އިންޑިއާގެ ޓެމިލް ނާޑޫގެ ކޮއިމްބަތޫރުގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު ވަގަށް ނަގައި، ރޭޕްކޮށް، ރަހުމްކުޑަގޮތަކަށް މަރާލި މައްސަލައަކާ ގުޅިގެން ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއް ފެށުމުގެ ކުރިން ފުލުހުން ހޭން ތިއްބާ ފެންނަ ވީޑިއޯއެއްގެ މައްސަލަ ބޮޑުވެއްޖެ އެވެ.
ކޮއިމްބަތޫރުގެ ސުލޫރު ސަރަހައްދުން ގެއްލިގެން ހޯދަމުންދިޔަ 10 އަހަރުގެ އަންހެން ކުއްޖަކު ފެނިފައިވަނީ ކުޅިއެއްގެ ކައިރިއަށް އެއްލާލާފައި އޮއްވަ އެވެ. ތަހުގީގުން އެނގުނުގޮތުގައި އެކުއްޖާ ވަނީ ރަހީނުކޮށް، ޖިންސީ ގޯނާކުރުމަށް ފަހު މަރާލައިފަ އެވެ. މި މައްސަލައިގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މި ހާދިސާއާ ގުޅޭ މައުލޫމާތު ދޭން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައިވެރިވި ފުލުހުންގެ ތެރެއިން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނީ ވެސްޓް ޒޯންގެ އިންސްޕެކްޓަ ޖެނެރަލް އޮފް ޕޮލިސް (އައިޖީޕީ) އާރް. ވީ. ރާމްޔާ ބާރަތީ އަށެވެ. މިފަދަ ހިތާމަވެރި އަދި ސީރިއަސް މައްސަލައެއްގައި ނޫސްވެރިންނާ ބައްދަލުކުރުމުގެ ކުރިން، އޭނާ ގަދަޔަށް ހެވިފައި ހުރެ މަޖާ މިޒާޖެއްގައި ވާހަކަދައްކަން އިނުމުން އާންމުން ވަނީ މިފަދަ މައްސަލައެއް ބެލުމުގެ ސީރިއަސްކަން ފުލުހުންގެ ކިބައިގައި ނެތްކަން ހާމަވެއްޖެ ކަމަށެވެ. ޕްރެސްގައި ދެން ބައިވެރިވި އަނެއް ދެ އޮފިސަރުން ވެސް ހިނިއައިސް ތިބެ ވާހަކަ ދައްކަ އެވެ.
ސޯޝަލް މީޑިއާގައި މީހުން ބުނަމުންދަނީ މުޅި ސްޓޭޓް އެ ކުއްޖާގެ މަރުގެ ހިތާމައިގައި އޮތްއިރު، އިސް އޮފިސަރުން މިފަދަ ގޮތަކަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން، އެ ދުވަހު ޓެމިލް ނާޑޫގެ އިންޑަސްޓްރީޒް މިނިސްޓަރު އެސް. ކީރްތަނާ ވެސް ނޫސްވެރިންނާ ވާހަކަދައްކަވަމުން ހިނިތުންވެފައި ހުންނެވި ވީޑިއޯއަކަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް މިނިސްޓަރު ފަހުން ވިދާޅުވީ އޭނާގެ ބޮޑީ ލޭންގުއޭޖް، ސިޔާސީ ބޭނުމަކަށްޓަކައި ގަސްތުގައި އޮޅުވާލާފައިވާ ކަމަށާއި، އެއީ އެ ހާދިސާއަށް މަލާމާތް ކުރެއްވުމުގެ ގޮތުން ކުރެއްވި ކަމެއް ނޫން ކަމަށެވެ.
މި މައްސަލައިގައި މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު ސީ. ޖޯސެފް ވިޖޭ ވަނީ މި މައްސަލަ ވަރަށް އަވަހަށް ބަލައި އިންސާފު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. ފުލުހުން ހޭން ތިއްވާ ފެންނަ ވީޑިއޯގެ މައްސަލާގައި ފުލުހުން ބުނެފައިވަނީ އެއީ ޕްރެސް ފެށުމުގެ ކުރިން އެހެން ކަމަކާ ދެއްކި ވާހަކައެއްގެ ތެރެއިން ކަމަށާއި ކުއްޖާގެ މަރާ ގުޅޭ އެއްވެސް ކަމެއްގައި ފުލުހުން އެގޮތަށް އަމަލުކޮށްފައިނުވާ ކަމަށެވެ.