ސުނާމީގައި ގެއްލުނު މީހުންގެ އަދަދު 5،000 އަށް، މީހުން ހޯދުން ހުއްޓާލަނީ

ޕާލޫ (އޮކްޓޯބަރު 8) - އިންޑޮނީޝއާގެ ޕާލޫ އައިލެންޑަށް މިދިޔަ މަހު 28 ވަނަ ދުވަހު އައި ބިންހެލުމާއި ސުނާމީގައި ގެއްލުނު މީހުންގެ އަދަދު 5،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި ނަމަވެސް މީހުން ހޯދުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ހުއްޓާލާނެ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.


ރިކްޓާ މިންގަނޑުން 7.5 ގެ ބާރު މިނުގައި އައި ބިންހެލުމާ އެކު އުފެދުނު ސުނާމީގައި މަރުވި މީހުންގެ އަދަދު ވަނީ 19،44 އަށް އަރައިފަ އެވެ.

އިންޑޮނީޝިއާ އަށް އެރި ސުނާމީގައި ޕަސިންޖާ ބޯޓެއް އެއްގަމަށް އަރާފައިވާ އިރު ރެސްކިއު ޓީމުތަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

"އަވަށްތަކުން ލިބޭ މައުލޫމާތުގެ އަލީގައި އަދިވެސް ވަނީ 5،000 ވަރަކަށް މީހުން ގެއްލިފައި،" އިންޑޮނީޝީއާގެ ޑިޒާސްޓާ އެޖެންސީގެ ތަރުޖަމާން ސުޓޮޕޫ ޕުރްވޯ ނުގްރޮހޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަހު 11 ވަނަ ދުވަހަށް ފަހު މީހުން ހޯދުން ހުއްޓާލާނެ ކަމަށާއި އޭގެ ފަހުން ކަނޑައަޅާނީ އެއީ ގެއްލިފައިވާ މީހުން ނުވަތަ މަރުވެފައިވާ މީހުން ކަމަށެވެ.

އިންޑޮނީޝިއާ އަށް އައި ބިންހެލުމުގައި ގެއްލުނު މީހުން ހޯދަން ސިފައިންގެ ޓީމުތަކުން ހަރަކާތްތެރިވަނީ. -ފޮޓޯ:އޭއެފްޕީ

އިންޑޮނީޝިއާގެ ސާޗް އެންޑް ރެސްކިއު އެޖެންސީގެ ވެރިޔާ މުހައްމަދު ސިޔައުގީ ވިދާޅުވީ ބިންހެލުމާއި ސުނާމީ އެރިތާ ދިހަ ވަރަކަށް ދުވަހަށް ފަހު ދިރިހުއްޓާ މީހަކު ފެނުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.

ބިންހެލުމާއި ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ދަނީ ސިފައިންނާއި ފުލުހުންނާއި މަދަނީ ރެސްކިއު ޓީމުތަކާ އަދި ވޮލަންޓިއަރުންގެ 82،000 މީހުން ހަރަކާތްތެރިވަމުންނެވެ.