އިންޑިއާގައި ރަނުގެ ގަހަނާގެ ބަރުދަން އިތުރުކުރުމަށް، އާދައިގެ ޓެސްޓު މެޝިންތަކަށް ނުފެންނަ ފަދަ މައުދަންތަކެއް އެއްކޮށްގެން ވިއްކާ ބޮޑު ސްކޭމެއް ފަޅާއަރައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ސްކޭމްގައި ބޭނުންކުރަނީ ޗައިނާއިން އެތެރެކުރާ "ރީނިއަމް" އަދި "އިރީޑިއަމް" ފަދަ ބަރު މައުދަންތަކުގެ ޕައުޑަރެކެވެ. ވިޔަފާރިވެރިންގެ މެދުގައި "މިސްޓަ އިންޑިއާ" ޕައުޑަރުގެ ނަމުން މަޝްހޫރުވެފައިވާ މި މާއްދާ ރަނާ އެއްކުރުމުން، ރަނުގެ ކުލައަށް ނުވަތަ ސިފައަށް އެއްވެސް ބަދަލެއް ނައިސް ބަރުދަން އިތުރުވެ އެވެ.

މި ޕައުޑަރުގެ ބަރުދަނާއި އެކްސް-ރޭ ސިގްނަލް ހުންނަނީ އަސްލު ރަނާ ދާދި އެއްގޮތަކަށް ކަމަށްވާތީ، ގަހަނާ ފިހާރަތަކުގައި ރަނުގެ ސާފުކަން ބަލަން ބޭނުންކުރާ އާދައިގެ މެޝިންތަކަށް ވެސް މި އޮޅުވާލުން ދެނެގަނެވޭ ގޮތެއް ނުވެ އެވެ. އެހެންކަމުން، 25 ޕަސެންޓާ ހަމައަށް މި ޕައުޑަރު އެއްކޮށްފައި ހުންނަ 20 ކަރަޓްގެ ރަން ވެސް، ޓެސްޓު ކުރާއިރު 22 ކަރަޓްގެ ސާފު ރަނުގެ ގޮތުގައި ދައްކަ އެވެ.

އިންޑިއާގެ ބުލިއަން އެންޑް ޖުވެލާސް އެސޯސިއޭޝަން (އައިބީޖޭއޭ) އިން ތުހުމަތުކުރާ ގޮތުގައި، ބައެއް ގަހަނާ އާއި ރަނުގެ ސާފުކަން ކަށަވަރުކޮށްދޭ ހޯލްމާކިން ސެންޓަރުތައް ގުޅިގެން، މިފަދަ ސައްހަ ނޫން ގަހަނާތަކަށް ސައްހަކަމުގެ ހޯލްމާކް ޖަހައިދެ އެވެ. އަދި ރަޖިސްޓްރީ ނުކޮށް ހިންގާ ގާތްގަނޑަކަށް 4،000 އެއްހާ ގޯލްޑް ރިފައިނަރީތައް އެ ގައުމުގައި ހުރުމަކީ ސާފުނޫން ރަން ބާޒާރަށް ވަނުމަށް އޮތް ބޮޑު ދޮރެއް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.


ރަން ގަންނަ މީހުން ސަމާލުވާންވީ ކަންކަން:

  • ގަހަނާގައި ޖަހާފައިވާ ހަ އަކުރުގެ "އެޗްޔޫއައިޑީ" ކޯޑު، "ބީއައިއެސް ކެއާ" އެޕް މެދުވެރިކޮށް ޗެކްކޮށް، ބަރުދަނާއި ތަފްސީލު ދިމާވޭތޯ ބެލުން.
  • ރަނުގެ ސާފުކަމާއި، ބަރުދަނާއި، އަގު ތަފްސީލުކޮށް އެނގޭނެހެން ރަސްމީ ޖީއެސްޓީ ބިލެއް ހޯދުން.
  • ބާޒާރުގެ އަގަށް ވުރެ މާ ބޮޑުތަން އަގުހެޔޮކޮށް ވިއްކާ ރަނަށް ސަމާލުވުން.
  • އިތުބާރު ހުރި ފިހާރަތަކުން ގަތުމާއި، އަނބުރާ ވިއްކާލާއިރު ހަމައަގު ލިބޭނެ (ބައިބެކް) ޕޮލިސީ އޮތްތޯ ބެލުން.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ބިއުރޯ އޮފް އިންޑިއަން ސްޓޭންޑަޑްސް (ބީއައިއެސް) އިން ވަނީ ބުނެފަ އެވެ. އަދި ވިޔަފާރިވެރިންގެ ޖަމިއްޔާތަކުން ވަނީ ރީނިއަމް ޕައުޑަރު އެތެރެކުރުން ހުއްޓުވުމަށާއި، އޮޅުވާލާ ފަރާތްތަކުގެ ލައިސަންސް ބާތިލްކޮށް، ރަން ޓެސްޓުކުރާ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.