އިންޑިއާގެ ސިޔާސީ މީހުންނަށް ޒުވާނުންގެ މެދުގައި އޮތް ހިތްހަމަނުޖެހުން ފާޅުކޮށް ޖެއްސުމުގެ އަމަލެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި ފެށި "ކޮކްރޯޗް ޕީޕަލްސް ޕާޓީ" ގެ ބާނީ، އޭނާގެ މި ހަރަކާތް މަގުމައްޗަށް ނެރެ ފުރަތަމަ މުޒާހަރާކުރަން އެނބުރި ނިއު ދިއްލީއަށް ދަތުރު ފަށައިފި އެވެ.
އެމެރިކާގެ ބޮސްޓަން ޔުނިވާސިޓީން ގްރެޖުއޭޓްވެ އެ ގައުމުގައި އުޅޭ، މި އޮންލައިން ހަރަކާތުގެ ފަހަތުގައި ހުރި އުމުރުން 30 އަހަރުގެ އަބީޖީތު ދީޕްކޭ ބުނި ގޮތުގައި، އޭނާ އެމެރިކާއިން އެނބުރި އިންޑިއާއަށް ދަނީ އެޑިއުކޭޝަން މިނިސްޓަރާ ދެކޮޅަށް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހަވެރި މުޒާހަރާއަށް ފުލުހުންގެ ހުއްދަ ހޯދުމަށެވެ.
ބޮޑުވަޒީރު ނަރެންދުރާ މޯދީގެ ހިންދޫ-ވަތަނީ "ބާރަތިޔާ ޖަނަތާ ޕާޓީ" (ބީޖޭޕީ) އަށް ނިސްބަތްކޮށް ހަޖޫޖެހުމުގެ ގޮތުން އުފައްދާފައިވާ "ކޮކްރޯޗް ޖަނަތާ ޕާޓީ" (ސީޖޭޕީ)، މިދިޔަ މަހު ސޯޝަލް މީޑިއާގައި ފެށުމާ އެކު ސޯޝަލް މީޑިއާގައި މިލިއަނުން ފޮލޯވަރުން ވަނީ ލިބިފަ އެވެ.
މި ޕާޓީ އުފެދިގެންައީ، އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސޫރިޔާ ކާންތު، ސަރުކާރަށް ފާޑުކިޔާ ޒުވާނުންނަކީ ކުރަފި އަދި ޕެރަސައިޓްތަކެއް ކަމަށް ޝަރީއަތުގެ މަޖިލީހެއްގައި ވިދާޅުވުމާ ގުޅިގެންނެވެ. ނަމަވެސް، ފަހުން ކާންތު ވިދާޅުވީ އޭނާގެ ވާހަކަ މާނަކޮށްފައިވަނީ ދެކެވުނު މައުޟޫގެ ބޭރުން، މާނަ އޮޅޭ ގޮތަށް ކަމަށެވެ.
އިދިކޮޅު އާމް އާދްމީ ޕާޓީ (އޭއޭޕީ) ގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި ދީޕްކޭ، މި ހިޔާލީ ޕާޓީ އޮންލައިންކޮށް އުފެއްދީ މޭ 16 ގަ އެވެ. "ޒުވާނުންގެ، ޒުވާނުންނަށްޓަކައި، ޒުވާނުން ހިންގާ ސިޔާސީ ކުރިމަގެއް" މި ޝިއާރުގެ ދަށުން ހިންގާ މި ޕާޓީގެ މަގުބޫލުކަން ދަނީ އިންތިހާއަށް އިތުރުވަމުންނެވެ.
"އާދަޔާހިލާފު ތަރުހީބެއް"
އިންޑިއާގެ ބޮޑެތި ބައެއް އިމްތިހާނުތަކުގައި އެކަށީގެން ނުވާ އަދި ގަވައިދުތކާ ހިލާފް އެތައް ކަމެއް ހިނގާފައި ވާތީ ފާޑުކިއުންތަކެއް އަމާޒުވެފައިވާ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާން އިސްތިއުފާ ދެއްވުމަށް ދީޕްކޭ ވަނީ ގޮވާލައިފަ އެވެ.
"އިންޑިއާއަށް ދާން ދަތުރުމަތީގައި... އަހަންނާ މެދު ވާނެ ގޮތެއް، ގާނޫނުއަސާސީގެ އަތްމައްޗަށް ދޫކޮށްލައިފިން،" ހުކުރު ދުވަހު އެކްސްގައި ދީޕްކޭ ލިޔެފައިވެ އެވެ.
ލަޑާކް ސަރަހައްދުގެ އަމިއްލަ މިނިވަންކަމަށް ގޮވާލައި މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ހަމަނުޖެހުން ބޮޑު މުޒާހަރާތަކާ ގުޅިގެން ހައްޔަރުކޮށް، ހަ މަސް ދުވަހު ބަންދުގައި ބެހެއްޓި ލަޑާކްގެ މަޝްހޫރު އެކްޓިވިސްޓް، އުމުރުން 59 އަހަރުގެ ސޯނަމް ވަންގްޗުކް ވެސް މި މުޒާހަރާގައި ބައިވެރިވާނެ ކަމަށް ބުނެފައިވެ އެވެ.
އިންޑިއާއިން ސޯޝަލް މީޑިއާގެ ކޮންޓެންޓްތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރާއިރު، ސީޖޭޕީގެ ބައެއް އެކައުންޓްތައް ވަނީ ބްލޮކް ވެސް ކޮށްފަ އެވެ. ނަމަވެސް، އަދިވެސް އިންޑިއާގައި ބޭނުންކުރެވޭ އެ ޕާޓީގެ އިންސްޓަގްރާމް އެކައުންޓުގައި 22 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ. މިއީ ވެރިކަންކުރާ ބީޖޭޕީގެ 9 މިލިއަން ފޮލޯވަރުންނާއި އިދިކޮޅު މައި ޕާޓީ، ކޮންގްރެސްގެ 13 މިލިއަން ފޮލޯވަރުންނަށްވުރެ މާ ގިނަ އަދަދެކެވެ.
ދީޕްކޭ ވަނީ އޭނާ އިންޑިއާއަށް ދާއިރު، އެއާޕޯޓަށް މީހުން އެއްނުވުމަށް އެދިފަ އެވެ.
"ދަރުމެންދުރާ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލައި ދިއްލީ އެއާޕޯޓަށް އެއްވުމަށް އަހަރެމެން ކުރި އިލްތިމާސަށް ލިބުނު އާދަޔާހިލާފު ތަރުހީބަކީ އަހަރެމެންނަށް ތަސައްވުރު ވެސް ނުކުރެވޭ ފަދަ ބޮޑު ތަރުހީބެއް،" ބުރާސްފަތި ދުވަހު އެކްސްގައި އާންމުކުރި ވީޑިއޯ މެސެޖެއްގައި އޭނާ ބުންޏެވެ.
"އެއާޕޯޓަށް އެހާ ގިނަ ބަޔަކު އެއްވުމަކީ އާންމުންނަށާއި ސަލާމަތީ ބާރުތަކަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް ކަމަށްވާތީ އެއީ ކުރެވޭނެ ކަމެއް ނޫން،" އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ، އެއާޕޯޓުން ފައިބައިގެން ސީދާ ދާނީ ފުލުހުންގެ ގާތަށް ކަމަށާއި، ހޮނިހިރު ދުވަހުގެ ސުލްހަވެރި މުޒާހަރާއަށް ހުއްދަ ހޯދާނެ ކަމަށެވެ.
"އަހަރެމެންނަކީ ގާނޫނަށް ބޯލަނބާ ރައްޔިތުން، އެހެންވީމާ ޒިންމާދާރުކަމާ އެކު އަމަލުކުރަންޖެހޭނެ. އެއްވެސް މީހަކު އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުއުފެއްދުމަށް ސަމާލުވުމަށް އެދެން،" އޭނާ ބުންޏެވެ.