ޔޫރަޕްގެ ބޮޑު ސަަރަހައްދަކަށް ކުރިމަތިވެފައިވާ އާދަޔާ ހިލާފު ހޫނުގެ ސަބަބުން ސިއްހީ އިންޒާރުތައް ނެރެން ފަށައިފި އެވެ.

ރެކޯޑް މިންވަރަކަށް ހޫނުމިން މަތިވުމުގެ ސަބަބުން ގިނަ ގައުމުތަކެއްގައި "ރެޑް އެލާޓް" ނެރެފައިވާއިރު، ސްކޫލްތަކުގެ އިތުރުން ޓޫރިސްޓުން ގޮސް އުޅޭ ތަންތަން އަންނަނީ ބަންދުކުރަމުންނެވެ. އަދި ރޭލު ދަތުރުތައް ވެސް ދަނީ ކެންސަލް ކުރަމުންނެވެ.

  • ފްރާންސް: އެ ގައުމުގައި ރެކޯޑްތައް ބަލަހައްޓަން ފެށި ފަހުން އެންމެ ހޫނުގަދަ ދުވަހާއި ރޭ ވެސް މި ހަފްތާގައި ވަނީ ކުރިމަތިވެފަ އެވެ. މި ހޫނުން ސަލާމަތްވާން ފެންގަނޑުތަކަށް އެރުމުގެ ސަބަބުން، މިދިޔަ ފަސް ދުވަސް ތެރޭގައި 40 މީހުން ވަނީ ގެނބިގެން މަރުވެފަ އެވެ.
  • ސްޕޭން: މުޅި ގައުމުގައި ހޫނުގެ އިންޒާރު ނެރެފައިވާއިރު، ބައެއް ސަރަހައްދުތަކުގައި "އާދަޔާ ހިލާފު ނުރައްކަލުގެ" އެންމެ މަތީ އެލާޓް ވަނީ ނެރެފަ އެވެ. މެޑްރިޑްގައި ހޫނުމިން 38 ޑިގްރީ ސެލްސިއަސްއަށް މަތިވެފައިވެ އެވެ.
  • އިޓަލީ: މިލާން އަދި ރޯމް ހިމެނޭގޮތަށް 15 ސިޓީއެއްގައި "ރެޑް އެލާޓް" ނެރެފައިވެ އެވެ. އޭސީ ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން މިލާން އަދި ޓިއުރިންއިން ވަނީ ކަރަންޓު ކެނޑުމުގެ މައްސަލަތައް ވެސް ކުރިމަތިވެފަ އެވެ.
  • އިނގިރޭސިވިލާތް: ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް މަތިވެދާނެ ކަމަށް ލަފާކުރެވޭތީ، މެޓް އޮފީހުން ވަނީ ގައުމުގެ ތާރީހުގައި ދެވަނަ ފަހަރަށް "ރެޑް ހީޓް ވޯނިން" ނެރެފަ އެވެ. ގިނަ ސްކޫލްތަކެއް ބަންދުކުރަމުންދާއިރު، ބައެއް ރޭލުވޭތަކުން ދަތުރު ނުކުރުމަށް ވަނީ އިރުޝާދުދީފަ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މިގޮތަށް ތަކުރާރުކޮށް ކުރިމަތިވާ ހޫނުގެ ރާޅުތަކަކީ ދުނިޔެ ހޫނުވުމުގެ ސާފު ހެއްކެކެވެ. އަދި އިންސާނުން ފޮސިލް ފިއުލް ބޭނުންކުރުމުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި މިފަދަ ހޫނު ދުވަސްތައް ދިގުވެ، އިތުރަށް ވަރުގަދަވާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

ހޫނުގެ ސަބަބުން ޖަރުމަނުގައި ވެސް މީހުންނަށް އުނދަގޫތަކާ ކުރިމަތި ވެފައި ވާއިރު ފިނިކަން ހޯދަން ފަތަން އުޅުމުގެ ތެރޭގައި ފަސް މީހަކު ގެނބިގެން ވަނީ މަރުވެފަ އެވެ. ފްރާންސްގެ ދެކުނުގައި ކާރެއްގެ ތެރޭގައި  ދެ އަހަރުގެ ކުއްޖަކާއި ހަތަރު އަހަރުގެ ކުއްޖަކު ގަދަ ހޫނުގައި ވަނީ  މަރުވެފަ އެވެ. މީގެ އިތުރުން ފްރާންސްގައި ދަނޑުވެރިން ބުނާ ގޮތުގައި ހޫނުގެ ސަބަބުން ގިނަ އަދަދެއްގެ ކުކުޅުތައް ވަނީ މަރުވެފަ އެވެ.

އޮސްޓްރިއާ، ޕޮލެންޑް، ހަންގޭރީ އަދި ކްރޮއޭޝިއާ ފަދަ ގައުމުތަކުން ވެސް އަންނަނީ ހޫނުގެ އިންޒާރުތައް ނެރެމުންނެވެ. އަދި ކްރޮއޭޝިއާގެ ފަޔަފާިއޓަރުން ދަނީ ހޫނުގެ ސަބަބުން ރޯވަމުންދާ ޖަންގަލީގެ އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންނެވެ. -- އޭއެފްޕީ