ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ފްރޭމްވޯކް އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އެމެރިކާއާ މެދު އޮތް "ފުން ނުތަނަވަސްކަމާއި އިތުބާރު ނުކުރެވުން" އަދިވެސް އެގޮތުގައި އެބައޮތް ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބުނެފި އެވެ.

"ހިތާމައާ އެކު ފާހަގަކުރަންޖެހެނީ، އެމެރިކާއަށް އީރާންގެ އިތުބާރު ގެއްލިފައިވަނީ އެމެރިކާގެ ވެރިންގެ ފަރާތުން، ދިގު މާޒީގައި ފެނިފައިވާ ނުރަނގަޅު އަމަލުތަކުގެ ނަތީޖާކަން،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އީރާނުގެ ރައްޔިތުންގެ އިތުބާރު ހޯދުމަށް އެމެރިކާއިން އަދި ކަޑައްތުކުރަންޖެހޭ  ދިގު ރާސްތާއެއް އެބައޮތް ކަމަށާއި، މި ފްރޭމްވޯކް އެއްބަސްވުމަކީ "ހަމައެކަނި މަސްލަހަތު ފިނިކުރުމަށް އެޅުނު ފިޔަވަޅެއް" ކަމަށެވެ.

މެދުއިރުމަތީގެ ހުރިހާ ކުރިމަތިލުންތަކެއް ހުއްޓާލައި، ދުނިޔޭގެ އިގްތިސާދަށް ނުހަނު މުހިންމު ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ އެއްބަސްވުމެއް އެމެރިކާ އާއި އީރާނާ ދެމެދު އިއުލާންކޮށްފައިވަނީ ހޯމަ ދުވަހު އެވެ. މިއީ މަސްތަކެއް ވަންދެން ހިނގި ލޭއޮހޮރުވުންތަކާއި ދުނިޔޭގެ އިގްތިސާދީ ހަލަބޮލިކަމަށްފަހު ލިބުނު ބޮޑު ހަމަޖެހުމެކެވެ.

މި ހަމަނުޖެހުންތައް ފެށުނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އީރާނުން ވަނީ އޭގެ ބަދަލުހިފުމުގެ ގޮތުން އިޒްރޭލާއި އެ ސަރަހައްދުގައި ތިބި އެމެރިކާގެ ބައިވެރިންނަށް ހަމަލާދީފަ އެވެ.

ހިފަހައްޓާފައިވާ ފައިސާ އާއި ހޮރްމޫޒް ކަނޑުއޮޅީގެ ފީ

ތަރުޖަމާނު ބަގާއީ ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން، ބޭރު ގައުމުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކޮށްލުމަށާއި، ހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ ބަދަލު ދިނުމަށް އެމެރިކާއިން ވަނީ އެއްބަސްވެފައި ކަމަށެވެ.

"ހިފަހައްޓާފައިވާ އީރާނުގެ މާލީ އެސެޓްތައް ދޫކޮށްލުމާއި ލިބުނު ގެއްލުމުގެ ބަދަލު ދިނުމަކީ ކޮންމެހެން ބޭނުންތެރި ދެ ނުކުތާ. އެމެރިކާ ފަރާތުން ވަނީ މި ދެ ދާއިރާއިން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދީފައި،" އޭނާ ވިދާޅުވި އެވެ.

އެއްބަސްވުމުގެ ދަށުން، ހޮރްމޫޒް ކަނޑުއޮޅި ބަލަހައްޓާނީ އީރާނުންނެވެ. ހަނގުރާމަ ފެށުނީއްސުރެ އީރާނުން ބަންދުކޮށްފައި އޮތް މި ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމުގެ ބަދަލުގައި ނަގާނީ މެރިޓައިމް ސާވިސް ފީ އެވެ.

"އަޅުގަނޑުމެން އަބަދުވެސް ބުނަމުންދިޔައީ ކަނޑުއޮޅި ހުރަސްކުރާތީ ނަގާ ފީއެއް ނޫނޭ ނަގާނީ. ނަމަވެސް، ކަނޑުމަތީގެ ދަތުރުފަތުރުގެ ހިދުމަތްތަކަށާއި، ތިމާވެށި ރައްކާތެރިކުރުމަށާއި، އުޅަނދުތަކުގެ އިންޝުއަރެންސް އަދި އެހެނިހެން ކޮންމެހެން ބޭނުންވާ ހިދުމަތްތަކަށް ފީ ނެގޭނެ،" ބަގާއީ ވިދާޅުވި އެވެ.

ލުބުނާނުގެ މައްސަލަ އާއި ކުރިއަށް އޮތް މަޝްވަރާތައް

ލުބުނާނުގައި ކުރިއަށްދާ ހަނގުރާމަ އިޒްރޭލުން ހުއްޓާލާނެކަން  މި ފްރޭމްވޯކްގެ ދަށުން އެމެރިކާއިން ކަށަވަރުކުރަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މާޗް މަހުގެ ކުރީކޮޅު ލުބުނާނު މި ހަނގުރާމައިގެ ތެރެއަށް ވަނީ، އީރާނުގެ ރޫހީ ލީޑަރު އަވަހާރަކޮށްލުމުގެ ބަދަލުހިފުމުގެ ގޮތުން، އީރާނުގެ ތާއީދުލިބޭ ހިޒްބުالله ޖަމާއަތުން އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދޭން ފެށުމުންނެވެ. އެއާއެކު އިޒްރޭލުން ވަނީ ލުބުނާނަށް ބޮންއަޅައި އެއްގަމު މަގުން އަރައިފަ އެވެ.

"އެމެރިކާއިން އެމީހުންގެ ވައުދުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެ. ޒަޔަނިސްޓް ދައުލަތުން (އިޒްރޭލުން) ލުބުނާނާ މެދު އެމީހުން ވެފައިވާ އެއްބަސްވުންތަކަށް ބޯލަނބާނެކަން އެމެރިކާއިން ކަށަވަރުކުރަންޖެހޭނެ،" އީރާނުން އިޒްރޭލަށް ވެސް އަދި އެމެރިކާއަށް ވެސް އިތުބާރު ނުކުރާކަން ފާހަގަކުރައްވަމުން ބަގާއީ ވިދާޅުވި އެވެ.

މި ފްރޭމްވޯކް އެއްބަސްވުމަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ބެހޭގޮތުން ފައިނަލް އެއްބަސްވުމަކަށް އައުމަށް 60 ދުވަހުގެ މުއްދަތަކަށް ކުރެވޭ މަޝްވަރާތަކަށް މަގުފަހިވެގެންދާނެ އެއްޗެކެވެ.

"60 ދުވަހުގެ މުއްދަތަށްފަހު ފައިނަލް އެއްބަސްވުން އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކުން ފާސްކުރާނެ ކަމަށް އުންމީދުކުރެވޭ،" މާޒީގެ ތަޖުރިބާތަކުން އީރާނުން ފިލާވަޅު ލިބިގަންނާނެކަން ފާހަގަކުރައްވަމުން ބަގާއީ ވިދާޅުވި އެވެ. "ގަރާރެއް ފާސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް... ނަމަވެސް އެއްބަސްވުމަށް އަމަލުކުރުމުގެ އެންމެ ވަރުގަދަ ޔަގީންކަމަކީ ވޭތުވެދިޔަ ތިން މަސްދުވަހު އަޅުގަނޑުމެން ދައްކުވައިދިން ބާރާއި ނުފޫޒު."