އެމެރިކާގެ ސައިބާ ހަމަލާ ކާމިޔާބެއް ނުވޭ: އީރާން

ތެހެރާން (ޖޫން 24) - އެމެރިކާ އިން ދިން ސައިބާ ހަމަލާ ކާމިޔާބުވެފައި ނުވާ ކަމަށް އީރާނުން ބުނެފި އެވެ.


"އީރާނާ ދެކޮޅަށް ދިން ސައިބާ ހަމަލާގެ ކާމިޔާބީއާ ގުޅޭ ގޮތުން މީޑިއާތަކުން ދަނީ ވާހަކަ ދައްކަމުން. އެމެރިކާގެ ސައިބާ ހަމަލާ ކާމިޔާބެއް ނުވޭ. އެ މީހުން ވަރަށް މަސައްކަތްކޮށްފައި އެބަހުރި،" ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު ޖާވަދު އަޒާރީ ޖަހްރޯމީ ވިދާޅުވި އެވެ.

އެމެރިކާގެ މީޑިއާތަކުން އިއްޔެ ބުނެފައި ވަނީ ސައިބާ ހަމަލާ ދިނީ އީރާނުގެ މިސައިލް ކޮންޓްރޯލް ސިސްޓަމްތަކަށާއި ޖާސޫސީ ނެޓްވޯކްތަކަށް ކަމަށެވެ. އެމެރިކާ އިން މި ހަމަލާ ދިނީ އެ ގައުމުގެ ޑްރޯނެއް އީރާނުން ވައްޓާލުމުން ބަދަލު ހިފުމުގެ ގޮތުންނެވެ.

ވޮޝިންޓަން ޕޯސްޓުން ބުނެފައި ވަނީ ޑްރޯން ވައްޓާލި ހަމަލާ އަށް ފަހު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް ސައިބާ ހަމަލާއެއް ދިނުމަށް ޔޫއެސް ސައިބާ ކޮމާންޑަށް އަންގަވާފައި ކަމަށެވެ. އަދި އެ ހަމަލާގެ ސަބަބުން އީރާނުގެ ރޮކެޓް އަދި މިސައިލް ކޮންޓްރޯލް ކޮމްޕިއުޓަރު ސިސްޓަމްތައް ޑައުންވި ކަމަށް ބުނެފައިވެ އެވެ.

އީރާނުގެ ކޮމިއުނިކޭޝަން މިނިސްޓަރު ވިދާޅުވީ ކެނޑިނޭޅި ސައިބާ ހަމަލާތައް އަންނަ ކަމަށާއި އެކަމަކު އެމެރިކާ އިން ދީފާނެ ހަމަލާއަކަށް އީރާނުގެ ގާބިލްކަން އިތުރުކޮށްފައިވާ ކަމަށެވެ.

"މިދިޔަ އަހަރު ވަނީ އެއް ހަމަލާއެއް ދެ ހަމަލާއެއް ނޫން ދީފައި. 33 މިލިއަން ސައިބާ ހަމަލާ ދީފައިވޭ،" މުހައްމަދު ޖާވަދު އަޒާރީ ޖަހްރޯމީ ވިދާޅުވި އެވެ.