މިދިޔަ ހަފްތާގައި އެމެރިކާގެ މިނޭސޯޓާ ސްޓޭޓްގެ ފެނުގެ ނިޒާމުގައި ހިމެނޭ 30 އަށްވުރެ ގިނަ ސިސްޓަމަށް "ރޭވިގެން ދިން ސައިބާ ހަމަލާތަކެއް" އަމާޒުވިކަން ހާމަކުރުމުން ގިނަ ބަޔަކަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިފަ އެވެ.
އޭގެ ދުވަސްކޮޅެއް ފަހުން އެފްބީއައި އިން ވަނީ އެމެރިކާގެ ހަތް ސްޓޭޓެއްގެ ފެނުގެ ނިޒާމަށް ސައިބާ ހަމަލާތައް އަމާޒުވިކަން ރިޕޯޓްކޮށްފައިވާ ކަމަށާއި، "އޭގެ ތެރެއިން ބައެއް ހަމަލާތަކުގެ ސަބަބުން ފެނުގެ ހިދުމަތްތަކަށް ބުރޫއަރާފައިވާ" ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ސައިބާސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗާ ސެކިއުރިޓީ އޭޖެންސީ (ސިސާ) އިން ދަނީ މިނޭސޯޓާއަށް ދިން ހަމަލާތަކާ އީރާނާ ގުޅުމެއް ވެދާނެކަމަށް ބަލައި ތަހުގީގު ކުރަމުންނެވެ. ނަމަވެސް ސިސާއިން މިކަމާ މެދު ވަކި އެއްޗެއް އާންމުކޮށް ބުނަން އިންކާރު ކުރި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިކަމުގެ އިލްޒާމް އީރާނުގެ ބޮލުގައި އަޅުވާފައި ނުވި ނަމަވެސް، ބީބީސީއަށް ވާހަކަ ދެއްކި ސައިބާ ސެކިއުރިޓީ އެކްސްޕާޓުން ބުނެފައިވަނީ މި ހަމަލާއަކީ އީރާންގެ އިރުޝާދުގެ ދަށުން ދީފައިވާ ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ.
މި ހަމަލާތަކުގެ ފަހަތުގައިވަނީ އީރާންތަ؟
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ކުރީގެ އެންޓި-ޓެރަ އެޑްވައިޒަރު މޯގަން ރައިޓް ބީބީސީއަށް ވިދާޅުވީ މިފަދަ ހަމަލާތައް އާންމުކޮށް ނިސްބަތްވަނީ އުތުރު ކޮރެއާ ނުވަތަ އީރާނަށް ކަމަށެވެ.
"މިވަގުތު އަހަރެމެންނާ މައްސަލަޖެހިގެން މިއުޅެނީ ކޮން ބަޔަކާ؟ އެއީ އީރާން. އެހެންވެ، މިފަދަ ކަމެއް ކުރުމުގެ ގާބިލުކަން ހުރި، އަދި އެފަދަ ކަމެއް ކުރުމުގެ އެދުން ވެސް އޮތް ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރިއަށް އަންނަނީ އެ މީހުން،" އޭނާވިދާޅުވި އެވެ.
އެމެރިކާގެ ތަހުގީގުކުރާ ފަރާތްތަކުން ދަނީ، އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން އިތުރު ފިތުނަ އުފެއްދުމުގެ ބޭނުމުގައި، ހެކަރުން އީރާނުގެ ބަޔަކަށް ހެދިގެން މިކަން ކޮށްފައި ވެދާނެ ކަމަށް ބަލައި އެކަން ވެސް ތަހުގީގުކުރަމުންނެވެ.
ވައިޓް ހައުސްގެ ކުރީގެ އެކްޓިން ޑެޕިއުޓީ ނޭޝަނަލް ސައިބަ ޑިރެކްޓަރު ޖޭކް ބްރައުން ބީބީސީއަށް ވިދާޅުވީ، ޓްރަމްޕްގެ ސަރުކާރުން "މައުލޫމާތުގެ ހަނގުރާމައެއް" ފަށައިގެން އުޅޭތީ، އީރާނުން އެމެރިކާގެ ފެނުގެ އިންފްރާސްޓްރަކްޗާއަށް ވަދެގަނެފައިވާކަން ކަށަވަރުވި ވިޔަސް، އެކަމަށް އެމެރިކާއިން އެއްބަސްވުން ނާދިރު ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު އޮތް ކެބިނެޓް ބައްދަލުވުމެއްގައި، ޓްރަމްޕް ވަނީ ފެނުގެ ސިސްޓަމަށް ދިމާވި މައްސަލައިގެ ޒިންމާ، ގަވަރުނަރު ޓިމް ވާލްޒް ހިމެނޭހެން މިނޭސޯޓާގެ "އިންތިހާއަށް ގާބިލުކަން ކުޑަ" ވެރިންގެ ބޮލުގައި އަޅުވައިފަ އެވެ.
ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ވާލްޒް ރައްދުގައި ވިދާޅުވީ "މި ހަމަލާގެ ޒިންމާ ނަގަންޖެހެނީ ކާކުކަން ޓްރަމްޕަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ" ކަމަށެވެ. އޭނާ ވިދާޅުވީ މިނޭސޯޓާ ނޫން އެހެން ސްޓޭޓްތަކަށް ވެސް މި ހަމަލާ އަމާޒުވިކަން، ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ޓްރަމްޕަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
މި ހާދިސާތަކާ ގުޅިގެން އީރާނުން އޭރު ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި ދީފައިވާ އެހެން ސައިބާ ހަމަލާތަކުގައި ބައިވެރިވިކަމަށް އީރާނުން ދަނީ އިންކާރުކުރަމުންނެވެ. އޭގެ ތެރޭގައި ފެނުގެ ސިސްޓަމްތަކާއި، ރިޔާސީ ކެމްޕޭންތަކާއި، ހޮސްޕިޓަލްތަކާއި އަދި 2014 ވަނަ އަހަރު ލަސްވޭގަސްގެ ކެސިނޯ ކުންފުންޏަކަށް ދިން ހަމަލާ ހިމެނެ އެވެ.
ބޭންކުތަކަކަށާއި ނިއު ޔޯކް ސިޓީގެ ބޭރުގައިވާ ޑޭމަކަށް އަމާޒުކޮށް 2016 ވަނަ އަހަރު ދިން ހަމަލާތަކަކާ ގުޅިގެން ކުރި ތުހުމަތުތަކަށްފަހު، އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ އެމެރިކާއިން އެފަދަ ތުހުމަތުތައް ސާބިތުކޮށްދޭންޖެހޭނެ ކަމަށެވެ.
އީރާނުން "ސައިބަ މައިދާނުގައި އެއްވެސް ނުރައްކާތެރި ފިޔަވަޅެއް އެޅުމަކީ އެ ގައުމުގެ އެޖެންޑާގައި އޮތް ކަމެއް ނޫން، އަދި އެފަދަ އަމަލުތަކަށް ތާއީދެއްވެސް ނުކުރަން،" އޭރު ދައުލަތުގެ ޓީވީ މެދުވެރިކޮށް ތަރުޖަމާނު ހުސައިން ޖާބިރީ އަންސާރީ ވިދާޅުވި އެވެ.
އީރާނުން ކަން ކުރާ ގޮތާ އެއްގޮތްތަ؟
ތަޖުރިބާކާރުން ބީބީސީއަށް ވިދާޅުވީ، މިފަދަ ކަންކަން ކުރުމުގެ ތާރީހެއް އީރާނުގައި ސާބިތުވާން އެބަ އޮތް ކަމަށެވެ.
އީރާނަށް ތާއީދުކުރި، ނަމަވެސް އެ ގައުމުން ބޭރުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން މިކަން ކޮށްފާނެކަން ތަޖުރިބާކާރުން ފާހަގަކުރި އެވެ.
"މިކަމުގެ ޒިންމާ ވަކި ބައެއްގެ ބޮލުގައި އަޅުވަން އުނދަގޫވަނީ، ހުރިހާ ހަމަލާތަކަކާއި ގުރޫޕްތަކަކީ އީރާނުގެ ތެރެއިން އަންނަ އެއްޗެހި ކަމަށްވާ ނަމަ، އެއީ ސީދާ އީރާނާ ގުޅުންހުރި ކަމެއްކަން ނިންމަން ފަސޭހަވާނެތީ،" ރައިޓް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މިފަދަ އުކުޅުތަކުގެ ސަބަބުން ނުބައި ނިޔަތުގައި އުޅޭ ފަރާތްތަކަށް، އެ މީހުންގެ ބައިވެރިވުމަށް އިންކާރުކުރުމުގެ ފުރުސަތު ލިބެެ އެވެ.
"އެމީހުން މިކަން ކުރަނީ އެމީހުންގެ ނިޝާނެއް ސީދާ އެކަމުގައި ނޯންނާނެ ގޮތަށް ބަލައިގެން،" އޭނާ ވިދާޅުވި އެވެ.
މި އަހަރު އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް އީރާނުން ދީފައިވާ ގިނަ ސައިބަ ހަމަލާތަކުގެ ފަހަތުގައިވަނީ "ހަންޑާލާ" ނަމަކަށް ކިޔާ ގުރޫޕެއްކަން ބީބީސީ ކަށަވަރުކުރެވިފައިވެ އެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ މިއީ އީރާނުގެ މިނިސްޓްރީ އޮފް އިންޓެލިޖެންސް އެންޑް ސެކިއުރިޓީ (އެމްއޯއައިއެސް) އަށް މަސައްކަތްކޮށްދޭ ގުރޫޕެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
އީރާން ހަނގުރާމައިގެ ކުރީކޮޅު، އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް ވަނީ ހަންޑާލާ ގުރޫޕުން ބައެއް އަމިއްލަ މައުލޫމާތުތަކާއި އީމެއިލްތަކަށް ގަވާއިދާ ހިލާފަށް ވަދެފައިވާކަމަށް ތުހުމަތުކުރައްވައިފަ އެވެ.
އެމެރިކާގައި ހަންޑާލާ ގުރޫޕުން ދިން ކަމަށް ބުނާ އެންމެ ފަހުގެ ސައިބާ ހަމަލާ ދީފައިވަނީ ޖޫން މަހުގެ މެދުތެރޭގައިކަން ބީބީސީ އަށް ކަށަވަރުވެ އެވެ. ހެކަރުން ދައުވާކުރި ގޮތުގައި ކެލިފޯނިއާގެ ފެނުގެ ވަސީލަތަކަށް ސައިބާ ހަމަލާދިނީ، އީރާނުގެ ފެނުގެ އިންފްރާސްޓްރަކްޗާއަށް އެމެރިކާއިން ދިން ހަމަލާއެއްގެ ރައްދުގަ އެވެ.
މިއީ އީރާނާ ގުޅުންހުރި ކަމަށް ބެލެވޭ، ހެކް ކުރުމުގެ ހާދިސާތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ހާދިސާތަކެވެ؛
- 2026: މެޑިކަލް ޓެކްނޮލޮޖީ ކުންފުންޏަކަށް އަމާޒުކޮށް ހަންޑާލާ ގުރޫޕުން ދިން ސައިބާ ހަމަލާއެއް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ ނާކާމިޔާބުކޮށްލައިފަ އެވެ. މި ހަމަލާގައި އިޒްރޭލުގެ ސަރުކާރާއި އަސްކަރިއްޔާގެ އިސް ބޭފުޅުންގެ ސިއްރު މައުލޫމާތުތަކެއްވެ ސް ވަނީ އާންމުކޮށްފަ އެވެ.
- 2024: އީރާނަށް ފައިދާވާނެ ގޮތަށް، އެމެރިކާގެ ވެރިންގެ މައުލޫމާތު ގަވާއިދާ ހިލާފަށް ހޯދުމަށާއި، އިންތިހާބީ ނިޒާމަށް އޮތް އިތުބާރު ގެއްލުވާލުމާއި، ފިތުނަ އުފެއްދުމުގެ ބޭނުމުގައި އެމެރިކާގެ ރިޔާސީ ކެމްޕޭންތަކުގެ ސިސްޓަމްތަކަށް ވަދެގަތް ކަމުގެ ތުހުމަތު އީރާނުގެ މައްޗަށް ކުރި އެވެ.
- 2023: ސިސާއިން ބުނި ގޮތުގައި، 2023 ވަނަ އަހަރާއި އޭގެ ފަހުން 2024 ގައި އެމެރިކާގެ ފެނާއި ނަރުދަމާގެ ސިސްޓަމްތަކަށް ސައިބަ ހަމަލާތަކެއް ދީފައިވަނީ އީރާނުގެ އިސްލާމިކް ރިޕަބްލިކަން ގާޑް ކޯޕްސް (އައިއާރްޖީސީ) އާ ގުޅުންހުރި ގުރޫޕަކުންނެވެ. މި ހާދިސާއާ ގުޅިގެން ޕެންސިލްވޭނިއާގެ ދެ ރަށެއްގައި ވަނީ ފެނުގެ ޕްރެޝަރު ކޮންޓްރޯލްކުރާ ވަސީލަތްތައް ވަގުތީ ގޮތުން ބަންދުކުރަން ޖެހިފަ އެވެ.
- 2020: އެމެރިކާގެ ވޯޓުލާ މީހުންގެ ސިއްރު މައުލޫމާތު ހޯދައި، ޓްރަމްޕަށް ވޯޓުދިނުމަށް އެދި އިންޒާރުގެ މެސެޖުތައް ފޮނުވައިގެން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން އުޅުނު ކަމުގެ ތުހުމަތުގައި އީރާނުގެ ދެ މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ.
- 2017: އީރާނަށް ނިސްބަތްވާ ހެކަރުން ވަނީ ލޯކަލް ސަރުކާރުތަކާއި، ސުކޫލުތަކާއި، ސިއްހީ އަދި މާލީ އިދާރާތަކަށް އަމާޒުކޮށް ގިނަ އަހަރުތަކެއް ވަންދެން ރެންސަމްވެއާ ހަމަލާތަކެއް ދީފަ އެވެ. ނަމަވެސް ސިސާއިން ފާހަގަކުރި ގޮތުގައި މި ގުރޫޕުގެ ހަރަކާތްތަކަކީ އީރާނު ސަރުކާރުގެ ހުއްދައާ އެކު ހިންގާފައިވާ ކަންކަމަށް ނުވުން އެކަށީގެންވެ އެވެ.
މިކަމުގެ ސަބަބުން ފެނުގެ ހިދުމަތަށް ނުރައްކާވެދާނެތަ؟
ތަޖުރިބާކާރުން ބީބީސީއަށް ވިދާޅުވީ، މިފަދަ ހެކިންގެ ހަމަލާތަކުން އޮތް އެންމެ ބޮޑު ނުރައްކަލަކީ ސީދާ ފެނުގެ ހިދުމަތަށް އަރާ ބުރުލަކަށްވުރެ ބޮޑަށް، ފެނުގެ ރައްކާތެރިކަމާ މެދު އާންމުންގެ އިތުބާރު ގެއްލުވާލުމެވެ.
"ހަނގުރާމައާ ހުރެ ގައުމުގައި ދެބަސްވުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރަށް އޮތް ގާބިލުކަމާ މެދު އަހަރެމެންގެ ހިތްތަކުގައި އޮތް އިތުބާރު ގެއްލުވާލަން އެމީހުން އެދަނީ މަސައްކަތްކުރަމުން،" ބްރައުން ވިދާޅުވި އެވެ.
އަދި އީރާނުގެ ހެކަރުން އެމެރިކާގެ ފެނުގެ ހިދުމަތަށް ނުރައްކާކުރުމުގައި ކާމިޔާބު ހޯދުމަކީ ވެސް ކޮންމެވެސް ދުވަހަކު ކާމިޔާބު ހޯދަފާނެ ކަމެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ނުބައި ނިޔަތުގައި ދޭ މިފަދަ ހަމަލާތަކުގެ ސަބަބުން ނުރައްކާތެރި ކެމިކަލްތައް ފެނުގެ ތެރެއަށް އެކުވެގެން ދިއުން، ފެނުގެ ހިދުމަތް މެދުކެނޑުން ނުވަތަ ވަސީލަތްތަކަށް ގެއްލުންވުން ފަދަ ކަމެއް ދިމާވެދާނެ ކަމަށް ރައިޓް އިޝާރާތް ކުރެއްވި އެވެ.
ސިސާ އާއި އެމެރިކާގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފައިވަނީ، ސައިބާ ހަމަލާތަކަކީ ފެނުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް އޮތް "ނުރައްކާތެރި ކަންބޮޑުވުމެއް" ކަމަށެވެ.
އެމެރިކާގައި އާންމުންނަށް ބޯފެން ފޯރުކޮށްދޭ 152،000 ސިސްޓަމާއި، 16،000 އަށްވުރެ ގިނަ ނަރުދަމާގެ ހިދުމަތްދޭ ވަސީލަތްތައް ހުރެ އެވެ.
"ބައްލަވާ، ގައުމެއް ކުޑަކަކޫމައްޗަށް ތިރިކޮށްލަން ބޭނުން ނަމަ އަމާޒުކުރާނީ ދެ ކަމަކަށް، އެއީ ކަރަންޓާއި ފެނުގެ ހިދުމަތަށް،" ރައިޓް ވިދާޅުވި އެވެ.
މިކަން ހުއްޓުވޭނީ ކިހިނެއް؟
ފެނާއި ނަރުދަމާގެ ނިޒާމުގައި ބޭނުންކުރާ ގިނަ ވަސީލަތްތަކަކީ ނުވަތަ ޓެކްނޮލޮޖީ އަކީ އެންމެ ފަހުގެ ވަސީލަތްތަކަށް ނުވާތީ، މިއީ ހަމަލާތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު އެއްޗެހި ކަމަށް ރައިޓް ވިދާޅުވި އެވެ.
ބީބީސީއަށް މައުލޫމާތު ދިން ތަޖުރިބާކާރުން އިންޒާރު ދެއްވި ގޮތުގައި، މި ސިސްޓަމްތަކުގެ ރައްކާތެރިކަން ވަރުގަދަކޮށް އިސްލާހު ނުކޮށްފި ނަމަ، އެމެރިކާއަށް ގައުމީ ސަލާމަތަށް އޮތް މި ނުރައްކަލާ ކުރިމަތިލާން ޖެހިދާނެ އެވެ.
އެހެނިހެން މުހިންމު އިންފްރާސްޓްރަކްޗާތަކާ ހިލާފަށް، އެމެރިކާގެ ފެނުގެ ހިދުމަތްދޭ ގިނަ ތަންތަނަކީ ސަރުކާރުން ހިންގާ ތަންތަނެވެ.
އެހެންވެ، މިކަމުގައި ފިޔަވަޅު އެޅޭނީ ސަރުކާރަށް ކަމަށް ވެސް ވިދާޅުވި އެވެ.
މި ނުރައްކާ ކުޑަކުރުމުގެ މަގުސަދުގައި، ސިސާއިން ވަނީ އެމެރިކާގެ އެކި ކަންކޮޅުތަކުގައިވާ ސަރުކާރުތަކަށް ގިނަ އިސްލާހުތަކެއް ގެނައުމަށް އިރުޝާދު ދީފަ އެވެ.
ހެކަރުން ދޭ ހަމަލާތަކަށް ވަގުތުން ހުރަސްއެޅުމުގެ ގޮތުން، އެ އޭޖެންސީން އިރުޝާދު ދީފައިވަނީ އެންމެ އަވަސް ފުރުސަތެއްގައި ފެނުގެ ސިސްޓަމްތައް އިންޓަނެޓުން ވަކިކޮށް، ޕާސްވޯޑްތައް ބަދަލުކުރުމަށެވެ.
(މިއީ ބީބީސީގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގެ ތަރުޖަމާ އެވެ.)