ވ. ފެލިދޫ ކައިރިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، އިންޑިއާގެ ބިލިނިއަރު، ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގްހާނިއާގެ ލަގްޒަރީ ޕަވަބޯޓް އެކްސިޑެންޓުވި ހާދިސާގައި އަތެއް ބުރިވި އިންޑިއާ މީހަކު މިއަދު ފަރުވާއަށް އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. 

ހާދިސާގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުން ނެރުނު ބަޔާނުގައި ބުނީ ވ. ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި އެ އުޅަނދު އެކްސިޑެންޓުވި އިރު ހަތް މީހަކު ތިބި ކަމަށާއި އެއީ އިންޑިއާގެ ފަސް ފިރިހެނަކާއި އިނގިރޭސި ވިލާތުގެ އަންހެނަކާއި ރަޝިއާގެ އަންހެނެއް ކަމަށެވެ. 

ގަޑިއަކު 100 މޭލަށްވުރެ ބާރަށް ދުއްވޭ އެ އުޅަނދު އެކްސިޑެންޓުވި ހާދިސާގައި ވިއްސައިގެން ގޮސް ފަސް މީހަކު މޫދަށް ވެއްޓުނެވެ. އޭގެ ތެރެއިން އިންޑިއާގެ ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. 

އިންޑިއާގެ ބިލިނިއަރު، ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގްހާނިއާގެ ލަގްޒަރީ ޕަވަބޯޓް އެކްސިޑެންޓުވި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތްކުރަނީ. -- ފޮޓޯ: އެމްއެންޑީއެފް
އިންޑިއާގެ ބިލިނިއަރު، ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގްހާނިއާގެ ލަގްޒަރީ ޕަވަބޯޓް އެކްސިޑެންޓުވި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތްކުރަނީ. -- ފޮޓޯ: އެމްއެންޑީއެފް

ފުލުހުން ބުނީ އޭގައި ތިބި އެންމެންނަށް ވެސް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށާއި އެމީހުންނަށް ފަރުވާދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ވ. އަތޮޅު ހޮސްޕިޓަލަށް ކަމަށެވެ. 

އޭގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ފަރުވާދެމުން އަންނަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގަ އެވެ. 

ފުލުހުން ބުނީ އެކްސިޑެންޓުގައި އަތެއް ބުރިވެ، ސީރިއަސް އަނިޔާތަކެއް ލިބުނު އިންޑިއާގެ ފިރިހެނަކު، އިތުރު ފަރުވާއަށް މިއަދުގެ ވަގުތެއްގައި އެ ގައުމަށް ފުރާފައި ވާއިރު އުޅަނދުގައި ތިބި އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިނގިރޭސިވިލާތުގެ އަންހެނަކު އިއްޔެ، ފަރުވާއަށް އިންޑިއާއަށް ގޮސްފައިވާ ކަމަށެވެ. 

ބިލިނިއަރު ގޯތަމް، 60، ވެސް މި އެކްސިޑެންޓުގައި ޒަހަމްވެފައި ވާއިރު އޭނާ ވެސް އިއްޔެ ވަނީ އިންޑިއާއަށް ގޮސްފަ އެވެ. ގޯތަމްގެ ލަގްޒަރީ ޔޮޓް ޓީޓީ އަޝޭނާގައި ގެންގުޅޭ ސްޕީޑް ބޯޓް އެކްސިޑެންޓުވި ހާދިސާގައި ގެއްލިފައިވާ ދެ މީހުންގެ ތެރެއިން އެކަކީ އިންޑިއާގެ މޮޓޯ ސްޕޯޓްސްގައި މަޝްހޫރު ހަރީ ސިންގެވެ. ގެއްލިފައިވާ ދެ ވަނަ މީހަކީ ގޯތަމްގެ ޔޮޓްގެ ކެޕްޓަން މަހޭޝް ރާމަޗަންދުރަން ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. 

އިންޑިއާގެ ބިލިނިއަރު، ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގްހާނިއާގެ ލަގްޒަރީ ޕަވަބޯޓް އެކްސިޑެންޓުވި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތާ ގުޅޭ ގޮތުން އެމްއެންޑީއެފުން ކުރި ޕޯސްޓާ އެކު އާންމުކުރި ފޮޓޯއެއް. -- ފޮޓޯ: އެމްއެންޑީއެފް
އިންޑިއާގެ ބިލިނިއަރު، ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގްހާނިއާގެ ލަގްޒަރީ ޕަވަބޯޓް އެކްސިޑެންޓުވި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތާ ގުޅޭ ގޮތުން އެމްއެންޑީއެފުން ކުރި ޕޯސްޓާ އެކު އާންމުކުރި ފޮޓޯއެއް. -- ފޮޓޯ: އެމްއެންޑީއެފް

ޗުއްޓީ ހޭދަކުރުމަށް އާންމުކޮށް ރާއްޖެއަށް އަންނަ ގޯތަމް އާއި އޭނާގެ އެކުވެރިން އެކްސިޑެންޓުވީ ބާރު ސްޕީޑުގައި ދުއްވަނިކޮށް ކަމަށްވެ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ. 

ބަޔާނުގައި ފުލުހުން ބުނީ ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. 

އެމްއެންޑީއެފުން ބުނީ  ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އަދިވެސް ކުރަމުން އަންނަ ކަމަށެވެ. އެތަނުން ބުނީ އިއްޔެ ރޭ ދަންވަރު 12:40 ހާއިރު މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުމާ އެކު، ކަނޑާއި ވައިގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން މީހުން ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ.

 "... މިހާތަނަށް، ކަނޑުމަގުން 3،450 ސްކޮޔާ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ އިރު، ކަނޑު އަޑިން ފީނައިގެން 7،000 ސްކޮޔާ މީޓަރުގެ ސަރަހައްދެއް ވަނީ ބަލާފައެވެ." އެމްއެންޑީއެފުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.