މާލޭން ފުރައިގެން އިންޑިއާގެ ޓުޓިކޮރިން އަށް ދިޔަ ކާގޯ ބޯޓެއްގެ ބައެއް ކޮމްޕާޓްމަންޓުތައް ފޫގޮސް ދިޔަވަނިކޮށް އިންޑިއާގެ ކޯސްޓް ގާޑުން ސަލާމަތްކޮށްފި އެވެ.
އިންޑިއާގެ ކޯސްޓް ގާޑުން ބުނެފައިވާ ގޮތުގައި ކޮމޯރޯސްގެ ދިދާގައި ދަތުރުކުރި 'އެމްވީ ސިއްތާ' އެހީއަށް އެދުނީ ހޮނިހިރު ދުވަހު ޓެމިލް ނާޑޫގެ ޓިރުޗެންދޫރާ ދިމާލު ބޭރުން ދަތުރުކުރަނިކޮށް ދިޔަވާން ފެށުމުންނެވެ.
އެހީއަށް އެދުމާ އެކު އިންޑިއާގެ ކޯސްޓް ގާޑް ޝިޕް 'އަތުލްޔާ' އިން ހާއްސަ ބޯޑިން ޓީމެއް ފޮނުވައި އެހީވާން ފެށި ކަމަށާއި ބޯޓުގެ މާސްޓަރާއި ސެލްވޭޖް ކުންފުންޏަކާ އެކު ގުޅިގެން ކުރި މަސައްކަތުގައި ބޯޓުން ދިޔަ ހިއްކައި އަދި ދިޔަވުން ކޮންޓްރޯލް ކުރި ކަމަށް ބުނެފައިވެ އެވެ.
އިންޑިއާގެ ކޯސްޓް ގާޑުން އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ބޯޓަށް ދިޔަވަމުން ދިޔައިރު އެންމެ އެތެރޭގައި ޕަމްޕު ޖަހައިގެން ދިޔަގަނޑު ހިންދަން މަސައްކަތްކޮށްފައިވެ އެވެ.
މި ކާމިޔާބު މަސައްކަތަށް ފަހު ބޯޓު ޓުޓިކޮރިންއަށް ދަތުރުކުރުމަށް އެންގި ކަމަށާއި އެ ބަނދަރުގައި ބޯޓު ރަނގަޅަށް މަރާމާތުކުރެވޭނެ ކަމަށް ވެސް ކޯސްޓް ގާޑުން ބުނެފައިވެ އެވެ.
މެރިން ޓްރެފިކް މޮނިޓަކުރާ ވެބްސައިޓްތަކުން ދައްކާ ގޮތުގައި 'އެމްވީ ސިއްތާ' މާލެއިން ފުރީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ 9:57 ގަ އެވެ. ޖެނެރަލް ކާގޯ އުފުލާ މި ބޯޓަކީ ދިގުމިނުގައި 57.52 މީޓަރު (188 ފޫޓް) އަދި ފުޅާމިނުގައި 10 މީޓަރު (33 ފޫޓް) ހުންނަ އުޅަނދެކެވެ.