އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތަކުގެ ރައްދުގައި، އީރާނުން އަވަށްޓެރި ގައުމުތަކަށް ހަމަލާދެމުން ދާއިރު ސައޫދީގެ ވެރިރަށް ރިޔާޟްގެ ދެކުނުގައި އޮންނަ އަލް ޚަރްޖު ސަރަހައްދުން ދެ މީހަކު މަރުވެ 12 މީހަކު ޒަހަމްވެއްޖެ ކަމަށް ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.
ސިވިލް ޑިފެންސް އެޖެންސީން ބުނީ އަސްކަރީ މިސައިލެއް ނުވަތަ ރޮކެޓެއް ފަދަ އެއްޗެއް އާންމުންގެ ސަރަހައްދަކަށް އަމާޒުވެފައިވާ ކަމަށާއި އެ ހާދިސާގައި ބަންގްލާދޭޝް މީހަކާއި އިންޑިއާ މީހަކު މަރުވެފައިވާ ކަމަށެވެ. މި ހާދިސާގައި 12 މީހަކު ޒަހަމް ވެސްވި ކަމަށް ބުނެފައިވެ އެވެ.
އެކަމަކު މިއީ އީރާންގެ ހަމަލާއެއް ކަމަކަށް ބުނެފައެއް ނުވެ އެވެ.
އަލް ޚަރްޖް ގަވަރުނަރޭޓަކީ އިޒްރޭލާއި އެމެރިކާއިން އީރާނަށް ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން މިހާތަނަށް އެތައް ހަމަލާއެއް އަމާޒުކޮށްފައިވާ، ބޮޑު އެއާ ބޭސްއެއް އޮންނަ ސަރަހައްދެކެވެ.
އީރާނުން ބުނަމުންދަނީ އެ ގައުމުން ހަމަލާ ދެނީ އަވަށްޓެރި ގައުމުތަަކަށް ނޫން ކަމަށާއި އެއީ އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ދޭ ހަމަލާތައް ކަމަށެވެ. ނަމަވެސް ގަލްފުގެ ގައުމުތަކުން ބުނަނީ އީރާންގެ ހަމަލާތައް މަދަނީ އެއާޕޯޓްތަކާއި އާންމުން އުޅޭ ސަރަހައްދުތަކަށް ވެސް އަމާޒުވަމުންދާ ކަމަށެވެ.
އީރާނުން އިއްޔެ ވަނީ އެ ގައުމަށް ހަމަލާ ދިނުމަށް ބޭނުންވާ ސަރަހައްދަކަށް ނޫނީ އީރާނުން ދެން ހަމަލާ ނުދޭނެ ކަމަށް ވެސް ބުނެ މާފަށް އެދިފަ އެވެ. ނަމަވެސް އޭގެ ފަހުން ވެސް އެތައް ހަމަލާއެއް ދީފައިވެ އެވެ.
ސައޫދީގެ އިތުރުން ގަތަރާއި ޔޫއޭއީ އާއި ބަހްރެއިނާއި ކުވައިތަށް ވެސް ހަމަލާތައް އަމާޒުކުރަމުން ދާއިރު ކުވައިތުން ވަނީ އެމެރިކާ ސިފައިންގެ ހަތަރު މީހަކު މަރުވެފަ އެވެ. އަދި އާންމުންގެ ކުޑަކުއްޖެއް ވެސް މަރުވެފައިވެ އެވެ. ޔޫއޭއީން ވެސް ވަނީ ބަޔަކު މަރުވެފަ އެވެ. އެ ގައުމުތަކުން ކޮންމެ ދުވަހަކު ވަނީ އެތައް މިސައިލަކާއި ޑްރޯންގެ ހަމަލާތަކެއް އިންޓަސެޕްޓުކުރަމުންނެވެ.