އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުވެފައިވާތީ، އިންޑިއާގެ މަހުޖަނު ގޯތަމް އަދާނީގެ ކުންފުންޏަކުން އެމެރިކާ ސަރުކާރަށް 275 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.2 ބިލިއަން ރުފިޔާ) ދެއްކުމަށް އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން ހޯމަ ދުވަހު ބުނެފި އެވެ.
އެމެރިކާގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން ބުނި ގޮތުގައި، މި ސެޓްލްމަންޓް ހަދާފައިވަނީ އަދާނީގެ ކޮންގްލޮމެރޭޓްގެ ބައެއް ކަމަށްވާ "އަދާނީ އެންޓަޕްރައިޒަސް ލިމިޓެޑް" (އޭއީއެލް) އާއެކުގަ އެވެ.
ޓްރެޒރީން ބުނި ގޮތުގައި، އޭއީއެލް އިން ވަނީ ނޮވެމްބަރު 2023 އާއި ޖޫން 2025 އާ ދެމެދު ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ގަތުމުގައި، އީރާނާ ދެކޮޅު ފިޔަވަޅުތަކާ ހިލާފުވި 32 މައްސަލައެއް ހައްލުކުރުމަށް އެއްބަސްވެފަ އެވެ.
އޭއީއެލް އިން ގޭސް އެތެރެކޮށްފައިވަނީ ދުބާއީގެ ސަޕްލަޔަރެއް މެދުވެރިކޮށް، އެއީ އުމާން އަދި އިރާގުގެ ގޭސް ކަމަށް ބުނެ އެވެ. ނަމަވެސް، އެ ގޭހަކީ އަސްލު އީރާނުން އައިސްފައިވާ ގޭސްކަން އެނގޭނެ ފަދަ "ރެޑް ފްލޭގްސް" ނުވަތަ ނިޝާންތައް ހުރި ކަމަށް އޯއެފްއޭސީ އިން ބުނެ އެވެ.
މި މައްސަލާގައި ފައިސާ ދެއްކުމުގެ އިތުރުން، އޭއީއެލް އިން ވަނީ މި ތަހުގީގަށް އެއްބާރުލުންދީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ބޯލެނބުމުގެ ނިޒާމު ވަރުގަދަކުރުމަށް ވެސް އެއްބަސްވެފަ އެވެ. މި ސެޓްލްމަންޓް އެއްބަސްވުމުގައި މި މަހުގެ 14 ގައި ސޮއިކޮށްފައިވާކަން އަދާނީ އެންޓަޕްރައިޒަސް އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
މި ސެޓްލްމަންޓް އިިއުލާން ކުރުމުގެ ދުވަސްކޮޅެއް ކުރިން، ކޮރަޕްޝަނުގެ މައްސަލައެއް ހައްލުކުރުމުގައި އެމެރިކާގެ މަދަނީ ކޯޓަކަށް 18 މިލިއަން ޑޮލަރު ދައްކަން ވެސް އަދާނީން އެއްބަސްވެފައިވެ އެވެ. އެއީ ކުށްވެރިވާ ކަމަށް އިއުތިރާފުވުމުގެ ބަދަލުގައި ދައްކަން އެއްބަސްވި ފައިސާ އެވެ.
އެ މައްސަލައިގައި އަދާނީގެ މައްޗަށް ތުހުމަތުކުރެވުނީ އިންޑިއާގައި ސޯލާ ހަކަތައިގެ ކޮންޓްރެކްޓްތައް ހޯދުމަށް 250 މިލިއަން ޑޮލަރުގެ ރިޝްވަތު ދިނުމުގެ ރޭވުމެއްގައި ބައިވެރިވި ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ގާތް ގުޅުމެއް އޮންނަ އަދާނީއަކީ އިންޑިއާގެ އެންމެ މުއްސަނދި އެކަކެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި ކުންފުނީގެ މާލީ މަކަރުތަކުގެ ތުހުމަތުތަކާއި ހިއްސާގެ ބާޒާރުގައި އަގުތައް ވެއްޓުމުގެ ސަބަބުން އޭނާގެ ވިޔަފާރިއަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އިންޑިއާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން އެލްޕީޖީ އަދި ހަތަރުވަނައަށް އެންމެ ގިނައިން އެލްއެންޖީ ގަންނަ ގައުމެވެ. މީގެ ބޮޑު ބައެއް ހޯދަނީ މެދުއިރުމަތީގެ ގައުމުތަކުންނެވެ.