ހަމަލާތައް މެދުކަނޑާލަން އެމެރިކާ އާއި އީރާނުން ވީ އެއްބަސްވުމަށް ފަހު އީރާނުން މިރޭ އިޒްރޭލަށް އަމާޒުކޮށް ފުރަތަމަ ފަހަރަށް މިސައިލް ހަމަލާތަކެއް ފޮނުވާލުމާ އެކު މަސްރަހު ހޫނުވެއްޖެ އެވެ.
އިޒްރޭލުން މީގެ ކުޑަ އިރުކޮޅެއް ކުރިން ވަނީ އީރާނުން އިޒްރޭލަށް އަމާޒުކޮށް މިސައިލްތަކެއް ފޮނުވާލާފައިވާކަން ހާމަކުުރުމާ އެކު އިޒްރޭލުގެ އެކި ހިސާބުތަކުގައި ސައިރަން އަޅައި ކުއްލި ހާލަތަށް ގެނެސްފަ އެވެ. އަދި ފަހުން ވަނީ އިތުރު މިސައިލްތަކެއް ވެސް ފޮނުވާލިކަން ފާހަގަވެފައިވާ ކަމަށް ބުނެފަ އެވެ.
އިޒްރޭލުގެ ހޯމް ފްރަންޓް ކޮމާންޑުން ނެރުނު ބަޔާނެއްގައި ވަނީ އިޒްރޭލުގެ ހުރިހާ ހިސާބަކަށް ވެސް ނުރައްކާ އެބަ އޮތް ކަމަށް ކަނޑައަޅައި ސްކޫލްތައް ވެސް ބަންދުކުރުމަށް އަންގައިފަ އެވެ.
"އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ މިހާތަނަށް ހުރިހާ މިސައިލެއް އިންޓަސެޕްޓްކޮށްފައި. ސިފައިންނަށް ވަނީ އިތުރު މިސައިލްތަކެއް ވެސް ލޯންޗުކުރިކަން ދެނެގަނަވިފައި،" އިޒްރޭލުގެ އަސްކަރިއްޔާއިން ބުންޏެވެ.
މިސައިލްތައް ދެނެގަނެ އިންޓަސެޕްޓްކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އިޒްރޭލުން ބުނެފައި ވާއިރު އީރާނުން ވަނީ މިއީ ބައިރޫތަށް ހަމަލާދީފައި ވާތީ އިޒްރޭލަށް ދިން އިންޒާރެއް ކަމަށެވެ.
ބައިރޫތަށް ހަމަލާ ދީފި ނަމަ އިޒްރޭލަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުން ކުރިން ވެސް އޮތީ ދީފަ އެވެ.
"އިޒްރޭލު ސިފައިން ލުބުނާނުގެ ދެކުނަށާއި ރަށްބޭރުގެ ސަރަހައްދުތަކަށް ދެމުންދާ ހަމަލާތައް ހުއްޓާލަންޖެހޭނެ. އަދި އެ ސަރަހައްދަށް ދޭ ހަމަލާތައް ފުޅާކޮށް ނުވަތަ އީރާނުގެ އަމަލުތަކަށް ރައްދުދީފި ނަމަ، މިއަށްވުރެ މާ ބާރުގަދަ އަދި ހިތާމަކުރަންޖެހޭ ފަދަ ރައްދު ހަމަލާތަކަކާ ކުރިމަތިލާން ޖެހޭނެ،" އީރާންގެ ޚާތަމުލް އަންބިޔާ ކޮމާންޑުގެ ވެރިޔާ، ޖެނެރަލް އަލީ އަބުއްލާހީ މިސައިލް ހަމަލާތަކަށް ސީދާ އިޝާރާތެއް ނުކޮށް ވިދާޅުވި އެވެ.
އީރާންގެ އަސްކަރިއްޔާއިން ބުނީ ބައިރޫތަށް ހަމަލާ ދިނުމަކީ އިޒްރޭލުން "ހުރިހާ ރަތް ރޮނގެއް ހުރަސްކުރުން" ކަމަށެވެ. މިރޭގެ ހަމަލާތަކަކީ ކާމިޔާބީއެއް ކަމަށާއި ބައިރޫތަށް އަލުން ހަމަލާ ދީފި ނަމަ ނުވަތަ އީރާނަށް ރައްދު ދީފި ނަމަ ހަމަލާތައް ވަރުގަދަވެ ސަރަހައްދަށް ފުޅާވެގެން ދާނެ ކަމުގެ އިންޒާރު ވެސް އީރާންގެ އަސްކަރިއްޔާއިން ދިނެވެ.
އީރާންގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާންގެ ހުޅަނގުން މިހާރު ވަނީ ވައިގެ ސަރަހައްދު ވެސް ބަންދުކޮށްފަ އެވެ.