ތުރުކީން ސްރީ ލަންކާއަށް އަސްކަރީ ޑްރޯން ވިއްކަން ހުށަހަޅާފައިވާ ކަމަށާއި، މިކަމާ ގުޅޭ ޕްރެޒެންޓޭޝަނެއް ދިނުމަށް އެ ގައުމުގެ ޓެކްނިކަލް ޓީމެއް ވަރަށް އަވަހަށް ލަންކާއަށް ދާނެ ކަމަށް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފްތާގައި ބަންޑާރަނައިކަ އިންޓަނޭޝަނަލް ޑިޕްލޮމެޓިކް ޓްރޭނިން އިންސްޓިޓިއުޓްގައި ބޭއްވި ސެމިނާއެއްގައި، ތުރުކީން ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ސެމިހް ލުތުފު ތުރުގުތު ވިދާޅުވީ، ހުރިހާ ދާއިރާއަކުން ވެސް ސްރީ ލަންކާއާ އެކު އޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ތުރުކީގައި އުފައްދާ ޑްރޯންތަކާ ބެހޭ ޕްރެޒެންޓޭޝަނެއް ދިނުމަށްޓަކައި ޓެކްނިކަލް ޓީމެއް ސްރީ ލަންކާއަށް އައިސް އޭގެ ފަހުން ސްރީ ލަންކާގެ ވަފުދެއް ތުރުކީއަށް ޒިޔާރަތް ކުރުން އެކަށީގެންވާ ކަމަށެވެ.
"މިއީ ސަވައިލަންސަށް ބޭނުންވާ އަސްކަރީ ޑްރޯންތަކެއް،" ސަފީރު ވިދާޅުވި އެވެ.
ތުރުކީގެ ސަފީރު ވިދާޅުވި ގޮތުގައި މި ޑްރޯންތައް ބޭނުންކުރުމަށް ހުށަހަޅާފައިވަނީ މައިގަނޑު ގޮތެއްގައި ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށާއި ޣައިރުގާނޫނީ ވިޔަފާރިތަކާއި ޓްރެފިކްކުރުން ހުއްޓުވުމަށެވެ.
ވިއްކަން ހުށަހަޅާފައި ވަނީ މޮޑެލްއެއްގެ ޑްރޯނެއްކަން ހާމަކޮށްފައި ނުވިޔަސް، ދިފާއީ މާހިރުން ލަފާކުރާ ގޮތުގައި ލަންކާއަށް ހުށަހަޅާފައިވަނީ ޔޫކްރެއިން ހަނގުރާމައިގައި ވެސް މަގްބޫލުވި ތުރުކީގެ 'ބައިރަކްތާރު ޓީބީ2' ނުވަތަ ކަނޑުގެ ސަރަހައްދު ދިގު މުއްދަތަކަށް ބެލެހެއްޓުމުގެ ގާބިލުކަން ލިބިގެންވާ 'އަކްސަންގޫރް' މޮޑެލްގެ ޑްރޯންތަކެވެ.
ދެކުނު އޭޝިއާ ސަރަހައްދުގައި ތުރުކީގެ އަސްކަރީ އުފެއްދުންތަކަށް އޮތް ޝައުގުވެރިކަން ދަނީ އިތުރުވަމުންނެވެ. ސްރީ ލަންކާގެ އިތުރުން ޕާކިސްތާން، ބަންގްލަދޭޝް، އަދި ރާއްޖެއިން ވެސް މިހާރު ދަނީ ތުރުކީގެ އަސްކަރީ ޑްރޯންތައް ބޭނުންކުރަމުންނެވެ.