އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސީ. ޖޯސެފް ވިޖޭ މިއަދު  ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަމުގެ ހުވާކޮށްފިއެވެ.

ވިޖޭ ޗީފް މިނިސްޓަރުކަމަށް އައީ އިންތިހާބުގައި އޭނާގެ ޕާޓީއަށް އެންމެ ގިނަ ގޮނޑި ލިބުނު ކަމުގައި ވިޔަސް ސަރުކާރު އެކުލަވާލަން ބޭނުންވާ ވަރަށް ގޮނޑި ނުލިބުމުން އެހެން ޕާޓީތަކާ އެކު ކޯލިޝަން ހަދައިގެންނެވެ.

ވިޖޭގެ ޓީ.ވީ.ކޭ ޕާޓީއަށް އިންތިހާބުގައި 108 ގޮނޑި ލިބުނު ނަމަވެސް، އެއީ މަޖިލީހުގެ އަޣުލަބިއްޔަތަށްވުރެ މަދު އަދަދެކެވެ. ނަމަވެސް އިދިކޮޅު ކޮންގްރެސް ޕާޓީ ހިމެނޭހެން އެހެން ޕާޓީތަކުގެ އެހީތެރިކަމާ އެކު ޖުމްލަ 120 ގޮނޑި ހަމަކޮށް، އޭނާ ވަނީ ވެރިކަމަށް އައުމުގެ މަގު ފަހިކޮށްފަ އެވެ.

ޓެމިނަލް ނާޑޫގެ ވެރިރަށް، ޗެންނާއީގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައި ބޭއްވި މި ރަސްމިއްޔާތަށް އެތައް ހާސް ސަޕޯޓަރުންނެއް އެއްވެ، ތަމަޅަ ބަހުން "މުދަލްވަރު" ނުވަތަ "ޗީފް މިނިސްޓަރު" ގެ ނަމުން ގޮވަމުންދިޔަ އެވެ.

އުމުރުން 51 އަހަރުގެ ވިޖޭ ބުނީ އޭނާއަކީ ސިޔާސީ އާއިލާއަކުން އައި މީހެއް ނޫން ކަމަށާއި، އޭނާއަކީ އާންމު ރައްޔިތެއް ކަމަށެވެ. އޭނާގެ ސަރުކާރުގެ އެންމެ އިސް އަމާޒަކީ ތައުލީމާއި، ސިއްހަތާއި، ބޯފެނާއި، މަގުތަކާއި ދަތުރުފަތުރުގެ ވަސީލަތްތައް ރަނގަޅުކުރުން ކަމަށް ބުންޏެވެ. އޭނާގެ ފުރަތަމަ ސިޔާސަތުތަކުގެ ތެރޭގައި ކަރަންޓުގެ އަގު ހެޔޮކުރުމާއި އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކުރުން ހިމެނެ އެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވިޖޭއަށް މަރުހަބާ ވިދާޅުވެ، ރައްޔިތުންގެ ދިރިއުޅުން އުޖާލާކުރުމަށް މަރުކަޒީ ސަރުކާރުން އެއްބާރުލުން ދޭނެކަމަށް ވިދާޅުވެފަ އެވެ.

ވިޖޭއަކީ ކްރިސްޓިއަން ބައްޕައަކާއި ހިންދޫ މަންމައަކަށް އުފަންވި، 1984 ވަނަ އަހަރު ކުޑަ ކުއްޖެއްގެ ގޮތުގައި އެކްޓްކުރަން ފެށި ފަންނާނެކެވެ. އޭނާގެ މަގުބޫލުކަމުގެ ސަބަބުން ސަޕޯޓަރުން އޭނާއަށް "ތަލަޕަތީ" (ތަމަޅަ ބަހުން ނަމަ ލީޑަރު) ގެ ނަމުން މުހާތަބު ކުރެ އެވެ.

ވިޖޭ 2024 ވަނަ އަހަރު ޓީ.ވީ.ކޭ އުފެއްދީ ކޮރަޕްޝަން ނައްތާލައި އިޖުތިމާއީ އިންސާފު ގާއިމުކުރުމުގެ ވައުދާއެކުގަ އެވެ. ތަޖުރިބާކާރުން ބުނާގޮތުގައި، ޒުވާނުން އާ ލީޑަރަކަށް ބޭނުންވެފައި އޮތް ދަނޑިވަޅެއްގައި ވިޖޭއަށް މި ފުރުސަތު ލިބުނީ އޭނާގެ ފިލްމީ މަގުބޫލުކަމުގެ ސަބަބުންނެވެ.