އެމެރިކާއާ އެކު އަލުން ހަނގުރާމައަކަށް ދިއުމުގެ ފުރުސަތު ކުޑަ ކަމަށާއި، ނަމަވެސް ކުރިމަތިވެދާނެ ކޮންމެ ހަމަލާއަކަށް ރައްދު ދިނުމަށް ތައްޔާރަށް އޮތް ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރްޖީސީ) އިން ބުދަ ދުވަހު ބުނެފި އެވެ.
އީރާންގެ އަސްކަރިއްޔާއިން މި ބަޔާން ނެރެފައިވަނީ، މިދިޔަ އެޕްރީލް މަހުން ފެށިގެން އަމަލުކުރަމުން އަންނަ ހަމަލާބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމާ އެމެރިކާއިން ހިލާފުވެފައިވާ ކަމަށް އީރާނުން ތުހުމަތުކޮށް އަދި މި އެއްބަސްވުމަށް ފަހު މިހާތަނަށް އެމެރިކާއިން ދިން އެންމެ ނުރައްކާތެރި ހަމަލާތަކަށް ރައްދު ދިނުމަށް ތައްޔާރުވަމުންދާ ކަމުގެ އިންޒާރު ދިންތާ އެއް ދުވަސް ފަހުންނެވެ.
އީރާނުން އެމެރިކާއަށް ކުރިމަތިކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި އިޒްރޭލުން ލުބުނާނުގައި ހަމަލާ ދިނުން ހުއްޓާލުން ހިމެނުނަސް އިޒްރޭލާއި ހިޒްބުاللهގެ ހަނގުރާމައަށް މާބޮޑު ބަދަލެއް ނާދެ އެވެ. އަންގާރަ ދުވަހު އިޒްރޭލުން ދިން ހަމަލާތަކުގައި ވެސް 31 މީހުން މަރުވެފައިވާ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މެދުއިރުމަތީގެ މި ހަނގުރާމަ ފެށުނީ މިދިޔަ ފެބުރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އެއާ އެކު ހަނގުރާމަ ހަލުވިކަމާ އެކު ފެތުރި، މުޅި ސަރަހައްދު ނާމާންވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރު ވަނީ ހަލަބޮލިވެފަ އެވެ.
"ދުޝްމަނުންގެ ބަލިކަށިކަމުގެ ސަބަބުން ހަނގުރާމައަކަށް އެނބުރި ދިއުމުގެ ފުރުސަތު ކުޑަ" އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އީރާންގެ އިންގިލާބީ ލަޝްކަރު) ގެ ނޭވީގެ ޑެޕިއުޓީ ޕޮލިޓިކަލް ޗީފް މުހައްމަދު އަކްބަރުޒާދޭ ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ އީރާނުގެ ސަލާމަތީ ބާރުތައް ތިބީ ފުރިހަމަ ތައްޔާރީ ހާލަތުގައި ކަމަށެވެ.
ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާ ވަނީ އީރާނުގެ އައްސޭރިފަށުގެ ސަރަހައްދު "އިސްތިއުމާރު ކުރާ ފަރާތްތަކުގެ ކަށްވަޅަކަށް" ހައްދަވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ.
މި ބަޔާނާ ގުޅިގެން އީރާންގެ އިންޓެލިޖެންސް މިނިސްޓްރީން ބުނީ، އެމެރިކާ އާއި އިޒްރޭލުން އަދިވެސް މަސައްކަތް ކުރަމުންދަނީ އީރާންގެ ވެރިކަން ވައްޓާލައި އީރާނު ބައިބައިކުރުމަށް ކަމަށެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި، ދީނީ އަދި ނަސްލީ ބައިބައިވުންތައް އުފައްދައި، ހަލާކުކުރުމުގެ އަމަލުތައް ހިންގުމަށްޓަކައި "އެކި ބާވަތުގެ ހަތިޔާރާއި، ވަޒަނާއި، ޣައިރުގާނޫނީ މުއާސަލާތީ ވަސީލަތްތައް، ހާއްސަކޮށް ސްޓާލިންކް" ސެޓެލައިޓް އިންޓަނެޓް ޑިވައިސްތައް އީރާނަށް ވަގަށް އެތެރެކުރާނެ ކަމުގެ ހެކި އެބަހުއްޓެވެ.
ތެލުގެ އަގު ދަށަށް
ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަމުންދާއިރު، އީރާނާއި އެމެރިކާގެ ބަހުގެ ހަމަލާތައް ވަރުގަދަ ވެފައިވާތާ ހަފްތާތަކެއް ވެއްޖެ އެވެ.
ހަނގުރާމައިގައި ސާފު މޮޅުވުމެއް އެއްވެސް ކޮޅަކަށް ލިބިފައިނުވާއިރު، ހޮރްމޫޒް ކަނޑުއޮޅި އާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހިމެނޭހެން މައިގަނޑު މައްސަލަތަކުގައި ދޫދިނުމަށް އެއްވެސް ފަރާތަކުން ތައްޔާރެއް ނޫނެވެ.
ހަނގުރާމައިގެ ރައްދުގައި، ދުނިޔޭގެ ހަކަތަ އުފުލުމަށް ބޭނުންކުރާ މުހިންމު ކަނޑުއޮޅި އީރާނުން ބަންދުކުރިއިރު، އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށް ރައްދުދީފަ އެވެ.
ބުދަ ދުވަހު ރިވޮލިއުޝަނަރީ ގާޑްސްގެ ނޭވީން ބުނީ އެ ކަނޑުއޮޅިން ދަތުރުކުރެވޭނީ "އީރާނުގެ އަމުރަށް ބޯލަނބަން ތައްޔާރަށް ތިބި" އުޅަނދުތަކަށް އެކަނި ކަމަށެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ އަންގާރަ ދުވަހު ވަނީ ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް ދެވިދާނެ ކަމަށާއި، ނަމަވެސް "ކޮންމެ ގޮތެއް ހަދައިގެން ވިޔަސް" ހޮރްމޫޒް ކަނޑުއޮޅި ހުޅުވާނެ ކަމަށެވެ.
ހަނގުރާމައިގެ ކުރީގެ އަގުތަކަށްވުރެ މާ މަތީގައި ހުރި ތެލުގެ އަގުތައް، އެމެރިކާ-އީރާނުގެ މަޝްވަރާތަކަށް ކުރެވުނު އުންމީދާ އެކު ބުދަ ދުވަހު ވަނީ ދަށަށް ގޮސްފަ އެވެ. ބައިނަލްއަގުވާމީ ބެންޗްމާކް ބްރެންޓް ކްރޫޑްގެ އަގު ފަސް ޕަސެންޓް ދަށަށް ގޮސް، ފީފާއެއްގެ އަގު 94.61 ޑޮލަރަށް ވެއްޓުނެވެ.
މަސްރަހަށް އަންނަމުންދާ ބަދަލުތަކުގެ ތެރެއިން، އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ތިން މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު، އަންގާރަ ދުވަހު އިންޓަނެޓްގެ ހިދުމަތް ބައެއް ހިސާބުތަކަށް އަލުންދީފަ އެވެ.
ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތް ދަނޑިވަޅުގައި ވެސް ބައެއް ހަމަލާތައް އެމެރިކާއިން ދީފައިވެ އެވެ. ހޯމަ ދުވަހުގެ ރޭ އެމެރިކާ ސިފައިން ވަނީ "އަމިއްލަ ދިފާއުގައި" ކަމަށް ބުނެ ހަމަލާތަކެއް ދީފަ އެވެ. އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ މިއީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ "ކަނޑައެޅިގެން ހިލާފުވުން" ކަމަށް ބުނެ އެމެރިކާއަށް ތުހުމަތުކޮށްފަ އެވެ.
އަޟްޙާ އީދުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައި، އީރާންގެ އިސް ލީޑަރު އަޔާތުالله މުޖްތަބާ ޚާމަނައީ ވިދާޅުވީ މެދުއިރުމަތީގައި އެމެރިކާގެ ނުފޫޒު ކުޑަވަމުންދާ ކަމަށެވެ. އެމެރިކާއިން ހަމަލާދިނުމަށް ބޭނުންކުރާ އަސްކަރީ މަރުކަޒުތައް ބެހެއްޓުން ހުއްޓާލުމަށް ސަރަހައްދުގެ ގައުމުތަކަށް އިންޒާރު ވެސް ދެއްވި އެވެ.
"އެމެރިކާ އަކީ ސަރަހައްދުގައި ހަމަލާދިނުމަށާއި އަސްކަރީ މަރުކަޒުތައް ހެދުމަށް ރައްކާތެރި މާހައުލެއް ނެތް ގައުމެއްގެ އިތުރުން، ދުވަހުން ދުވަހަށް އެ މީހުންގެ ކުރީގެ މަގާމާ ދުރަށް ދާ ގައުމެއް،" އޭނާ ލިޔުމުން ނެރުއްވި ބަޔާނުގައިވެ އެވެ. -- އޭއެފްޕީ