ސްރީ ލަންކާގެ ދަރަނިތައް 2028 ވަނަ އަހަރު އަލުން ދައްކަން ފަށަން ޖެހޭއިރު ބޭރު ފައިސާގެ ރިޒާވް 15 ބިލިއަނަށްވުރެ ދަށުގައި ހުރެއްޖެ ނަމަ ގައުމު އަނެއްކާވެސް ބަނގުރޫޓުވެދާނެ ކަމަށް ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރެމަސިންހަ އިއްޔެ ވިދާޅުވެއްޖެ އެވެ. 

ކުރީގެ ވަޒީރު ރަންޖިތު ސިޔަމްބަލާޕިޓިޔާގެ "ޔުދާ ދެކަކަޓާ އުރާ ދީ" ފޮތް ނެރުމަށް ކޮލަމްބޯގައި ބޭއްވި ރަސްމިއްޔާތެއްގައި ވިކްރަމަސިންހަ ވިދާޅުވީ، 2028 ގެ ފަހުން ދަރަނި ދެއްކުމުގެ މަސައްކަތް އަލުން ފެށުމުން، ލަންކާއަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުން ފެންނާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި 2026 ވަނަ އަހަރުގެ ނިޔަލަށް ބޭރު ފައިސާގެ ރިޒާވް ގާތްގަނޑަކަށް 8 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް މަރުކަޒީ ބޭންކުން ލަފާކުރި ނަމަވެސް، 2028 ވަނަ އަހަރާ ހަމައަށް އަންދާޒާކުރެވޭ 15 ބިލިއަން ޑޮލަރުގެ ރިޒާވް މިންވަރަށް ވާސިލްވުމަށް ބޭނުންވާ އިތުރު 7 ބިލިއަން ޑޮލަރު ހޯދާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ވިކްރަމަސިންހަ ފާހަގަކުރެއްވި ގޮތުގައި، ބޭނުންވާ އިތުރު ބޭރު ފައިސާ ހޯދުމަށް ސްރީ ލަންކާގައި މިވަގުތު ސާފު ޕްރޮގްރާމެއް ނެތެވެ. އަދި ރިޒާވް ވަރުގަދަކޮށް ދަރަނި އަނބުރާ ދެއްކުމަށް ތައްޔާރުނުވެވިއްޖެ ނަމަ، ގައުމު އަނެއްކާވެސް އިގްތިސާދީ ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓުމުގެ ނުރައްކާ އޮތްކަމަށް އޭނާ އިންޒާރު ދެއްވި އެވެ.

ވިކްރަމަސިންހަ ވިދާޅުވީ ދަރަނި ދެއްކުމުގައި ލަންކާއަށް ލުއިތަކެއް 2028 ވަނަ އަހަރާ ހަމައަށް ލިބިފައިވީ ނަމަވެސް، މީގެ މާނައަކީ ގައުމުގެ އިގްތިސާދީ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބުން ނޫން ކަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ ބުރު ނިންމާލައިފިން. މިހާރު މިވަނީ ދެވަނަ ބުރު ފަށަންޖެހިފައި،" އޭނާ ވިދާޅުވި އެވެ.

އަދި ކުރިއަށް އޮތް ތަނުގައި ދަރަނި އަދާކުރުމަށްޓަކައި އެކަށީގެންވާ ވަރަށް ބޭރު ފައިސާ އުފައްދާނީ ކިހިނެއްކަމާ މެދު ސުވާލު އުފެއްދެވި އެވެ. މީގެ އިތުރުން، 2027 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ނިމުމަކަށް އަންނާނެ ކަމަށް ބެލެވޭ އައިއެމްއެފްގެ މިހާރުގެ ޕްރޮގްރާމުގެ ފަހުން، ސަރުކާރުން ގެންގުޅޭ އިގްތިސާދީ ސްޓްރެޓެޖީއާމެދު ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

ކުރީގެ ރައީސް ވިދާޅުވި ގޮތުގައި، އޭނާގެ ސަރުކާރުން ވަނީ އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށާއި ކުރިއަށް އޮތް އިގްތިސާދީ ކުރިއެރުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ސެންޓްރަލް ބޭންކް އެކްޓާއި، ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓް އެކްޓާއި، ޕަބްލިކް ޑެޓް މެނޭޖްމަންޓް އެކްޓް އަދި އިކޮނޮމިކް ޓްރާންސްފޯމޭޝަން އެކްޓް ހިމެނޭ ގޮތަށް އެކި ގާނޫނުތައް ތައާރަފްކޮށްފަ އެވެ. ނަމަވެސް، އިގްތިސާދީ ބަދަލުތައް ގެނައުމުގެ އެ ޕްރޮގްރާމް ކުރިއަށް ނުގެންދިއުމަށް މިހާރުގެ ސަރުކާރުން ނިންމާފައިވަނީ ބަދަލުގައި އެހެން ޕްލޭނެއް ހުށަހެޅުމެއް ނެތި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ސިޔަމްބަލާޕިޓިޔާގެ ފޮތުގައި ބަޔާންކޮށްފައިވާ އިގްތިސާދީ ދެ ހަނގުރާމައަށްފަހު، 2028 ގެ ފަހުން ކުރިމަތިވާނެ ގޮންޖެހުން ވިކްރަމަސިންހަ ސިފަކުރެއްވީ ލަންކާގެ "ތިންވަނަ ހަނގުރާމަ" ގެ ގޮތުގަ އެވެ.

"އެ ހަނގުރާމައިން އަޅުގަނޑުމެންނަށް ކާމިޔާބު ނުހޯދިއްޖެނަމަ، އަޅުގަނޑުމެން ވެއްޓޭނީ ބޮޑު ނުރައްކަލެއްގެ ތެރެއަށް،" އޭނާ އިންޒާރު ކުރެއްވި އެވެ.