އޮމާންގެ ކައިރިން ތެޔޮ ޓޭންކަރަކަށް އެމެރިކާއިން ދިން ހަަމަލާއަކަށް ފަހު އިންޑިއާގެ ތިން ފަޅުވެރިއަކު ގެއްލިފައިވާ ކަމަށް ބުދަ ދުވަހު އިންޑިއާއިން ބުނެފި އެވެ.
މި ހަމަލާގެ ޚަބަރު އާންމުވީ، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ބްލޮކޭޑް މުގުރާލަން މަސައްކަތްކުރި ތެޔޮ ބޯޓަކަށް ހަމަލާދީފައިވާނެ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން އިއުލާނުކުރުމުގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ.
"ބޯޓުގައި ތިބި އިންޑިއާގެ 24 ފަޅުވެރިންގެ ތެރެއިން މިހާތަނަށް 21 މީހުން ވަނީ ސަލާމަތްކުރެވިފައެވެ. އަދި ތިން ފަޅުވެރިއަކު ވަނީ ގެއްލިފައެވެ." ސެޓެބެލޯ ނަމަކަށް ކިޔާ މި ބޯޓަށް ދިން ހަމަލާ ކުށްވެރިކޮށް އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.
"މި ސަރަހައްދުގެ ކަނޑުދަތުރުފަތުރަށް އަމާޒުކޮށްދޭ ހަމަލާތަކަކީ ވަރަށް ކަންބޮޑުވާންޖެހޭ އަދި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސީދާ ނަތީޖާއެކެވެ. މަސްރަހު ފިނިކުރުމަށް އިންޑިއާއިން ކުރަމުންދާ އިލްތިމާސް ތަކުރާރު ކުރަމެވެ،" ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.
އޭގެ ފަހުން، އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، އޮމާން ކަނޑުން އީރާނުގެ ތެޔޮ ހިފައިގެން ދަތުރުކުރަން އުޅުނު މި ތެޔޮ ބޯޓަށް އެމެރިކާގެ ހަނގުރާމަމަތީ ބޯޓަކުން ހަމަލާދީ، ބޯޓުގެ ދަތުރު ވަނީ ހުއްޓުވައިފަ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އެކްސްގައި ކުރި ޕޯސްޓެއްގައި، އެއީ ޕަލާއުގެ ދިދަ ޖަހާފައިވާ 'ސެޓެބެލޯ' ބޯޓުކަން ހާމަކުރަމުން ބުނެފައިވަނީ، "އެމެރިކާގެ ސިފައިން ދިން އިރުޝާދުތަކަށް ބޯޓުގެ ފަޅުވެރިން ތަކުރާރުކޮށް ބޯނުލެނބި" ކަމަށެވެ.
މި ހަމަލާއާ ގުޅިގެން ނުރުހުން ފާޅުކޮށް، އިންޑިއާއިން ވަނީ އެ ގައުމުގައި ހުންނަވާ އެމެރިކާގެ ޗާޖް ޑި އެފެއާޒް (ޑިޕްލޮމެޓިކް މިޝަނުގެ އިސްވެރިޔާ) އިންޑިއާގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައި ކަމަށް އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި އެވެ.
ދުނިޔޭގެ ތެލުގެ ސަޕްލައިއަށް މުހިންމު ސަރަހައްދެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އޮންނަނީ، ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ އެކު ފެށުނު ހަނގުރާމައާ އެކު އެއްކޮށްހެން ބަންދުކޮށްފަ އެވެ. ހަނގުރާމަ މެދުކަނޑާލުމަށް ވި އެއްބަސްވުމުގެ ދަށުން ދެކެވުނު ވާހަކަތަކުން ވެސް މި ކަނޑުއޮޅި އަލުން ހުޅުވުމަކަށް މަގު ފަހިވެފައެއް ނުވެ އެވެ.
ހަނގުރާމަ ފެށުނީއްސުރެ އީރާނުން އެ ސަރަހައްދުގެ ކަނޑުގެ މަގުތައް ބަންދުކޮށްފައިވާއިރު، އެމެރިކާއިން ވެސް އަންނަނީ އޭޕްރިލް މަހުން ފެށިގެން އަމިއްލަ ބްލޮކޭޑެއް ކުރިއަށް ގެންދަމުންނެވެ.
މި ހާދިސާގެ ކުރިން، އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އެޖެންސީން ވަނީ އޮމާންގެ ސުހާރުގެ އިރުއުތުރުން 20 ނޯޓިކަލް މޭލު ބޭރުން ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި، ބޯޓުން އެކަކު މަރުވެ ދެ ފަޅުވެރިއަކު ގެއްލިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފަ އެވެ.
"ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ތެޔޮ ބޯޓުގެ އިންޖީނުގޭގައި ވަނީ އަލިފާން ރޯވެފައެވެ. އަދި ފަޅުވެރިން ސަލާމަތްކުރުމުގެ މަސައްކަތުގައި އެ ފަރާތްތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން،" އެޖެންސީން ބުންޏެވެ.
ބްރިޓިޝް މެރިޓައިމް ސެކިއުރިޓީ ކޮމްޕެނީއެއް ކަމަށްވާ "ވެންގާޑް ޓެކް" އިން ބުނި ގޮތުގައި، ޕަލާއުގެ ދިދަ ޖެހި 'ސެޓެބެލޯ' ބޯޓުން ފޮނުވި ކުއްލި އެހީއަށް އެދޭ މެސެޖެއްގައި، އޮމާން ކަނޑުގެ ސުހާރު ކައިރިން ދަތުރުކުރަނިކޮށް ބޯޓުގެ އިންޖީނުގެއަށް މިސައިލް ހަމަލާއެއް އަރައި، ބޯޓުގައި އަލިފާން ރޯވެފައިވާ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން، މިދިޔަ ހޯމަ ދުވަހު އޮމާންގެ ވެރިރަށް މަސްކަޓްގެ ދެކުނުން، އޮމާންގެ އައްސޭރިފަށުން އަލިފާން ރޯވި ތެޔޮ ބޯޓަކުން އިންޑިއާގެ 24 ފަޅުވެރިއަކު އޮމާންގެ ކަމާބެހޭ ފަރާތްތަކުން ހެލިކޮޕްޓަރުގައި ސަލާމަތްކޮށްފައިވެ އެވެ. ނަމަވެސް އެ ދުވަހު އަލިފާން ރޯވާން ދިމާވި ސަބަބެއް އޭރު ހާމަކޮށްފައެއް ނުވެ އެވެ. -- އޭއެފްޕީ