އެމެރިކާއިން އިރާނާ އެކު އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަ ސުލްހައިގެ އެއްބަސްވުން ގަބޫލުކުރުން ނޫން އެހެން އެއްވެސް ގޮތެއް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ނޯންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ފައިނޭންޝަލް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ، މުޅި މަސްރަހު ކޮންޓްރޯލް ކުރައްވަނީ ސީދާ އޭނާ ކަމަށެވެ. އަދި އެމެރިކާއިން އިސްވެ ކުރިއަށްގެންދާ މި މަޝްވަރާތަކުގައި ނަތަންޔާހޫއަށް ގޮތް ނިންމުމުގެ ބާރެއް ނޯންނާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ހަރުކަށި އިބާރާތުން ވިދާޅުވެފަ އެވެ.

"އޭނާ [ނަތަންޔާހޫ] އަކަށް އެހެން އިހްތިޔާރެއް ނޯންނާނެ. މިކަމުގައި ގޮތް ނިންމާނީ އަހަރެން. ހުރިހާ ނިންމުމެއް ނިންމާނީ އަހަރެން. އޭނާއަކަށް ގޮތްތަކެއް ނުނިންމޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.

މި ވާހަކަތައް ތިލަވެފައި މިވަނީ އިޒްރޭލުން ލުބުނާނުގެ ބެއިރޫތަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އެމެރިކާ އާއި އިރާނާ ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކަށް ބުރޫއަރަމުންދާ ދަނޑިވަޅެއްގަ އެވެ. ރިޕޯޓްތައް ބުނާގޮތުން، ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި، އިރާނަށް ރައްދު ހަމަލާ ނުދިނުމަށާއި ސުލްހައިގެ މަޝްވަރާތަކަށް ހުރަސް ނޭޅުމަށް ބާރުއަޅުއްވައި ވަރަށް ހޫނުކޮށް ވާހަކަދައްކަވާފަ އެވެ.

ބައިރޫތަށް ދިން ހަމަލާގެ ރައްދުގައި އިރާނުން ރޭ އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި މިސައިލް ހަމަލާތަކާ ގުޅިގެން ވެސް ޓްރަމްޕް ވިދާޅުވީ، އެކަމުގެ ސަބަބުން އެމެރިކާ-އިރާން ސުލްހައިގެ އެއްބަސްވުމަށް ބަދަލެއް ނާންނާނެ ކަމަށާއި، ދެ ފަރާތް ވެސް އަވަހަށް ސުލްހައިގެ މޭޒުދޮށަށް އަންނަންޖެހޭ ކަމަށެވެ.

އީރާނުގެ އަސްކަރިއްޔާއިން ރޭގެ ހަމަލާތަކަށް ފަހު ބުނި ގޮތުގައި، ލުބުނާން ހިމެނޭ ގޮތަށް ހުރިހާ ދިމާލަކުން ހަމަލާތައް ހުއްޓާލާ ނަމަ ހަނގުރާމަ ހުއްޓާލަން އެގައުމުން އޮތީ އެއްބަސްވެފަ އެވެ. ނަމަވެސް، އިޒްރޭލުން ހުއްޓުމެއް ނެތް ގޮތުގައި ލުބުނާނަށް ހަމަލާދީ އެ ޝަރުތާ ހިލާފުވާތީ އީރާނުން ވެސް ރައްދު ދިނީ ކަމަށް ބުންޏެވެ.

ނަމަވެސް އިޒްރޭލުގެ ސިޔާސީ މަސްރަހު މިހާރު އޮތްގޮތުން ނަތަންޔާހޫއަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފަ އެވެ. އިޒްރޭލުގެ ޕާލިމެންޓް (ނެސެޓް) އުވާލުމުގެ ފުރަތަމަ މަރުހަލާ ފާސްވެފައިވާއިރު، މިއަހަރުގެ ބަހާރު މޫސުމުގައި އެގައުމުގައި އަވަސް އިންތިހާބެއް ބޭއްވުމުގެ ފުރުސަތު ބޮޑެވެ. ހަމައެއާއެކު ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނުގެ ދައުވާތަކުގެ ޝަރީއަތްތައް ވެސް އަލުން ފެށިފައިވާތީ، އޭނާގެ ސިޔާސީ މުސްތަގުބަލު އޮތީ ނުރައްކަލުގަ އެވެ.