އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސިއްހަތު ރަނގަޅު ކަމަށާއި އެކަމަކު ބަރުދަން ހުރީ އެކަށީގެންވާ ވަރަށް ވުރެ މަތީގައި ކަމަށް ވާތީ ބަރުދަން ލުއިކުރަންޖެހޭ ކަމަށް ޓްރަމްޕުގެ ޑޮކްޓަރު ވިދާޅުވެއްޖެ އެވެ.

ވައިޓް ހައުސްގެ ފަރާތުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެޑިކަލް ރިޕޯޓް އާންމުކުރީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ވައިޓް ހައުސްގެ ޑޮކްޓަރު، ޔޫއެސް ނޭވީގެ ކެޕްޓަން ޑރ. ސީން ބާބަބެލާ، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓްއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ޓްރަމްޕްގެ ހިތުގެ ހިނގުމާއި، ފުއްޕާމެޔާއި، ނާރުތަކުގެ ނިޒާމު އަދި ޖިސްމާނީ ދުޅަހެޔޮކަން ވަރަށް ރަނގަޅު ކަމަށެވެ. އަދި ވިސްނުންތޫނުކަމާއި ޖިސްމާނީ ހަކަތަ ވެސް ފުރިހަމަ ކަމަށާއި، ގައުމުގެ ރައީސްކަމާއި ކޮމާންޑަ އިން ޗީފްގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ހުރީ ފުރިހަމައަށް ފިޓްކޮށް ކަމަށްވެ ސް ޑޮކްޓަރު ވިދާޅުވި އެވެ.

ނަމަވެސް، އަންނަ މަހު 80 އަހަރު ފުރޭ ޓްރަމްޕްގެ ބަރުދަން މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 6.3 ކިލޯ އިތުރުވެ، މިހާރު ބަރުދަނުގައި 108 ކިލޯ އެބަހުރި ކަމަށް ޑޮކްޓަރު ވިދާޅުވެފައިވެ އެވެ. އެހެންވެ ޑޮކްޓަރު ވަނީ ބަރުދަން ލުއިކުރުމަށް އިރުޝާދު ދެއްވައިފަ އެވެ.

ޓްރަމްޕުގެ އިސްކޮޅަކީ 6 ފޫޓް 3 އިންޗި އެވެ. މި ބަރުދަނާ އެކު ރައީސްގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އުޅެނީ 29.7 ގަ އެވެ. މިއީ މާބޮޑަށް ބަރުދަން އިތުރުވުން ނުވަތަ އޯވަވެއިޓްގެ އެންމެ މަތީ މިންގަނޑެވެ.

ވޯލްޓާ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުގައި އަންގާރަ ދުވަހު ހެދި މި ޗެކަޕްގައި ޑޮކްޓަރު ވަނީ ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ޓްރަމްޕަށް ބައެއް އިރުޝާދުތައް ދެއްވައިފަ އެވެ. އޭގެ ތެރޭގައި ކެއުންބުއިމަށް ސަމާލުކަން ދިނުމާއި، ދަށް ޑޯޒެއްގެ އެސްޕިރިން ބޭނުންކުރުމާއި، ޖިސްމާނީ ހަރަކާތްތެރިކަން ނުވަތަ ކަސްރަތު އިތުރުކުރުން ހިމެނެ އެވެ.

މީގެ އިތުރުން، މި ރިޕޯޓުގައި ޓްރަމްޕްގެ ސިއްހީ ބައެއް އެހެން ކަންކަމަށް ވެސް ބަލާފައިވެ އެވެ.

  • ފައި ދުޅަވުން: ވޭތުވެދިޔަ އަހަރުތަކުގައި ޓްރަމްޕްގެ ފައިގެ ކުޑަހުޅާ ހިސާބުން ކުޑަކޮށް ދުޅަވާ މައްސަލައެއް (ކްރޯނިކް ވީނަސް އިންސަފިޝެންސީ) ފާހަގަކުރެވިފައި ވިޔަސް، މިދިޔަ އަހަރާ އަޅާބަލާއިރު އެކަން މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
  • އަތުގައި ލައްގަނޑެއް (ލޭގަނޑުވުން): އަތުގައި ފެންނަން ހުރި ނޫފާގެންފައިވާ ނިޝާންތަކަކީ، މީހުންނާ މާ ގިނައިން ސަލާމްކުރުމުގެ ސަބަބުންނާއި، ހިތުގެ ރައްކާތެރިކަމަށްޓަކައި ބޭނުންކުރައްވާ އެސްޕިރިން ބޭހުގެ ސަބަބުން ހަމުގެ މަޑު ޓިޝޫތަކަށް ދިމާވާ އާދައިގެ ކަމެއް ކަމަށް ބުނެފައިވެ އެވެ.
  • ކޮގްނިޓިވް ޓެސްޓް: ޓްރަމްޕްގެ ސިކުނޑީގެ ބާރު ބެލުމަށް ހެދި ޓެސްޓުން ވަނީ 30 އިން 30 ލިބިފަ އެވެ. އަދި އޭއައި ބޭނުންކޮށްގެން ހެދި އީސީޖީ ޓެސްޓުން ދެއްކި ގޮތުގައި ހިތުގެ އުމުރު، އޭނާގެ އުމުރަށްވުރެ 14 އަހަރު ހަގެވެ.