އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އަވަށެއްގައި ހުރި މިސްކިތެއްގައި އިޒްރޭލުގެ ޣައިރު ގާނޫނީ ވަޒަންވެރިން ރޭ ހުޅުޖަހައި ގެއްލުން ދީފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލަކު އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.
އޭއެފްޕީގެ ނޫސްވެރިއަކު ބުނި ގޮތުގައި އެ މިސްކިތުގެ މައި ދޮރާ ހިސާބަށް ވަނީ އަލިފާނުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ. އަދި ފާރުތަކުގައި ހިބްރޫ ބަހުން ގްރެފިޓީ ކުރަހާފައި ހުއްޓެވެ.
މި ޖަރީމާ ހިންގާފައި މި ވަނީ 2023 ވަނަ އަހަރު ޣައްޒާ ހަނގުރާމަ ފެށުނު ފަހުން، ހުޅަނގު އައްސޭރީގައި ޔަހޫދީން ފަލަސްތީނުގެ އާންމުންނަށް ދޭ ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ތުވާނީ އަވަށުގައި ހުރި 'ތަގުވާ' މިސްކިތަށް ހަމަލާދީ ރޯކޮށްލީ މާސްކް އަޅައިގެން ތިބި ބައެއް މީހުން ހިމެނޭ ގޮތަށް 24 އަށް ވުރެ ގިނަ ވަޒަންވެރިންގެ ގްރޫޕަކުން ކަމަށް އެ އަވަށު ކައުންސިލްގެ ރައީސް މުހައްމަދު ރާބިއު އޭއެފްޕީއަށް ވިދާޅުވި އެވެ.
މީގެ އިތުރުން އެމީހުން ދެ ގެއެއްގަ އާއި ކިރުގެ ބާވަތްތައް ތައްޔާރުކުރާ ފެކްޓްރީއެއްގައި ވެސް ރޯކޮށްލާފައިވާ ކަމަށާއި، މިސްކިތުގެ ފާރުތަކުގައި ހިބްރޫ ބަހުން ގްރެފިޓީ ކުރަހާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާބިއު ވިދާޅުވީ، އަވަށުގެ މީހުން ގެތަކުން ބޭރަށް ނުކުތުމުން ވަޒަންވެރިން ފިލާފައިވާ ކަމަށާއި، އަލިފާންގަނޑު އިތުރަށް ފެތުރުމުގެ ކުރިން ވޮލަންޓިއަރުން އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
"މި ހަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ނުވެ ސަލާމަތްވީތީ މާތްﷲ އަށް ޝުކުރު ކުރަން،" އޭނާ ވިދާޅުވި އެވެ.
އިޒްރޭލު ފުލުހުން ބުނީ، "އެ ސަރަހައްދުގައި ގެއްލުންތަކެއް ދީފައިވާ ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން" ރޭ އެ އަވަށަށް ފުލުހުން ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވެހިކަލެއްގައި ރޯކޮށްލުމާއި، އަޅުކަންކުރާ ތަނެއްގެ ދޮރަށް ގެއްލުންދިނުމާއި، ފާރުތަކުގައި ގްރެފިޓީ ކުރެހުން ހިމެނޭ ކަމަށް ބުންޏެވެ.
"މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ބެލުމުގެ ތަހުގީގު... އަދިވެސް ދަނީ ކުރިއަށް،" ފުލުހުން ބުންޏެވެ.
"ވަޒަންވެރިންގެ މި ހަމަލާ ދިނީ އިޒްރޭލު ސިފައިންގެ ކުރިމަތީގައި،" ފަލަސްތީނުގެ އެކްޓިވިސްޓް އުސާމާ މަހާމްރާ އޭއެފްޕީއަށް ވިދާޅުވި އވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ރޯކޮށްލި މިސްކިތާ ދާދި ކައިރީގައި އިޒްރޭލު ސިފައިންގެ މޮނިޓަރިން ޓަވަރެއް ހުރެ އެވެ.
ނަމަވެސް ރާބިއު ވިދާޅުވީ، ހަމަލާ ދިންތާ ބައިގަޑިއެއްހާއިރު ފަހުން އިޒްރޭލު ސިފައިންނާއި، ފުލުހުން އަދި ފަޔަ ސާވިސްގެ މުވައްޒަފުން އެ އަވަށަށް ގޮސް، މިސްކިތަށާއި އެހެނިހެން މުދަލަށް ލިބުނު ގެއްލުންތައް ބަލާފައިވާ ކަމަށެވެ.
ފަލަސްތީނުގެ ދީނީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް ގެ ފަހުގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ވަޒަންވެރިންގެ އަނިޔާވެރިކަން "މީގެ ކުރިން ދުވަހަކުވެސް އިތުރު ނުވާ ވަރަށް" މިހާރު ވަނީ އިތުރުވެފަ އެވެ. އަދި މީހުންނަށް އަނިޔާވުން ނުވަތަ މުދަލަށް ގެއްލުން ލިބޭ ފަދަ ހަމަލާތައް ދުވާލަކު އެވްރެޖްކޮށް ހަ ހަމަލާއަށް އަރާ ކަމަށް ބުނެފައިވެ އެވެ.
އިރުމަތީ ގުދުސް ނުހިމަނައި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ގާތްގަނޑަކަށް ތިން މިލިއަން ފަލަސްތީނު މީހުން ދިރިއުޅެ އެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުންޣައިރުގާނޫނީ ކަމަށް ކަނޑައަޅާފައިވާ އާބާދީތަކުގައި އިޒްރޭލުގެ. 500،000 އަށްވުރެ ގިނަ ދިރިއުޅެ އެވެ.
އިޒްރޭލުން 1967 ވަނަ އަހަރުން ފެށިގެން އޮންނަނީ ހުޅަނގު އައްސޭރި ހިފައިފަ އެވެ.