މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގުތައް އުފުލުނު ފަހުން ސްރީ ލަންކާއިން ފުރަތަމަ ފަހަރަށް ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި އެވެ.

އިމްޕޯޓަށް ބަރޯސާވެފައިވާ ލަންކާގައި ހަ ޕަސެންޓާ ހަމައަށް ތެޔޮ އަގު ހެޔޮކުރިކަން މިއަދު އިއުލާންކުރި އިރު، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ލަންކާގެ އިންފްލޭޝަން އެންމެ މައްޗަށް ގޮސްފައިވާކަން ވސް މިއަދު ހާމަކުރި ތަފާސްހިސާބުން ވަނީ ދައްކައިފަ އެވެ. 

ސްރީ ލަންކާގެ ސަރުކާރު ހިއްސާވާ ޕެޓްރޯލިއަމް ކޯޕަރޭޝަނުން ބުނި ގޮތުގައި، ޑީސަލް ލީޓަރަކުން 25 ރުޕީސް ހެޔޮކޮށް، މިހާރު ޑީސަލް ލީޓަރެއްގެ އަގަކީ 382 ރުޕީސް (1.15 ޑޮލަރު) އެވެ. އަދި ޕެޓްރޯލް ލީޓަރަކުން 20 ރުޕީސް ހެޔޮކޮށް، މިހާރު ޕެޓްރޯލް ލީޓަރެއްގެ އަގަކީ 414 ރުޕީސް (1.25 ޑޮލަރު) އެވެ.

މި ބަދަލު ގެނެސްފައިވަނީ އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ދެބަސްވުންތައް ނިމުމަކަށް ގެނައުމަށް މަޝްވަރާކުރުމަށް އެއްބަސްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ނިސްބަތުން ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވަނިކޮށެވެ.

ހަމަ އެއާ އެކު، އަންގާރަ ދުވަހު އާންމުކުރި ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން، މެއި މަހު 5.5 ޕަސެންޓުގައި ހުރި އިންފްލޭޝަން ރޭޓް، ޖޫން މަހު ވަނީ 6.8 ޕަސެންޓަށް މަތިވެފަ އެވެ. މިއީ ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ކާބޯތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން ދިމާވި ކަމެކެވެ.

މީގެ ކުރިން، 2025 ވަނަ އަހަރުގެ ޖޫން މަހު ސްރީ ލަންކާގައި ރެކޯޑް ކުރެވިފައިވަނީ 0.6 ޕަސެންޓުގެ ޑިފްލޭޝަން ނުވަތަ ތަކެތީގެ އަގު ދަށަށް ދިއުމެވެ.

ލަންކާގެ ޑިޕާޓްމަންޓް އޮފް ސެންސަސް އެންޑް ސްޓެޓިސްޓިކްސް އިން ބުނި ގޮތުގައި، އެންމެ ފަހުގެ އިންފްލޭޝަންގެ ނިސްބަތަކީ 2023 ގެ ޖޫން މަހުގެ ފަހުން އެންމެ މައްޗަށް ދިޔަ ފަހަރެވެ. އެ ފަހަރު އަހަރީ ނިސްބަތުން ތަކެތީގެ އަގު ވަނީ 12 ޕަސެންޓަށް މަތިވެފަ އެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ތެލުގެ އަގު އިންތިހާއަށް އުފުލުމުން، ސްރީ ލަންކާއިން ވަނީ ޕެޓްރޯލާއި ޑީސަލްގެ އަގު ގާތްގަނޑަކަށް 50 ޕަސެންޓް ބޮޑުކޮށްފަ އެވެ. އަދި އިމްޕޯޓް ކުރުމުގެ ހަރަދު ބޮޑުވުމުން ކަރަންޓުގެ އަގުތައް ވެސް ވަނީ ތިންބައިކުޅައެއްބަޔަށް ބޮޑުކޮށްފަ އެވެ.

ބޭނުންކުރާ ހުރިހާ ތެލަކާއި، ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ބޯޓު ދެއްޔެއް އިމްޕޯޓްކުރާ ސްރީ ލަންކާއިން ވަނީ، މެދުއިރުމަތީގެ ހަނގުރާމަ ދިގުލައިގެން ހިނގައްޖެ ނަމަ، އެ ގައުމުގެ ބަލިކަށި އިގްތިސާދީ ކުރިއެރުމަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފަ އެވެ.

މާޗް 2023 ގައި ލަންކާއަށް 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕްރޮގްރާމެއް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް ލަންކާ އަށް ދީފައި ވާއިރު، ތެލުގެ އަގު މަތީގައި ހިފެހެއްޓިފައި ހުރެއްޖެ ނަމަ،  އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އައިއެމްއެފްގެ އިސްލާހުތަކުގެ ދަށުން، ދައުލަތުގެ މާލިއްޔާއަށް ބުރަޔަކަށްވާ ސަބްސިޑީތައް ހަނިކޮށް، ތެލާއި ކަރަންޓުގެ އަގުތަކަކީ ހަރަދު ފޫބެއްދޭނެ ފަދަ އަގުތަކެއްކަން ސްރީ ލަންކާއިން ކަށަވަރުކުރަންޖެހެ އެވެ.

ބޭރު ފައިސާ ހުސްވުމުގެ ސަބަބުން 2022 ވަނަ އަހަރު ސްރީ ލަންކާއިން ވަނީ 46 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ނުދެއްކި ޑިފޯލްޓްވެފަ އެވެ. އެކަމުގެ ފަހުން ލަންކާއިން ދަނީ ގައުމުގެ ހާލަތު ހަމައަކަށް އެޅުވުމަށްޓަކައި އައިއެމްއެފްގެ ބެއިލްއައުޓް ފައިސާ ބޭނުންކުރަމުންނެވެ. -- އޭއެފްޕީ