އީރާނުން މިސައިލާއި ޑްރޯނުން ހަމަލާ ދީފައިވާ ކަމަށާއި ބައެއް ހަމަލާތައް، ހަކަތަ އުފައްދާ ކާރުހާނާއަކަށް އަމާޒުވެ އެތަނުގައި ރޯވެފައިވާ ކަމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ބުނެފި އެވެ. 

ނަމަވެސް އީރާންގެ ގައުމީ ޓީވީން މީގެ އިރުކޮޅެއް ކުރިން ވަނީ ޔޫއޭއީއަށް ހަމަލާދިނުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށް ބުނެ، މިއީ އެ ގައުމާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ބުނެފަ އެވެ. 

"އިންޑިއާ ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ފަރުވާ ދިނުމަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި،" ފުޖެއިރާގެ މީޑިއާ އޮފީހުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ޔޫއޭއީން ބުނީ މި ހަމަލާތަކުގެ ރައްދު ދިނުމުގެ ހުރިހާ ހައްގެއް ޔޫއޭއީއަށް ލިބިފައިވާ ކަމަށެވެ. 

މިއީ ހާލަތު އިތުރަށް ގޯސްކުރުމަށް ދިން ނުރައްކާތެރި ހަމަލާތެއް ކަމަށް ބުނެ ޔޫއޭއީން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. 

"މި ހަމަލާތަކަކީ އިތުރަށް ހާލަތު ނުރައްކާކުރުން، މިއީ ގައުމުގެ ސަލާމަތާއި، ހަމަޖެހުމާއި އަދި ސަރަހައްދުތަކުގެ ރައްކާތެރިކަމަށް ސީދާ ގޮތުން ކުރިމަތިވި ނުރައްކަލެއް،" ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.

އަނެއްކޮޅުން، އުމާނުން ވެސް ވަނީ ހޮރްމޫޒް ކަނޑުއޮޅީގެ އައްސޭރީގައި އޮންނަ ބުޚާގެ އިމާރާތަކަށް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ބުނެފަ އެވެ. ހަމަލާ އެރީ ކުންފުންޏެއްގެ މުވައްޒަފުން ތިބޭ އިމާރާތަކަށް ކަމަށާއި ހަމަލާގައި ދެ މީހަކު ޒަހަމްވެފައިވާ ކަމަށް ވެސް ބުންޏެވެ. 

މި ހާދިސާތައް ހިނގާފައި މި ވަނީ އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން އެމެރިކާއިން ހާއްސަ އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ. އީރާނުން ބުނެފައިވަނީ ހޮރްމޫޒު ކަނޑުއޮޅިއަށް ބޭރުގެ އަސްކަރިއްޔާއަކުން، އަދި ހާއްސަކޮށް އެމެރިކާގެ އަސްކަރިއްޔާއިން ވަދެފި ނަމަ އެއީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހިލާފުވުން ކަމުގައި ބަލާނެ ކަމަށެވެ. 

ހަމަލާ ދިނުމުގެ ކުރިން އެމެރިކާއިން ވަނީ އެ ގައުމުގެ މަނަވަރުތަކެއް ހޮރްމޫޒް ކަނޑުއޮޅިއަށް ވަދެ އެމެރިކާގެ ދެ ބޯޓެއް ރައްކާތެރިކަމާ އެކު އެ ސަރަހައްދުން ނެރެގެން ގެންދިޔަ ކަމަށް ބުނެފަ އެވެ.