ސްރީ ލަންކާގެ އިގްތިސާދު ހަމައަކަށް އެޅުވުމުގެ ގޮތުން، ހަކަތައަށް ހިނގާ ހަރަދުތައް އަނބުރާ ހޯދުމަށާއި، ސަބްސިޑީތައް ކަނޑާލުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް އެ ގައުމުން ތެލުގެ އަގު ހަ ޕަސެންޓާ ހަމައަށް މިއަދު ދުވަހު ބޮޑުކޮށްފި އެވެ.
ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން ބުނި ގޮތުގައި، ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 410 ރުޕީސް އިން 434 ރުޕީސް (1.33 ޑޮލަރު) އަށް ބޮޑުކޮށްފަ އެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ވަނީ 392 ރުޕީސް އިން 407 ރުޕީސް އަށް ބޮޑުކޮށްފަ އެވެ.
މި އަގުތަކަށް ބަދަލު މި ގެނައީ، މާލީ ގޮތުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ލަންކާގެ އިގްތިސާދު ހަމައަކަށް އެޅުވުމަށްޓަކައި 2023 ގެ ކުރީކޮޅު އެއްބަސްވި 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ލޯނުގެ ތެރެއިން 695 މިލިއަން ޑޮލަރުގެ އިންސްޓޯލްމަންޓެއް އައިއެމްއެފުން ދޫކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.
ފެބްރުއަރީ މަހު މެދުއިރުމަތީގައި ހަނގުރާމަ ފެށުނު ފަހުން، ސަރުކާރުން ސަބްސިޑީ ދެމުން އައި ތެލާއި ކަރަންޓުގެ އަގުތަކުން ހިނގާ ހަރަދުތައް ދެކޮޅުޖެއްސޭނެ ގޮތް ހެދުމަށް އައިއެމްއެފުން ސްރީ ލަންކާއަށް ބާރުއަޅަ އެވެ.
ވޮޝިންގްޓަންގައި ހުންނަ ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) އިން އާންމުކުރި، ރައީސް އަނޫރާ ކުމާރާ ދިސާނާޔަކަ އެ އިދާރާއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ސެޕްޓެމްބަރު މަހާ ހަމައަށް ތެލުގެ ސަބްސިޑީ މުޅިން ކަނޑާލާނެ ކަމަށެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށި ފަހުން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ކާރިސާއެއް ކުރިމަތިވެފަ އެވެ. މި ހާލަތާ ގުޅިގެން ސްރީ ލަންކާއިން ވަނީ ޕެޓްރޯލާއި ޑީސަލްގެ އަގު ގާތްގަނޑަކަށް 48 ޕަސެންޓް ބޮޑުކޮށްފަ އެވެ. އަދި ކަރަންޓުގެ އަގު ވަނީ ތިންބައިކުޅަ އެއްބައި ބޮޑުވެފަ އެވެ.
އާންމު ހާލަތްތަކުގައި ދުނިޔޭގެ ތެލުގެ އެކްސްޕޯޓްގެ 20 ޕަސެންޓް އުފުލާ މުހިންމު ކަނޑުގެ މަގެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި، އީރާނުން މިހާރު ވަނީ އެއްކޮށްގެން ބަންދުކޮށްފަ އެވެ.
ސްރީ ލަންކާއަކީ އެ ގައުމަށް ބޭނުންވާ ހުރިހާ ތެލެއް އިމްޕޯޓްކުރާ ގައުމެކެވެ. އަދި ކަރަންޓު އުފެއްދުމަށް ބޭނުންވާ ބޯޓުދެލި އެ ގައުމުން އިމްޕޯޓްކުރެ އެވެ.
ލަންކާއިން އިންޒާރު ދީފައިވާ ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމަ ދިގުލައިގެން ހިނގައްޖެނަމަ، 2022 ވަނަ އަހަރު ކުރިމަތިވި އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ އެވެ.
ބޭރު ފައިސާ ހުސްވުމުގެ ސަބަބުން ސްރީ ލަންކާއިން ވަނީ 2022 ވަނަ އަހަރު، އެ ގައުމުގެ 46 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ނުދެއްކި ޑިފޯލްޓްވެފަ އެވެ. އޭގެ ފަހުން ކޮލަމްބޯއިން އަންނަނީ ގައުމުގެ ހާލަތު ހަމައަކަށް އެޅުވުމަށްޓަކައި އައިއެމްއެފްގެ ބެއިލްއައުޓް ލޯނުގެ ފައިސާ ބޭނުންކުރަމުންނެވެ. -- އޭއެފްޕީ