އީރާނުގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައި ވުމުން ފޮރިން އެކްސްޗޭންޖް ރިޒާވަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، ކުރިއަށް އޮތް އެއް އަހަރު ދުވަހު ރަން ނުގަތުމަށާއި މުހިންމު ކަމެއްގައި ނުނީ ގައުމުން ބޭރަށް ދަތުރު ނުކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ ގައުމުގެ ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.
އިންޑިއާގެ އިގްތިސާދީ ދުވެލި މަޑުޖެހި، ފައިސާގެ އަގު ހިފެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ބޮޑުވަޒީރު މޯދީ ވަނީ ގައުމަށްޓަކައި، ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އިންޑިއާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ރަން އިމްޕޯޓްކުރާ ގައުމަށް ވާއިރު، ރަން ގަތުމަށްޓަކައި ގައުމުން ބޭރުކުރާ ބޭރު ފައިސާގެ ސަބަބުން އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރެ އެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ހިނގާ މާލީ އަހަރުގައި އެކަނިވެސް އިންޑިއާއިން ވަނީ 72 ބިލިއަން ޑޮލަރުގެ ރަން އިމްޕޯޓްކޮށްފަ އެވެ. މިއީ އެ ގައުމުގެ ޖުމްލަ އިމްޕޯޓް ބިލުގެ 10 ޕަސެންޓެވެ. ބޮޑުވަޒީރުގެ އިލްތިމާސަކީ ކުރިއަށް އޮތް އަހަރު ދުވަހު ރަން ގަތުން ހުއްޓާލައި، އެ ފައިސާ ގައުމުގެ ރިޒާވްގައި ބެހެއްޓުމެވެ. މީގެ އިތުރުން، ބޭރު ގައުމުތަކަށް ކުރާ ޒަރޫރީ ނޫން ދަތުރުތައް މަދުކުރުމަށާއި، ބޭރު ގައުމުތަކުގައި ބާއްވާ "ޑެސްޓިނޭޝަން ވެޑިން" ތައް ނުބޭއްވުމަށާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް މަދުކުރުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލ ދެމެދު އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ވަނީ ގޮސްފަ އެވެ. އިންޑިއާއަކީ ބޭނުންވާ ތެލުގެ 88 ޕަސެންޓް އިމްޕޯޓްކުރާ ގައުމަކަށްވާތީ، ތެލުގެ އަގު އުފުލުމަކީ އިންޑިއާގެ ރުޕީސްގެ އަގު ވެއްޓުމަށް މެދުވެރިވާ މައިގަނޑު ސަބަބެކެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، މޯދީ ވަނީ ތެޔޮ އިގްތިސާދު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ގޮވާލައްވައިފަ އެވެ. މީގެ ތެރޭގައި، ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ ސަގާފަތް އަލުން އިޔާދަކުރުމަށް ވެސް ލަފާ ދެއްވި އެވެ.
މާލީ މާހިރުން ދެކޭގޮތުގައި، ބޮޑުވަޒީރުގެ މި ނިންމެވުމަކީ "އިގްތިސާދީ ކުއްލި ހާލަތެއްގެ" ގޮތުގައި ބެލެވިދާނެ ފިޔަވަޅެކެވެ. ރައްޔިތުން ރަން ގަތުން މަދުކޮށްފި ނަމަ، ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރު ގައުމުގެ ރިޒާވްގައި ހިފެހެއްޓޭނެ އެވެ. ނަމަވެސް، މިކަމުގެ ސަބަބުން، ރަން ވިއްކާ ވިޔަފާރިތަކަށާއި، އިންޑިއާގެ ޓޫރިޒަމަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމުގެ ބިރު ވެސް ވަނީ ހީވެފަ އެވެ.
މި ޚަބަރާއެކު އިންޑިއާގެ ހިއްސާގެ ބާޒާރުގައި ވަނީ ރަން ވިއްކާ ކުންފުނިތަކާއި އެއާލައިންތަކުގެ ހިއްސާގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ސަރުކާރުން ބުނާ ގޮތުގައި މިއީ ގައުމުގެ ދިގުމުއްދަތުގެ އިގްތިސާދީ ރައްކާތެރިކަމަށްޓަކައި މިވަގުތުން ވަގުތަށް އަޅަންޖެހިފައިވާ މުހިންމު ފިޔަވަޅެކެވެ.