އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވަން މަޖުބޫރުވި ޒުވާނުންގެ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައި ކަމަށާއި ކަރަންޓު ޝޮކް ދޭ އާލާތްތަކާއި ޕެލެޓް ގަން ވެސް ބޭނުންކޮށްފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން މިއަދު ބުނެފި އެވެ.

މި ރިޕޯޓުގައިވާ ވާހަކަތައް އިންޑިއާ ފުލުހުން ދައްކާ ވާހަކަތަކާ ދިމައެއް ނުވެ އެވެ. ފުލުހުން ބުނާ ގޮތުގައި ބާރުގެ ބޭނުންކުރީ މުޒާހަރާގެ ބައިވެރިން އަނިޔާވެރިވާން ފެށުމުންނެވެ.

މި ރިޕޯޓު ނެރެފައިވަނީ ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި އަނިޔާވެރިކަން ތަހުގީގުކުރުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކޮމިޓީއެއް އެކުލަވާލާފައިވަނިކޮށެވެ.

ގައުމީ މެޑިކަލް އެންޓްރަންސް ޓެސްޓުގެ ކަރުދާސްތައް ލީކުވުމާ ގުޅިގެން ވެރިރަށް ނިއު ދިއްލީގައި ފެށި މުޒާހަރާތައް ހަމަނުޖެހުމަކަށް ބަދަލުވީ މުޒާހަރާގެ ބައިވެރިން، ގާނޫނުހަދާ މަޖިލީހާ ދިމާލަށް ޖުލައި 20 ވަނަ ދުވަހު މިސްރާބުޖެހުމުންނެވެ.

އެމްނެސްޓީން ބުނީ މަންޒަރު ދުށް މީހުންގެ ބަޔާންތަކާއި ކަށަވަރުކުރެވިފައިވާ ވީޑިއޯ/ފޮޓޯ ހެކިތަކުން، ދިއްލީ އާއި އިރުމަތީ ބިހާރު ސްޓޭޓުގައި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް "ޕެލެޓް ގަން، ކަރުނަގޭސް، ގްރެނޭޑް، މުގުރު އަދި ކަރަންޓު ޝޮކް ދޭ އާލާތްތައް" ބޭނުންކޮށްފައިވާކަން ކަށަވަރުވާ ކަމަށެވެ. އަދި ބިހާރުގެ ސިއުވާން ޑިސްޓްރިކްޓުގައި ފުލުހަކު "އާންމުންގެ ތެރެއަށް ގާނޫނާ ހިލާފަށް، ނުރައްކާތެރި ހަތިޔާރު ބޭނުންކުރި" ދެ ހާދިސާއެއް ވެސް ކަށަވަރުކުރެވިފައިވާ ކަމަށް އެމްނެސްޓީން ބުންޏެވެ.

ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

"މި ހަތިޔާރުތައް ބޭނުންކޮށްފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މިންގަނޑުތަކުގެ އިތުރުން އެ ގައުމުގެ ފުލުހުންގެ އުސޫލުތަކާ ހިލާފަށް،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެމްނެސްޓީން ބުނީ "މުޒާހަރާގެ ބައިވެރިން ގާ އުކި މަދު ހާދިސާތަކެއް" ހިނގި ކަމުގައިވީ ނަމަވެސް، "ސަރުކާރުން އިސްވެ ދިން މި ވަރުގަދަ ރައްދަކީ މުޒާހަރާ ކޮންޓްރޯލްކުރުމުގެ ނަމުގައި ހިންގި އަނިޔާވެރި އަމަލެއް" ކަމަށެވެ.

ދިއްލީގެ ފުލުހުން ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި މިދިޔަ ހަފުތާގައި ބުނީ ބާރުގެ ބޭނުންކުރީ މުޒާހަރާގެ ބައިވެރިން "އަނިޔާވެރިކަން އިސްކުރާތީ" ކަމަށެވެ. އަދި "ދަރިވަރުންގެ ނަމުގައި އުޅުނު، އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ބައެއް" ގެ ސަބަބުން ސެކިއުރިޓީ ބާރުތަކަށް "ބޮޑެތި އަނިޔާތަކެއް" ލިބުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހުކުރު ދުވަހު، އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވަނީ ޖުލައި 20 ގެ މުޒާހަރާގައި ޕެލެޓް ގަންގެ ސަބަބުން އަނިޔާވި 19 އަހަރުގެ ޒުވާނަކާ އެކު ދިއްލީގެ ފުލުސް އޮފީހެއްގެ ބޭރުގައި އިހުތިޖާޖު ކުރައްވައިފަ އެވެ. ރާހުލް ގާންދީ ވަނީ ބަޑިޖެހި މައްސަލަ ފުލުހުން ތަހުގީގުކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި ފަހުން ފުލުހުން ވަނީ އެކަން މައްސަލައެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފަ އެވެ.

އޮންލައިން "ކޮކްރޯޗް ޖަންތާ ޕާޓީ" އިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި މުޒާހަރާތައް، އިމްތިހާނުގެ މައްސަލަތަކުގެ ނުރުހުމުން ފެށިގެން ގޮސް، ވަޒީފާނެތުމުގެ މައްސަލަ އާއި ޒުވާނުންނަށް ހުރި ފުރުސަތުތަކުގެ އިތުރުން، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަމާ ދެކޮޅަށް ވަނީ ބަދަލުވެފަ އެވެ. މި މުޒާހަރާތަކަކީ 2024 ވަނަ އަހަރު ތިންވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތް ފަހުން މޯދީއަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު ގޮންޖެހުމެވެ. -- އޭއެފްޕީ