އިންޑިއާގައި ސްކޫލެއްގެ ހާލަތު ހުރި ގޮތް ހާމަކުރި ޒުވާނަކަށް ބިރު ދެއްކުމަށް ފަހު އޭނާގެ އާއިލާގެ ގެޔާއި މީހުންނަށް ބަޔަކު ދިން ހަމަލާތަކުގައި ބައްޕަ މަރާލައިފި އެވެ.  

ވެސްޓް ބެންގޯލްގެ ސަރުކާރު ސްކޫލެއްގެ އިމާރާތްތަކާއި ވަސީލަތްތައް ހަލާކުވެފައިވާ މައްސަލައާ މެދު ވާހަކަދެއްކުމުން ބަޔަކު ގޮސް ހަމަލާ އެ ސްޓޭޓުގެ ބަންކޫރާ ކިޔާ ސަރަހައްދުގަ އެވެ.

އަބްދުލް ހާފިޒް ނަމަކަށް ކިޔާ މި ޒުވާނާ ވަނީ "ސްކޫލް ތިކް ކަރޯ" (ސްކޫލްތައް ރަނގަޅުކުރޭ) ކެމްޕޭނުގެ ދަށުން، އޭނާ ކުރިން ކިޔެވި ސަރުކާރު ސްކޫލަށް ގޮސް، އެތަނުގެ ހާލަތު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާއާގައި ޕޯސްޓްކޮށްފަ އެވެ. މި ވީޑިއޯއާ ގުޅިގެން ހާފިޒަށް އެކި ފަހަރު މަތިން އިންޒާރު ދިނުމަށް ފަހު، 150 އެއްހާ މީހުންގެ ގްރޫޕަކުން ވަނީ އޭނާގެ ގެއަށް ވަދެ ހަމަލާދީފަ އެވެ.  މި ހަމަލާގައި އެކި ކަހަލަ ހަތިޔާރާއި ދަނޑިބުރި ބޭނުންކޮށްފައިވާއިރު، ހާފިޒްގެ ބައްޕަގެ ބޮލަށް ލިބުނު ބޮޑެތި އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.

މި ހާދިސާއާ ގުޅިގެން އެ ގައުމުގެ ސިޔާސީ އަދި މަދަނީ ޖަމްއިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިއީ ސްކޫލްގެ ހާލަތު ހާމަކުރުމުން ބަދަލުހިފުމަށް، ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ތާއީދުކުރާ ބަޔަކު ދިން ހަމަލާއެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ.

އިންޑިއާގައި ތައުލީމީ ނިޒާމުގެ މައްސަލަތާ ގުޅުވައި ބޮޑު މުޒާހަރާއެއްކޮށް ސަރުކާރު ޕްރެޝަރަށް ވައްޓާލި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ހަރަކާތުގެ ލީޑަރު އަބީޖީދު ދިޕްކޭ ވަނީ މި ހަމަލާ ކުށްވެރިކޮށްފަ އެވެ. މަރުވި މީހާގެ ވީޑިއޯއާ އެކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އަބީޖީތު ބުނީ މިއީ ސީޖޭޕީއަށް ބިރު ދެއްކުމުގެ އަމަލެއް ކަމަށާއި މިފަދަ ކިތަންމެ ކަމެއް ހިނގަމުން އަންނަ ކަމަށެވެ. 

"ބިރު ދައްކައިގެން އަހަރެމެން ނުހުއްޓުވޭނެ. ދައްކާ ބިރުން އަހަރެމެންގެ އަޑު ވާނީ ގަދަ،" އޭނާ ބުނެފައިވެ އެވެ. 

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.