މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ސައުދީ އަރަބިއްޔާއަށް އަމާޒުވި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އެ ގައުމުން އީރާނުގެ އެކި ސަރަހައްދުތަކަށް ސިއްރު އަސްކަރީ ހަމަލާތަކެއް ދިން ކަމަށް މިކަމުގެ މައުލޫމާތު ހުރި މީހުންނާ ހަވާލާދީ ރޮއިޓާސް އިން ބުނެފި އެވެ. 

މީގެ ކުރިން މީޑިއާއަށް މައުލޫމާތު ހާމަވެފައިނުވާ މި ހަމަލާތަކަކީ، ސައުދީ އަރަބިއްޔާއިން ސީދާ އީރާނަށް އަސްކަރީ ހަމަލާއެއް ދިންކަން އެނގުނު ފުރަތަމަ ފަހަރެވެ. މިއީ ސަރަހައްދީ ވާދަވެރިޔާ އީރާނުގެ ކުރިމަތީގައި ސައުދީގެ ސިޔާސަތު ބަދަލުކޮށް، އަސްކަރީ ގޮތުން ވެސް ރައްދު ދޭން ތައްޔާރަށް އޮތްކަން ހާމަވާ ކަމެއްގެ ގޮތުގައި، މަސްރަހު ދިރާސާކުރާ މީހުން ބުނެ އެވެ.

މި ހަމަލާތައް ދީފައިވަނީ މާޗް މަހުގެ ފަހުކޮޅު ސައުދީ އެއާ ފޯސް އިން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ހުޅަނގުގެ އޮފިޝަލަކު ބުނި ގޮތުގައި މިއީ އީރާނުން ސައުދީގެ އަމާޒުތަކަށް ދިން މިސައިލް އަދި ޑްރޯން ހަމަލާތަކަށް ދިން ރައްދު ހަމަލާތަކެކެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އީރާނުން ގަލްފުގެ ހަ ގައުމެއްގެ އަސްކަރީ މަރުކަޒުތަކާއި، އެއާޕޯޓުތަކާއި ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް އެތައް ހަމަލާއެއް ދީފައިވެ އެވެ. އަދި އެ ހަމަލާތަކާ ގުޅިގެން އެ ގައުމުތަކުން އޭރު ވަނީ ބަދަލު ހިފުމުގެ ހައްގު އޮންނާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

ޒަމާނުއްސުރެ އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް ބަރޯސާވެފައި އޮތް ސައުދީ އަރަބިއްޔާއިން އަމިއްލައަށް އިސްނަގައިގެން އީރާނަށް ހަމަލާދިނުމަކީ އެ ގައުމުގެ ދިފާއީ ކަންކަމުގެ ސިޔާސަތަށް އައި ބޮޑު ބަދަލެކެވެ. ސައުދީގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ގައުމުގެ އަމާޒަކީ މަސްލަހަތު ގާއިމްކުރުމެވެ. ނަމަވެސް މި ހަމަލާތަކާ ގުޅޭގޮތުން ސީދާ ޖަވާބެއް ނުދެއްވި އެވެ.

އީރާނަށް ސައޫދީން ދިން ރައްދު ހަމަލާތަކަށް ފަހު ދެ ގައުމުގެ ދެމެދުގައި ސިއްރު ޑިޕްލޮމެޓިކް މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށްވެ އެވެ. ސައުދީން ވަނީ އީރާނުން އިތުރަށް ހަމަލާދީފި ނަމަ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދީފަ އެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމަށް ނުރަސްމީ އެއްބަސްވުމަކަށް އާދެވި، އޭޕްރީލް މަހުގެ ކުރީކޮޅުން ފެށިގެން ހަމަލާތައް ވަނީ މަދުވެފަ އެވެ.

މި ރިޕޯޓުގައިވާ ގޮތުން ޔޫއޭއީ އިން ވެސް ވަނީ އީރާނުގެ ތެޔޮ ސާފުކުރާ ބައެއް ތަންތަނަށް ސިއްރު ހަމަލާތަކެއް ދީފަ އެވެ.