ފިލިޕީންސްގެ ދެކުނު ބިތުގެ ކަނޑުގެ ސަރަހައްދަށް 7.8 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމަކާ ގުޅިގެން ސުނާމީގެ އިންޒާރު ދީފި އެވެ.

ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސަވޭ (ޔޫއެސްޖީއެސް) އިން ސުނާމީގެ އިންޒާރާ އެކު ބުނީ ކަނޑުގެ ބިމު އަޑިން މި ބިންހެލުން އުފެދިފައިވަނީ ފިލިޕީންސްގެ މިންދަނާއޯ ރަށުގެ ބޭރުން 35 ކިލޯމީޓަރު (22 މޭލު) ފުނުން ކަމަށެވެ.

ބިންހެލުން އައީ ފިލިޕިންސް މިއަދު ގަޑިން ހެނދުނު 7:40 އެހާއިރު އެވެ. އެއީ ރާއްޖޭ ގަޑިން ނަމަ ފަތިހު 4:40 އެވެ.

ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް ތިން ގަޑިއިރުގެ ތެރޭގައި ފިލިޕީންސް، އިންޑޮނީޝިޔާ، ޕަލާއު، ތައިވާން އަދި ޕަޕުއާ ނިއު ގިނީގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީގެ ރާޅުތައް އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ސުނާމީގެ އިންޒާރު އައިސްފައިވާ ގައުމުތަކުގެ އައްސޭރި ފަށުގެ ސަަރަހައްދުތަކުގައި މިހާރު ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. 

ބިންހެލުން އައި، ފިލިޕީންސްގެ މިންދަނާއޯ ސަރަހައްދަކީ ރާއްޖެއާ ގާތްގަނޑަކަށް 5,200 ކިލޯމީޓަރު (ނުވަތަ 3,230 މޭލު) ދުރެވެ. މި ދުރުމިނާއި ދެކުނު އިރުމަތީ އޭޝިއާގެ ބިން ބޮޑު ގައުމުތައް ހުރަހަކަށް ވެފައި ވުމުން އެ ސަރަހައްދަށް އަންނަ ބިންހެލުންތަކާއި ސުނާމީތަކުގެ އަސަރު ސީދާ ގޮތުން ކުރުމުގެ ފުރުސަތުގެ ރާއްޖެއަށް ވަރަށް ކުޑަވާނެ އެވެ.