ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވުމުގެ ސަބަބުން އިންޑިއާގެ މާލީ ހާލަތަށް ބާރުބޮޑުވެފައިވާ ދަނޑިވަޅެއްގައި، ދައުލަތުގެ ބަޖެޓަށް އެހީތެރިވުމުގެ ގޮތުން ރެކޯޑް އަދަދެއް ކަމަށްވާ 2.86 ޓްރިލިއަން ރުޕީ (29.9 ބިލިއަން ޑޮލަރު) ސަރުކާރަށް ދޫކުރުމަށް ފާސްކޮށްފައިވާ ކަމަށް އިންޑިއާގެ މަރުކަޒީ ބޭންކުން ހުކުރު ދުވަހު ބުނެފި އެވެ.
ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ބުނި ގޮތުގައި، މި "ސާޕްލަސް ފައިސާ ޓްރާސްފާކުރުމަށް" ބޭންކުގެ ބޯޑުން ހުއްދަ ދިނީ މިހާރުގެ މެކްރޯއިކޮނޮމިކް ހާލަތަށާއި، ބޭންކުގެ މާލީ ހިންގުމަށާއި، އަދި ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް ބަހައްޓަންޖެހޭ ފައިސާގެ ރިޒާވްތަކަށް ބެލުމަށްފަހުގަ އެވެ.
އާރުބީއައި އިން ކޮންމެ އަހަރަކުވެސް ސަރުކާރަށް ފައިސާ ދޫކުރެ އެވެ. މި ފައިސާއަކީ ބޭންކުން ކުރާ އިންވެސްޓްމަންޓްތަކާއި، ނޫޓު ޗާޕުކުރުމާއި، ފައިސާފޮތި ޖެހުން ފަދަ ކަންކަމުން ލިބޭ އިތުރު އާމްދަނީ (ސާޕްލަސް) އަށް ބިނާކޮށް ދޭ ފައިސާ އެވެ.
އިންޑިއާގެ 2025-26 ގެ މާލީ އަހަރަށް ދޫކުރާ މި ފައިސާގެ އަދަދު، މިދިޔަ އަހަރު ދޫކުރި 2.69 ޓްރިލިއަން ރުޕީއަށްވުރެ އިތުރެވެ. ނަމަވެސް، މިއީ އިގްތިސާދީ މާހިރުން ލަފާކުރި ތިން ޓްރިލިއަން ރުޕީއަށްވުރެ ކުޑަ އަދަދެކެވެ.
މުޅި ދުނިޔޭގައި އެންމެ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ މައި އިގްތިސާދު ކަމަށްވާ އިންޑިއާއަށް ވަނީ، އީރާނު ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އައި ލޮޅުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.
ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ ގަންނަ އިންޑިއާއިން، ސާފު ނުކުރާ ތެލުގެ އާންމުކޮށް ދެބައިކުޅައެއްބައި އެތެރެކުރަނީ ހަނގުރާމައިގެ ސަބަބުން ބަންދުވެފައިވާ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށެވެ. ނަމަވެސް، ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނީއްސުރެ އީރާނުން ވަނީ މި ކަނޑުގެ ސަރަހައްދު ބަންދުކޮށްފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމުގެ ސަބަބުން އިންޑިއާގެ އިމްޕޯޓް ބިލް ބޮޑުވެ، އިންފްލޭޝަން މަތިވުމުގެ ބިރު ވަނީ ހީވެފަ އެވެ. އަދި މިކަމުގެ ސަބަބުން ކަރަންޓް އެކައުންޓް ޑެފިސިޓް 14 އަހަރުތެރޭ ނުދާހާ މައްޗަށް ގޮސް، އިންޑިއާ ރުޕީގެ އަގު އިތުރަށް ވެއްޓުމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.
މީގެ އިތުރުން ގަސްކާނާގެ އަގުބޮޑުވުން، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ދަނޑުވެރިންނަށްދޭ ސަބްސިޑީ ބިލް ބޮޑުވެ، ބަޖެޓަށް ވަނީ އިތުރަށް ބާރު ބޮޑުވެފަ އެވެ.
އިގްތިސާދީ މާހިރުން މިހާރު ވަނީ 2026-27 ގެ މާލީ އަހަރަށް އިންޑިއާގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރު ދަށްކޮށްފަ އެވެ. އަދި ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި އިންޑިއާގެ ފިސްކަލް ޑެފިސިޓް، ކަނޑައަޅާފައިވާ ބަޖެޓް އަމާޒަށްވުރެ ބޮޑުވެދާނެ ކަމުގެ އިންޒާރު ވެސް މާހިރުން ވަނީ ދީފަ އެވެ. -- އޭއެފްޕީ