އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާން މަގާމުން ވަކިކުރުމަށް ގޮވާލައި ޒުވާނުންގެ ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ހަރަކާތުން ކުރިއަށްގެންދާ މުޒާހަރާގެ ލީޑަރުންނާއި ސަރުކާރާ ދެމެދު މިއަދު ބޭއްވި މަޝްވަރާތަކުން އެއްވެސް ކުރިއެރުމެއް ނުލިބި ނާކާމިޔާބުވެއްޖެ ކަމަށް ދެ ފަރާތުން ވެސް ބުނެފި އެވެ.
މި ބައްދަލުވުމަށް ފަހު މީޑިއާތަކާ ބައްދަލުކޮށް ސީޖޭޕީގެ ތަރުޖަމާނު އަޝުތޯޝް ރަންކާ ބުނީ، އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވުން ނުވަތަ ކެބިނެޓުން ވަކިކުރުން ފިޔަވައި އެހެން އެއްވެސް ކަމަކަށް ޒުވާނުން އެއްބަސްނުވާނެ ކަމަށް ސަރުކާރަށް ސާފުކޮށް އަންގާފައިވާނެ ކަމަށެވެ. ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ހުންނެވި ސީނިއާ މިނިސްޓަރު ޖޭޕީ ނައްޑާ ނޫސްވެރިންނަށް ވިދާޅުވީ، ދެ ފަރާތުގެ ދެމެދުގައި ކުރާ މަޝްވަރާތައް ހޮނިހިރު ދުވަހު އަލުން ފަށާނެ ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިން ހުށަހެޅި ކަންތައްތަކަށް ރަސްމީކޮށް ޖަވާބުދިނުމަށް ސަރުކާރުން ހޮނިހިރު ދުވަހުގެ މެންދުރުފަހާ ހަމައަށް ވަގުތު ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިންޑިއާގެ ގައުމީ އިމްތިހާނުތަކުގެޕޭޕަރުތައް ލީކުވުމާއި، އިމްތިހާނުތަކުގެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅިގެން ޒުވާނުންނާއި ދަރިވަރުން އިސްނަގައިގެން މިއަހަރުގެ މޭ މަހުން ފެށިގެން ކުރިއަށްގެންދާ ވަރުގަދަ އިހުތިޖާޖު މުޅި ގައުމަށް މިހާރު ވަނީ ފެތުރިފަ އެވެ. މިއީ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ ތިންވަނަ ދައުރުގައި ސަރުކާރަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. މި މުޒާހަރާގެ ބައިވެރިން ހުށަހަޅާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާގެ އިތުރުން، ސުލްހަވެރިކަމާ އެކު މުޒާހަރާކުރި ދަރިވަރުންގެ މައްޗަށް ފުލުހުން ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމާއި، އިމްތިހާނުގެ މައްސަލަތަކާ ހުރެ އަމިއްލައަށް މަރުވި ދަރިވަރުންގެ އާއިލާތަކަށް މާލީ ބަދަލު ދިނުން ހިމެނެ އެވެ.
މި މައްސަލައިގެ މަޝްވަރާތައް ހޮނިހިރު ދުވަހު ނިއު ދިއްލީގައި އަލުން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
އިމްތިހާނުތަކުގެ ނިޒާމު އިސްލާހުކުރަން ސީޖޭޕީން ހުށަހެޅި މައިގަނޑު ފަސް ކަމަކީ؛
- އެންޓީއޭ އުވާލުން: ގައުމީ ފެންވަރުގެ އިމްތިހާނުތައް ބާއްވާ ނޭޝަނަލް ޓެސްޓިން އެޖެންސީ އުވާލައި، އިތުބާރު ހުރި އާ މިނިވަން މުއައްސަސާއެއް އުފެއްދުން.
- އޮންލައިން އިމްތިހާނަށް ބަދަލުވުން: ޕޭޕަރު ލީކުވުން ހުއްޓުވުމަށްޓަކައި، ކަރުދާހުގައި ލިޔެގެން ބާއްވާ އިމްތިހާނުތަކުގެ ބަދަލުގައި ސެކިއުރިޓީ ވަރުގަދަ ކޮމްޕިއުޓަ ބޭސްޑް (ސީބީޓީ) ނިޒާމަކަށް ބަދަލުވުން.
- ކޯޗިން ސެންޓަރުތައް ރެގިއުލޭޓްކުރުން: މާފިއާއެއްގެ ގޮތުގައި ހިނގަމުންދާ އަދި ޕޭޕަރު ލީކުވުމުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ ޕްރައިވެޓް ކޯޗިން ސެންޓަރުތައް ހަރުކަށި ގާނޫނުތަކެއްގެ ދަށުން ކޮންޓްރޯލްކުރުން.
- ވަރުގަދަ އަދަބުތަކެއް ކަނޑައެޅުން: އިމްތިހާނުތަކުގައި މަކަރު ހަދާ، ޕޭޕަރު ލީކުކުރާ މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ފަދަ ހަރުކަށި "އެންޓި-ޕޭޕަ ލީކް" ގާނޫނެއް ތަންފީޒުކުރުން.
- ދަރިވަރުންގެ ކައުންސިލް ހިމެނުން: އިމްތިހާނު ބޯޑުތަކުގެ ނިންމުންތައް ނިންމާ ކޮމިޓީތަކުގައި ދަރިވަރުންނާއި މުދައްރިސުންގެ މިނިވަން މަންދޫބުން ހިމެނުން.
އިދިކޮޅު ލީޑަރު ރާހުލް ގާންދީ އިސްކޮށް ހުންނަވާ 'އިންޑިއާ' ކޯލިޝަންގެ ފުރިހަމަ ތާއީދު ޒުވާނުންގެ ހަރަކާތުގެ މައިގަނޑު ހުށަހެޅުންތަކަށް އޮތްކަން ވަނީ ހާމަކޮށްފަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާން އިސްތިއުފާ ނުދެއްވަނީސް، ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ނުދޭނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރާ ގޮތުގައި ބޮޑުވަޒީރު ނަރެންދުރާ މޯދީގެ ސަރުކާރަށް ގައުމުގެ ޒުވާނުންގެ މުސްތަގުބަލާއި އިމްތިހާނުތަކުގެ ސިއްރުވެރިކަން ހިމާޔަތެއް ނުކުރެވުނެވެ.