ވަޓްސްއެޕް ބޭނުންކުރާ މީހުންނަށް ފޯނު ނަންބަރުގެ ބަދަލުގައި ޔޫޒަނޭމެއް ބޭނުންކުރެވޭ ގޮތަށް މެޓާއިން ތައާރަފުކުރަން އުޅުނު ފީޗާ އިންޑިއާގައި ކުރިއަށްގެންދިއުން އެ ގައުމުގެ ސަރުކާރުން ކުއްލި ގޮތަކަށް ހުއްޓުވައިފި އެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ އިން ވަނީ މި ފީޗާ ރޯލްއައުޓްކުރުން ވަގުތުން މެދުކަނޑާލުމަށް މެޓަ ކުންފުންޏަށް އަމުރުކޮށް، ސައިބަ ކްރައިމްއާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތަފްސީލު ތިން ދުވަސް ތެރޭގައި ހުށަހެޅުމަށް އަންގައިފަ އެވެ. މި ފީޗާ ހުއްޓުވަން އިންޑިއާ ސަރުކާރުން ނިންމި މައިގަނޑު ސަބަބުތަކަކީ:
- އޮޅުވާލައިގެން މީހުންގެ ނަމުގައި އެކައުންޓް ހެދުން: މުހިންމު މީހުންނާއި، ސަރުކާރުގެ އިދާރާތަކާއި، ބޭންކުތަކުގެ ނަމުގައި ފޭކު ޔޫޒާނޭމްތައް ހަދައިގެން މަކަރާއި ހީލަތް ހެދުމުގެ ފުރުސަތު ބޮޑުވުން.
- ސްކޭމްތައް އިތުރުވުން: ފޯނު ނަންބަރު ނޭނގި މެސެޖު ކުރެވޭތީ، އޮންލައިން ފްރޯޑާއި "ޑިޖިޓަލް އެރެސްޓް" ފަދަ ބޮޑެތި ސްކޭމްތައް އިތުރުވެދާނެ ކަމުގެ ބިރު އޮތުން.
- ތަހުގީގަށް ހުރަސްއެޅުން: މަކަރާއި ހީލަތް ހަދާ މީހުންނަކީ ކޮބައިކަން ދެނެގަތުމަށް ފުލުހުންނާއި ތަންފީޒީ އިދާރާތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުން.
މި ނިންމުމާ ގުޅިގެން، އިންޑިއާގައި މި ފީޗާ މިހާރު އޮތީ މަޑުޖައްސާލައިފަ އެވެ. ވަޓްސްއެޕުން ބުނާ ގޮތުގައި މި ފީޗާ އަކީ ޕްރައިވެސީ ރައްކާތެރިކުރުމަށް ހަދާފައިވާ ފީޗާއެކެވެ. އަދި ނޭނގޭ މީހުން މެސެޖުކުރުން ހުއްޓުވުމަށް 4 ނަންބަރުގެ ޕިން ކޯޑެއް ބޭނުންކުރަންޖެހޭ ގޮތަށް ހަދާފައިވީ ނަމަވެސް، އިންޑިއާ ސަރުކާރުގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބެނީސް މި ފީޗާ އެ ގައުމަކު ރަސްމީކޮށް ނުފެށޭނެ އެވެ.
ޔޫޒާ ނޭމް ތައާރަފްކުރަމުން ވަޓްސްއެޕުން ބުނެފައިވަނީ މި ފީޗާގައި، ފޯނު ނަންބަރު ހާމަވުމުގެ ފުރުސަތު ހަނިކުރުމުން، ބޮޑެތި ގްރޫޕް ޗެޓްތަކަށް މީހުން އިތުރުކުރާއިރު ނުވަތަ ފުރަތަމަ ފަހަރަށް މީހަކަށް ނުވަތަ ވިޔަފާރިއަކަށް މެސެޖުކުރާއިރު، އަމިއްލައަށް ފޯނު ނަންބަރު ނުފެންނާނެ ކަމަށެވެ.
މީގެ އިތުރުން، މެޓާއިން ބުނި ގޮތުގައި މީހުންގެ ޔޫޒާ ނޭމްގެ ޑައިރެކްޓަރީއެއް ނުވަތަ ލިސްޓެއް ނޯންނާނެ އެވެ. އަދި ޔޫޒާ ނޭމުން މީހުން ހޯދާއިރު "ސަޖެޝަން" ނުވަތަ ގުޅޭ ނަމެއް ވެސް ނުފެންނާނެ ކަމަށާއި އެ މީހަކާ މުއާމަލާތުކުރަން ބޭނުން ނަމަ ޖެހޭނީ ސީދާ އެ މީހެއްގެ ޔޫޒާ ނޭމް އެނގެން ކަމަށް ބުންޏެވެ.
އެ ކުންފުނިން ބުނީ ކުރިއަށް އޮތް މަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޔޫޒާ ނޭމް ރިޒާވްކުރުމުގެ ފުރުސަތު މަޑުމަޑުން ހުޅުވާލާނެ ކަމަށާއި، ކޮންމެ ގައުމަކަށް މި ހިދުމަތް ލިބެން ފެށުމުން އެ ގައުމެއްގެ މީހުންނަށް އެކަން އަންގާނެ ކަމަށެވެ.
ކްރިއޭޓަރުންނާއި، ކުދި ވިޔަފާރިތަކާއި ޖަމިއްޔާތަކަށް، މެޓާގެ ދަށުން ހިންގާ ފޭސްބުކް ނުވަތަ އިންސްޓަގްރާމްގައި މިހާރުވެސް ބޭނުންކުރަމުން އަންނަ ޔޫޒާނޭމް ވަޓްސްއެޕްގައި ވެސް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.