ޓެމިލް ނާޑޫގެ ސިޔާސީ މަސްރަހަށް ބޮޑު އިންގިލާބެއް ގެނެސް، އިންޑިއާގެ އެންމެ މަޝްހޫރު އެއް ފިލްމީ ތަރި ވިޖޭ އާއި އޭނާގެ ޕާޓީ ތަމިގާޒާ ވޭތުރި ކަޒަގަމް (ޓީވީކޭ) އިން އިންތިހާބުގައި ތާރީހީ ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.
އިއްޔެ އިއުލާންކުރި އެސެމްބްލީ އިންތިހާބުގެ ނަތީޖާ ދައްކާގޮތުން، އުފެދުނުތާ ދެ އަހަރުވެފައިވާ މި ޕާޓީ ވަނީ އެ ސްޓޭޓްގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީގެ މަގާމު ހޯދައިފަ އެޗެ.
މި ނަތީޖާއާ އެކު ވަނީ ފާއިތުވި 50 އަށް ވުރެ ގިނަ އަހަރު ޓެމިލް ނާޑޫގެ ސިޔާސީ މައިދާނުގައި ވެރިކަން ކުރަމުން އައި ޑީއެމްކޭ އަދި އޭއައިއޭޑީއެމްކޭގެ ވެރިކަން ނިމުމަކަށް އައިސްފަ އެވެ.
ނަތީޖާ ދައްކާ ގޮތުން ޓީވީކޭ އަށް 108 ގޮނޑި ލިބުނު އިރު ޑީއެމްކޭ އަށް ލިބުނީ 59 ގޮނޑި އެވެ. އަދި އޭއައިއޭޑީއެމްކޭ އަށް 47 ގޮނޑި ލިބިފައިވެ އެވެ.
ޓީވީކޭ އަކީ އެންމެ ގިނަ ގޮނޑިއާ އެކު ކުރި ހޯދި ޕާޓީ ކަމަށް ވިޔަސް 234 ގޮނޑި ހިމެނޭ އެސެމްބްލީގައި ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ އަޣުލައްބިއްޔަތު ކަމަށްވާ 118 ގޮނޑި އެ ޕާޓީއަށް އެކަނި ލިބޭ ވަރެއް ނުވެ އެވެ. އެހެންވެ ސަރުކާރު އެކުލަވާލަން އެހެން ޕާޓީތަކުގެ ބައިވެރިވުން ބޭނުންވާނެ އެވެ.
އެހެން ފިލްމީ ތަރިން އުފައްދާފައިވާ ޕާޓީތަކާ ހިލާފަށް، ޓީވީކޭ އިން ވަނީ ވިޖޭ މައްކަލް އިޔައްކަމް (ވީއެމްއައި) މެދުވެރިކޮށް 15 އަހަރު ވަންދެން އިޖުތިމާއީ ހަރަކާތްތައް ހިންގައިފަ އެވެ. މީގެ ތެރޭގައި ލޭ ހަދިޔާކުރުމާއި، ފެންބޮޑުވުމުގެ ހާދިސާތަކުގައި ގެއްލުންވި މީހުންނަށް އެހީތެރިވުން ހިމެނެ އެވެ.
މީގެ އިތުރުން އޭނާ ވަނީ ޒުވާނުންނަށް ހާއްސަކޮށް ސިޔާސަތުތަކެއް ނެރެފަ އެވެ. ޒުވާނުންނަށް ވަޒީފާގެ ޔަގީންކަމާއި ތައުލީމާއި ލޯނު އަދި ކިޔަވާކުދިންނަށް ހިލޭ ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގެ ވައުދުތައް ވަރަށް ބޮޑަށް ވައިގައި ހިފި އެވެ.
އޭނާގެ ޕާޓީން ވަނީ އެއްވެސް އިއްތިހާދަކާ ނުގުޅި، 234 ގޮނޑިއަށް ވަކިން ވާދަކުރުމުން އެ ޕާޓީއަކީ ސާފު އަދި ތަފާތު ބަދަލެއް ގެނެސްދޭނެ ބާރެއްގެ ގޮތުގައި އާންމުން ބަލައިގެންފަ އެވެ.
މީގެ އިތުރުން ވިޖޭގެ ފިލްމީ މަގުބޫލުކަމުގެ އިތުރުން، އިޖުތިމާއީ އިންސާފާއި ހަމަހަމަކަމަށް އޭނާ ކުރި މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ.
މި ނަތީޖާއާއެކު ޓެމިލް ނާޑޫގެ ސަރުކާރު އެކުލަވާލުމާ ގުޅޭގޮތުން ވަރަށް ބޮޑެތި ބަހުސްތަކެއް ވަނީ ފެށިފަ އެވެ. ވިޖޭ ޕާޓީއަށް 118 ގޮނޑި ހަމަނުވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ އެކި ފަރާތްތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ބެލެވެ އެވެ.
ދެ ހާސް ސައުވީސް ވަނަ އަހަރުގެ ފެބްރުއަރީ މަހު އުފެއްދި ޓީވީކޭއަށް ލިބުނު މި ކާމިޔާބީއަކީ 1980 ގެ އަހަރުތަކުގައި އެންޓީ ރާމާ ރާއޯއަށް ފަހު، ފިލްމީ ދާއިރާއިން ސިޔާސީ މައިދާނަށް ނުކުމެ ޕާޓީއެއް އުފެއްދިތާ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ބޮޑު ކާމިޔާބީއެއް ހޯދި ފަހަރެވެ.