މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފައިސާގެ އަގު ދަށްވެ ކުރިމަތިވަމުންދާ ހީނަރުކަން ކުޑަކުރުމަށާއި، ވެހިކަލް އެތެރެކުރުން މަދުކުރުމުގެ މަގްސަދުގައި ސްރީ ލަންކާއިން ވެހިކަލްގެ ކަސްޓަމްސް ޑިއުޓީން 50 ޕަސެންޓުގެ ސަޗާޖެއް (އިތުރު ޓެކްހެއް) ނަގަން ނިންމައި އިއްޔެ އެކަން އިއުލާނުކޮށްފި އެވެ.
ޓެކްސްތައް ބޮޑުކުރަން މި ނިންމީ، އީރާނަށް އެމެރިކާ އާއި އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމައާ އެކު ކުރިމަތިވަމުންދާ އިގްތިސާދީ މައްސަލަތަކުގައި ލަންކާ ރުޕީސްގެ އަގު ވަރަށް ބޮޑަށް ވެއްޓިފައި ވަނިކޮށެވެ.
"ފޮރިން އެކްސްޗޭންޖަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމަށް ބަލައި، ކުރިއަށް އޮތް ތިން މަސްދުވަހަށް، ވެހިކަލް އެތެރެކުރުން ފަސްކުރުމަކީ އަޅުގަނޑުމެން އެދޭގޮތް،" ޖޫނިއާ ފައިނޭންސް މިނިސްޓަރު އަނިލް ޖަޔަންތަ ފެނާންޑޯ ކޮލަމްބޯގައި ނޫސްވެރިންނަށް ވިދާޅުވި އެވެ.
މިހާރުވެސް ވެހިކަލްތަކުން 30 ޕަސެންޓުގެ ކަސްޓަމްސް ޑިއުޓީއެއް ނަގާއިރު، އެހެނިހެން ބައެއް ޓެކްސްތަކާ އެކު ކާރެއް އެތެރެކުރާއިރު ނަގާ ޖުމްލަ ޓެކްސް 100 ޕަސެންޓަށް ވުރެ މައްޗަށް އަރަ އެވެ.
މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން ސްރީ ލަންކާއިން ވަނީ ތެލުގެ އަގު ތިންބައިކުޅަ އެއްބަޔަށްވުރެ ބޮޑުކޮށްފަ އެވެ. އަދި އިމްޕޯޓް ހަރަދު ކުޑަކުރުމުގެ ގޮތުން ޑީސަލާއި ޕެޓްރޯލް ލިމިޓްކޮށްގެން ދޫކުރަން ވެސް ވަނީ ފަށައިފަ އެވެ.
ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ޑޮލަރާ އަޅާބަލާއިރު ލަންކާ ރުޕީސްގެ އަގު ވަނީ 4.5 ޕަސެންޓް ދަށަށް ގޮސްފަ އެވެ.
ސެންޓްރަލް ބޭންކުގެ ގަވަރުނަރު ނަންދަލާލް ވީރަސިންހަ މިދިޔަ ހަފުތާގައި، ގާނޫނު ހަދާ މަޖިލީހުގެ ޕެނަލަކަށް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ނުދާ ނަމަ ނުވަތަ ލަންކާއިން އެތެރެކުރާ ހަކަތައިގެ މިންވަރު މަދުނުކުރާ ނަމަ، ރުޕީސްގެ އަގު އިތުރަށް ވެއްޓެމުންދާނެ ކަމަށެވެ.
ސްރީ ލަންކާއިން ދަނީ 2022 ވަނަ އަހަރު ކުރިމަތިވި އެގައުމުގެ ތާރީހުގައި ވެސް އެންމެ ބޮޑު އިގްތިސާދީ ކާރިސާއިން އަރައިގަންނަމުންނެވެ. އެ ފަހަރު ކާބޯތަކެއްޗާއި، ތެލާއި، ބޭސް ފަދަ އެންމެ ޒަރޫރީ ތަކެތި އެތެރެކުރާނެ ބޭރު ފައިސާ ވެސް ހުސްވި އެވެ.
އޭގެ ފަހުން، އެގައުމުން އަންނަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕްރޮގްރާމެއްގެ ދަށުން މަސައްކަތް ކުރަމުންނެވެ. -- އޭއެފްޕީ