ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ދާއިރު، އީރާނުގެ ސާފުނުކުރާ ތެލާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދީފައި ބޭއްވުމަށް އެމެރިކާގެ އޮފިޝަލުން އެއްބަސްވެފައިވާ ކަމަށް އީރާންގެ މީޑިއާއަކުން ރިޕޯޓްކުރުމާ އެކު، ހޯމަ ދުވަހުގެ މެންދުރުފަހުގެ ވިޔަފާރީގައި ތެލުގެ އަގުތައް ދަށަށް ގޮސް، ހިއްސާގެ ބާޒާރުތައް މައްޗަށް ޖެހިލައިފި އެވެ.

ކަށަވަރުނުވާ މި ޚަބަރު ފަތުރާފައިވަނީ އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން، ނަން ހާމަ ނުކުރާ މަސްދަރަކާ ހަވާލާދީ އެވެ. ނަމަވެސް އެނަލިސްޓުން ބުނާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދިއްތަ ދުވަހު އީރާނަށް އިންޒާރުދެއްވައި، އެއްބަސްވުމަކަށް އައުމަށް އޮތް ވަގުތު ހަމަވަމުންދާ ކަމަށް ވިދާޅުވެފައިވަނިކޮށް، ވިޔަފާރިވެރިން ވަނީ މި ހަބަރަށް ވަރަށް ބޮޑަށް ސަމާލުކަން ދީފަ އެވެ.

ޖީއެމްޓީން މެންދުރު ފަހު 1:45 ގައި ބްރެންޓް ނޯތު ސީ ކުރޫޑްގެ އަގު 1.0 ޕަސެންޓް ދަށަށް ގޮސް، ފީފާއެއްގެ އަގު ހުރީ 108.12 ޑޮލަރުގަ އެވެ. ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް 1.2 ޕަސެންޓް ދަށަށް ގޮސް، ފީފާއެއްގެ އަގު ހުރީ 99.86 ޑޮލަރުގަ އެވެ.

މި ރިޕޯޓުގެ ސައްހަކަން ކަށަވަރު ނުވިޔަސް ފޮރެކްސް.ކޮމް ގެ އެނަލިސްޓެއް ކަމަށްވާ ފަވާދު ރައްޒާގްޒާދާ ވިދާޅުވީ މިއީ ހަގީގަތެއްކަން ނަމަ އެކަން ވާނީ ތެލުގެ އަގު ހަމަޔަކަށް އެޅުވުމަށް އެޅޭ ފުރަތަމަ ރަނގަޅު ފިޔަވަޅަކަށެވެ. 

އާންމު ހާލަތްތަކުގައި ދުނިޔޭގެ ތެލުގެ އެކްސްޕޯޓްގެ ގާތްގަނޑަކަށް 20 ޕަސެންޓް އުފުލާ  ހޮރްމުޒް ކަނޑުއޮޅި ހަނގުރާމައިގެ ސަބަބުން ވަނީ ބަންދުވެފަ އެވެ. އެހެންވެ  މީގެ ކުރިން ތެލުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

ތަސްނީމްގެ ރިޕޯޓްގެ ކުރިން، އޭޝިއާގެ ހިއްސާގެ ބާޒާރުތައް ދަށަށް ގޮސްފައިވާއިރު، ޔޫރަޕްގެ މާކެޓްތައް ވެސް ހުޅުވުނީ ދަށްކޮށެވެ. ނަމަވެސް ވޯލް ސްޓްރީޓް ހުޅުވުނީ އަގުތައް މަތީގައި ހުރެ އެވެ.