ފުރިހަމައަށް ވެކްސިން ނުދެވޭ، އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނެވެ. -- އޭއެފްޕީ