މެދުއިރުމަތީގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އާއި އީރާނާ ދެމެދު އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދުތައް ބޮޑުވުމާ ގުޅިގެން، ހޯމަ ދުވަހުގެ ހެނދުނު އޭޝިއާގެ މާކެޓްތަކުގައި ތެލުގެ އަގު ފަސް ޕަސެންޓަށް ވުރެ ބޮޑަށް ދަށަށް ހިނގައްޖެ އެވެ.

މިއީ އީރާނާ އެކު ކޮންމެ ވަގުތެއްގައި ވެސް އެއްބަސްވުމަކަށް އާދެވި އެކަން އިއުލާނުކުރުން ނޫން ކަމެއް ކަމަށް ދޭހަވާ މޭރުމަކުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަ ދެއްކެވުމާ އެކު އަގުތަކަށް އައި ބަދަލެކެވެ.

އާދިއްތަ ދުވަހުގެ ގްރީނިޗް މީން ޓައިމް (ޖީއެމްޓީ) އިން ރޭގަނޑު 11:00 ގައި، ނޯތު ސީ ބްރެންޓް ކްރޫޑްގެ އަގު 5.1 ޕަސެންޓް ދަށަށް ގޮސް ފީފާއެއްގެ އަގު 98.22 ޑޮލަރަށް ވެއްޓުނުއިރު، ވެސްޓް ޓެކްސަސް އިންޓަމީޑިއަޓްގެ އަގު 5.2 ޕަސެންޓް ދަށަށް ގޮސް ފީފާއެއްގެ އަގު ވަނީ 91.57 ޑޮލަރަށް ވެއްޓިފަ އެވެ.

އެއްބަސްވުމަކާ މެދު ކުރެވޭ އުންމީދުތައް ވަރަށް ބޮޑުވެފައި ވަނިކޮށް ޓްރަމްޕް އާދިއްތަ ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަދި ވަގުތު ނުޖެހޭ ކަމަށް ވިދާޅުވެ، މިކަމުގައި މުޅި ދުނިޔެ ކުރަމުން އަންނަ އިންތިޒާރު ދިގު ދަންމާލައިފަ އެވެ.

"ވަގުތު އޮތީ އަޅުގަނޑުމެންގެ ކޮޅުގައި ކަމަށްވާތީ، އެއްބަސްވުމަކަށް އައުމަށް އަވަސް އަރުވާނުލުމަށް އަޅުގަނޑުގެ މަންދޫބުންނަށް އަންގާފައިވާނެ" ކަމަށް ޓްރަމްޕު ލިޔުއްވާފައިވެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާ އާއި އީރާނުން ސޮއިކުރަން މަސައްކަތްކުރަނީ އެމްއޯޔޫއެއްގަ އެވެ. އެއީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވުން ވެސް ހިމެނޭ ގޮތަށް މައިގަނޑު 14 ކަމެއް ހިމެނޭ އެމްއޯޔޫއެއް ކަމަށާއި މި އެއްބަސްވުމަށް ފަހު 60 ދުވަހުގެ ތެރޭގައި ތަފްސީލް އެއްބަސްވުމެއް ހަދައި ދާއިމީ އެއްބަސްވުމެއްގައި ސޮއިކުރުން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.

 ހަނގުރާމަ ފެށުނީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. މިއަށް ރައްދުދީ އީރާނުން ވަނީ އެ ސަރަހައްދުގެ އެކި ސަރަހައްދުތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދީ އަދި ތެލުގެ ސަޕްލައިގައި މުހިންމު މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ.

މެދުވެރިން މައްސަލަ ހައްލުކުރުމަށް މަޝްވަރާ ކުރަމުންދާއިރު، އެމެރިކާ އާއި އީރާނުން އޭޕްރީލް 8 އިން ފެށިގެން އޮތީ ހަމަލާބަދަލުކުރުން މެދުކަނޑާލަން އެއްބަސްވެ އެގޮތުގެ މަތީގަ އެވެ. ނަމަވެސް، އީރާނުން ގަލްފުގެ ކަނޑުގެ ދަތުރުފަތުރުތައް ކޮންޓްރޯލް ކުރަމުންދާއިރު، އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށްފަ އެވެ.