އިންޑިއާގެ ގައުމީ އިމްތިހާނުތަކާއި ތައުލީމީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުނުވެ ގޯސްވަމުން ދާތީ އެ ގައުމުގެ ޒުވާނުން އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދުރަ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލާ ކުރަމުންދާ މުޒާހަރާއާ ގުޅިގެން އެންމެ ފަހުން މިއަދު އޭނާ އިސްތިއުފާ ދެއްވައިފި އެވެ. 

"އަޅުގަނޑު ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މިހާރު ވާނީ އިސްތިއުފާ ހުށަޅާފައި،" ޕްރަދާން ސޯޝަލް މީޑިއާގައި ވިދާޅުވި އެވެ. 

އޭނާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ މިއީ "މި ހާލަތުގެ ފައިދާ ގައުމާ ދެކޮޅު ފަރާތްތަކުން ނެގިޔަ ނުދިނުމަށާއި، ގައުމީ އެއްބައިވަންތަކަން ދެމިއޮތުމަށާއި، އިންޑިއާގެ ދަރިވަރުން ގާނޫނީ މައްސަލަތަކެއްގެ ތެރެއަށް ނުގޮސް، އެކުދިންގެ ތައުލީމަށާއި މުސްތަގުބަލަށް ސަމާލުކަން ދެވޭނެކަން ކަށަވަރުކުރުމަށްޓަކައި" ނިންމެވި ނިންމެވުމެއް ކަމަށެވެ.  

އޭނާ އިސްތިއުފާ ދެއްވާފައި މި ވަނީ ޒުވާނުންގެ މައްސަލަތަކާ ގުޅުވައިގެން އިންޑިއާގެ އުއްތަމަ ފަނޑިޔާރު ކުރަފީގެ މިސާލު ޖައްސަވައި ދެއްކެވި ވާހަކަތަކާ ގުޅުވައި ސޯޝަލް މީޑިއާގައި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ހަރަކާތުން އިސްވެ މުޒާހަރާ ކުރާތާ މަސް ދުވަސް ފަހުންނެވެ. 

މުޒާހަރާ ހޫނުގެ ގައުމުގެ އެކި ހިސާބުތަކަށް ފެތުރިގެން ދިޔައިރު ވެސް ސަރުކާރުން ޒުވާނުންގެ މުޒާހަރާއަށް މާބޮޑު އަޅާލުމެއް ނުދެ އެވެ. ނަމަވެސް މީގެ ދެ ދުވަސް ކުރިން ބޮޑުވަޒީރު މޯދީ ސޯޝަލް މީޑިއާގައި ދެ ބަޔާނެއް އާންމުކުރެއްވުމަށް ފަހު އިއްޔެ ވަނީ ވަޒީރުންގެ ޓީމަކާއި ޒުވާނުންގެ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި އެއްބަސްވުމަކަށް ނާދެވި މިއަދަށް ވަނީ އިތުރު ބައްދަލުވުމެއް ތާވަލްކޮށްފަ އެވެ. 

އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވުމުން ނޫނީ މުޒާހަރާ ހުއްޓާނުލާނެ ކަމުގެ އިންޒާރާ އެކު ޒުވާނުންގެ މުޒާހަރާ ވަރުގަދަ ކުރަމުން ދިޔައިރު އިތުރު ޑިމާންޑްތަކެއް ވެސް އެބަހުއްޓެވެ. އެއީ؛

  1. އެންޓީއޭ އުވާލުން: ގައުމީ ފެންވަރުގެ އިމްތިހާނުތައް ބާއްވާ ނޭޝަނަލް ޓެސްޓިން އެޖެންސީ އުވާލައި، އިތުބާރު ހުރި އާ މިނިވަން މުއައްސަސާއެއް އުފެއްދުން.
  2. އޮންލައިން އިމްތިހާނަށް ބަދަލުވުން: ޕޭޕަރު ލީކުވުން ހުއްޓުވުމަށްޓަކައި، ކަރުދާހުގައި ލިޔެގެން ބާއްވާ އިމްތިހާނުތަކުގެ ބަދަލުގައި ސެކިއުރިޓީ ވަރުގަދަ ކޮމްޕިއުޓަ ބޭސްޑް (ސީބީޓީ) ނިޒާމަކަށް ބަދަލުވުން.
  3. ކޯޗިން ސެންޓަރުތައް ރެގިއުލޭޓްކުރުން: މާފިއާއެއްގެ ގޮތުގައި ހިނގަމުންދާ އަދި ޕޭޕަރު ލީކުވުމުގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ ޕްރައިވެޓް ކޯޗިން ސެންޓަރުތައް ހަރުކަށި ގާނޫނުތަކެއްގެ ދަށުން ކޮންޓްރޯލްކުރުން.
  4. ވަރުގަދަ އަދަބުތަކެއް ކަނޑައެޅުން: އިމްތިހާނުތަކުގައި މަކަރު ހަދާ، ޕޭޕަރު ލީކުކުރާ މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ފަދަ ހަރުކަށި "އެންޓި-ޕޭޕަ ލީކް" ގާނޫނެއް ތަންފީޒުކުރުން.
  5. ދަރިވަރުންގެ ކައުންސިލް ހިމެނުން: އިމްތިހާނު ބޯޑުތަކުގެ ނިންމުންތައް ނިންމާ ކޮމިޓީތަކުގައި ދަރިވަރުންނާއި މުދައްރިސުންގެ މިނިވަން މަންދޫބުން ހިމެނުން. 

އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދެއްވުމާއި 'ނީޓް' އިމްތިހާނު ލީކުވެ އަލުން އިމްތިހާނު ހަދަން ޖެހުނު މައްސަލައިގެ ތެރޭ ވިއްސަކަށް ދަރިވަރުން މަރުވެފައި ވާއިރު އެއިން ކޮންމެ ކުއްޖެއްގެ އާއިލާއަށް 10 މިލިއަން ރުޕީސް (103,223 ޑޮލަރު) ގެ ބަދަލު ދިނުމަށާއި މުޒާހަރާއާ ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށް ޒުވާނުން ވަނީ ޑިމާންޑްކޮށްފަ އެވެ.