އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓްގެ ސަރުކާރު ހޮސްޕިޓަލްތަކުގައި ވިހާ ކޮންމެ ކުއްޖަކަށް 1 ގްރާމްގެ ރަން އަނގޮޓިއެއް ހަދިޔާކުރާ ހާއްސަ ވެލްފެއާ ސްކީމެއް ތައާރަފްކުރަން އެ ސްޓޭޓްގެ ސަރުކާރުން ނިންމައިފި އެވެ.
"ތައިމާމަން ތަންގަ މޯތިރަމް ތިއްތަމް" (މައިފުށުގެ ބޮޑުބޭބެގެ ރަން އަނގޮޓި ސްކީމް) ގެ ނަމުގައި ހިންގާ މި މަޝްރޫއު އަކީ އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭ އިސްނަންގަވައިގެން ފެއްޓެވި ކަމެކެވެ. މި މަޝްރޫއު ރަސްމީކޮށް އިފްތިތާހް ކުރުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 28 ގަ އެވެ.
މި ސްކީމް ބިނާކޮށްފައިވަނީ ޓެމިލް ސަގާފަތުގައި އޮންނަ "ތައި މާމަން ސީރް" އާދަކާދައިގެ މައްޗަށެވެ. އެއީ އަލަށް އުފަންވާ ކުއްޖާއަށް މައިފުށުގެ ބޮޑުބޭބެ ރަން ހަދިޔާކުރުމުގެ ސަގާފަތެކެވެ. މި ސްކީމްގެ ދަށުން ސަރުކާރުން ރަމްޒުކޮށްދެނީ އެ ބޮޑުބޭބެގެ ދައުރެވެ.
މި ކަމުގެ ބޭނުމަކީ ސަރުކާރުގެ ސިއްހީ ފެސިލިޓީތަކުގައި ރައްކާތެރިކަމާ އެކު ކުދިން ވިހެއުމަށް ހިތްވަރުދިނުމާއި، ސަރުކާރުގެ ބޭސްފަރުވާއަށް ރައްޔިތުންގެ އިތުބާރު ބޮޑުކުރުމެވެ.
މި މަޝްރޫއަށް އަހަރަކު 755.83 ކްރޯޑް ރުޕީސް (79 މިލިއަން ޑޮލަރު) ސަރުކާރުން ހަރަދުކުރާނެ އެވެ. އަދި މި ސްކީމްގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 4.2 ލައްކަ ކުދިންނަށް މަންފާކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ހަދިޔާކުރާ އަނގޮޓި ވަގަށް ނެގުން ފަދަ ކަންކަމުން ރައްކާތެރިކުރުމަށް ކޮންމެ އަނގޮޓިއެއްގައި ވެސް ހާއްސަ ސީރިއަލް ނަންބަރެއް ޖަހާނެ އެވެ. އަދި ބަންދުކޮށްފައިވާ ރައްކާތެރި ޕެކެޓެއްގައި މި އަނގޮޓި މައިންނަށް ހަވާލުކުރާނީ ހޮސްޕިޓަލުން ދޫކޮށްލާ ވަގުތު އެވެ.
މި ސްކީމްގެ ދަށުން ރަން އަނގޮޓި ލިބޭ ޝަރުތުތަކަކީ؛
- ދެމަފިރިންނަކީ ޓެމިލް ނާޑޫގެ ދާއިމީ ރައްޔިތުން ކަމުގައިވުން.
- ކުއްޖާ ވިހަންވާނީ އެ ސްޓޭޓްގެ ސަރުކާރު ހޮސްޕިޓަލެއްގައި.
- އައިޑީ ކާޑު، ރޭޝަން ކާޑު ނުވަތަ ވޯޓުލާ ކާޑު ފަދަ ރެސިޑެންސީ ސާބިތުކޮށްދޭ ލިޔުމެއް ހުށަހެޅުން.
މި މަޝްރޫއު ރަސްމީކޮށް މި މަހުގެ 28 ގައި ފެށި ނަމަވެސް، މިދިޔަ ޖޫން 22 އިން ފެށިގެން ސަރުކާރު ހޮސްޕިޓަލްތަކުގައި އުފަންވެފައިވާ ހުރިހާ ކުދިންނަށް މި އަނގޮޓި ދޭނެ އެވެ. އެއީ ޗީފް މިނިސްޓަރު ވިޖޭގެ އުފަންދުވަހާ ދިމާކޮށް ސަރުކާރުން ނިންމި ނިންމުމެކެވެ.
އިންތިހާބާ ބެހޭ ގަވާއިދުތަކުގެ ސަބަބުން ބައި-އިލެކްޝަން އޮންނަ ބައެއް ޑިސްޓްރިކްޓްތަކުގައި މި މަޝްރޫއު ކުރިއަށްގެންދިއުން ވަގުތީގޮތުން ވަނީ ފަސްކޮށްފަ އެވެ.