އީރާނާ އެކު ސުލްހަ ގާއިމުކޮށް ދާއިމީ ހަމަޖެހުމެއް ގެނައުމަށް އެމެރިކާއިން ކުރާ މަސައްކަތަށް ހުރަސްއެޅުމަށް އިޒްރޭލުން އަސްކަރީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ވެސް މަސައްކަތްކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ޖާސޫސީ އިދާރާތަކުން އެމެރިކާ ސަރުކާރަށް ދީފި އެވެ.
އެމެރިކާގެ ޖާސޫސީ އިދާރާތަކުން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް އިންޒާރު ދީފައިވާ ގޮތުގައި، އީރާނާއެކު ދާއިމީ ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ހުރަސްއެޅޭ ފަދަ ފިޔަވަޅުތަކެއް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެޅުމުގެ ފުރުސަތު ބޮޑެވެ.
ޖާސޫސީ އިވެލުއޭޝަންތަކާ ބެހޭ މައުލޫމާތު އެނގޭ އެމެރިކާގެ މިހާރުގެ އަދި ކުރީގެ އޮފިޝަލުންނާ ހަވާލާދީ "ވޮޝިންޓަން ޕޯސްޓް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާ އާއި އީރާނާ ދެމެދު ސޮއިކުރި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް (އެމް.އޯ.ޔޫ) ގައި ލުބުނާން ހިމެނޭގޮތަށް ހުރިހާ ތަނެއްގައި އަސްކަރީ ހަމަލާތައް ހުއްޓާލުމަށް ބަޔާންކޮށްފައިވީ ނަމަވެސް، އިޒްރޭލުން ދަނީ ލުބުނާނުގައިވާ ހިޒްބުﷲ ޖަމާއަތާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާކަމަށް ބުނަމުންނެވެ.
މި ހަމަލާތައް އިތުރަށް ވަރުގަދަ ނުކުރި ކަމުގައިވިޔަސް، ލުބުނާނުގެ ދެކުނުން އިޒްރޭލުގެ ސިފައިން ފޭބުމަށް އިންކާރުކުރާ ނަމަ މި ނާޒުކު އެއްބަސްވުން ރޫޅިގެންދާނެ ކަމަށް އެމެރިކާގެ އޮފިޝަލަކު އެ ނޫހަށް ބުނެފައިވެ އެވެ.
"ލުބްނާނުގެ ބައެއް ހިފާފައި ބޭއްވުމަކީ ބޮޑު ހައިޖާނަކަށް މަގުފަހިވާނެ ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ. "އިޒްރޭލުގެ ސިފައިން އެ ސަރަހައްދުން އެއްކޮށް ނުފައިބައި ނަމަ، އިޒްރޭލު ސިފައިންނާއި ހިޒްބުالله އާ ދެމެދު އަލުން ހަނގުރާމަ ފެށުމަކީ ކަށަވަރު ކަމެއް."
އެމެރިކާ-އީރާންގެ އެއްބަސްވުމާ އިޒްރޭލު ދެކޮޅުހަދާތީ އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވޭންސް ބުރާސްފަތި ދުވަހު ވަނީ އިޒްރޭލަށް އިންޒާރު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ، މިވަގުތު މުޅި ދުނިޔޭގައި ވެސް އިޒްރޭލަށް ހަމްދަރުދީވާ ހަމައެކަނި ދައުލަތުގެ ވެރިޔަކީ ރައީސް ޓްރަމްޕް ކަމަށާއި އިޒްރޭލާ އެކު އޮތް "ބާރުގަދަ ހަމަ އެކަނި އެކުވެރިޔާ" ބާކީކޮށްލާ ފަދަ ކަންކަން ކޮށްގެން ނުވާނެ ކަމަށެވެ.
އެއްބަސްވުން ނާކާމިޔާބުކޮށްލަން އިޒްރޭލުން މަސައްކަތްކުރާނެ ކަމަށް އިންޒާރު ދީފައި ވާއިރު އިޒްރޭލައި ހިޒްބުﷲ އިން އިއްޔެ ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވެފަ އެވެ. އަދި ފަހުން އިޒްރޭލުން ވަނީ ހިޒްބުﷲ އިން އެއްބަސްވުމާ ހިލާފް ނުވާ ނަމަ އިޒްރޭލުން ވެސް އެއްބަސްވުމަށް އިހްތިރާމް ކުރާނެ ކަމަށް ބުނެފަ އެވެ.
ލުބުނާނުގެ ރަސްމީ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުކުރު ދުވަހު އިޒްރޭލުން ލުބުނާނުގެ ދެކުނާއި އިރުމަތީގެ ސަރަހައްދުތަކަށް ދިން ހަމަލާތަކެއްގައި މަދުވެގެން 31 މީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.
އެންމެ ފަހުގެ ރަސްމީ ހިސާބުތަކަށް ބަލާއިރު، މާޗު މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ލުބުނާނުގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުގައި މިހާތަނަށް 3,912 މީހުން މަރުވެ، 11,873 މީހުން ޒަހަމްވެ، އަދި މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާންޖެހިފަ އެވެ.