އިންޑޮނީޝިއާގެ އިރުމަތީގެ ކަނޑުގެ ސަރަހައްދަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް، އެކަމާ ގުޅިގެން ބޮޑު ސަރަހައްދަކަށް ސުނާމީގެ އިންޒާރު ނެރެފި އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) ގެ އިންޒާރުގައި ވަނީ މި ބިންހެލުމާ ގުޅިގެން، ބިންހެލުން އައި ތަނުން ފެށިގެން 1,000 ކިލޯމީޓަރު (621 މޭލު) ސަރަހައްދަކަށް "ނުރައްކާތެރި ސުނާމީ ރާޅުތަކެއް" އަރައިފާނެ ކަމަށެވެ.
މި އިންޒާރަށް ދެ ގަޑިއެއްހާއިރު ފަހުން ވަނީ އިންޒާރު އުވާލައިފަ އެވެ. އޭގެ ކުރިން ބައެއް ހިސާބުތަކަށް ފޫޓެއްހާ އުސްމިނުގެ ސުނާމީ ރާޅުތަކެއް އެރި އެވެ. އަދި އިމާރާތްތަކެއް ވެއްޓި އިންޑޮނީޝިއާއިން އެކަކު މަރުވެސް ވި އެވެ.
ރާއްޖޭގެ މެޓް އޮފީހުން ބުނީ މި ބިންހެލުން އައިސްފައިވަނީ މާލެއާ 5،865 ކިލޯމީޓަރު ދުރަށް ކަމަށެވެ. އަދި މި ބިންހެލުމުގެ ސީދާ އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ބުންޏެވެ.
މި ބިންހެލުން ފުރަތަމަ ރެކޯޑުކުރެވުނީ 7.8 މެގްނިޓިއުޑްގައެވެ. ބިންހެލުން އައީ މޮލުކާ ކަނޑުގެ ސަރަހައްދަށް، އެ ސަރަހައްދުގެ ގަޑިން ހެނދުނު 6:48 (ރާއްޖޭގަޑިން ފަތިހު 3:48) ގައެވެ.
ހަވާއީގައި ހުންނަ ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނީ، ބިންހެލުން އައި މަރުކަޒާ ގާތްގަނޑަކަށް 1,000 ކިލޯމީޓަރުގެ ސަރަހައްދެއްގައި ހިމެނޭ އިންޑޮނީޝިއާ، ފިލިޕީންސް އަދި މެލޭޝިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ނުރައްކާތެރި ސުނާމީ ރާޅުތަކެއް އެރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އިންޑޮނީޝިއާގެ ސުމަޓްރާ ސަރަހައްދަށް ޑިސެމްބަރު 2004 ގައި އައި ބިންހެލުމެއްގައި ސުނާމީ އުފެދި ރާއްޖެ އާއި އޭޝިއާގެ އެކި ގައުމުތަކަށް ލައްކައިން މީހުން މަރުވި އެވެ. އެ ފަހަރު ބިންހެލުމުގެ ބާރުމިން ހުރީ 9.2 މެގްނިޓިއުޑްގަ އެވެ.
މިދިޔަ މަހުގެ ތިން ވަނަ ދުވަހު ވެސް އިންޑޮނީޝިއާ ކައިރިއަށް، މާލެއާ 2،581 ކިލޯމީޓަރު ދުރަށް ބިންހެލުމެއް އައިސްފައިވެ އެވެ. އެ ބިންހެލުމުގެ ބާރުމިން ހުރީ 6.1 މެގްނިޓިއުޑްގަ އެވެ.