އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހޯމަ ދުވަހު އާ މަޝްވަރާތަކެއް ފަށާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިޔަސް، އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް ބުނެ އީރާނުން އެކަން ދޮގުކޮށްފި އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީން މިކަން ދޮގުކޮށްފައިވަނީ، ހަ މަސް ވާން ގާތް ވެފައިވާ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ފުރުސަތު ދިނުމުގެ ގޮތުން، އާ ހަމަލާތައް އީރާނަށް ދިނުން ފަސްކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިތާ ކުޑައިރުކޮޅެއް ފަހުންނެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ހަނގުރާމަ ފެށުނީ ފެބުރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ކުއްލި ހަމަލާތަކުގައި އީރާންގެ އިސް އެތައް ބޭފުޅުންނެއް އަވަހާރަކޮށްލުމާ އެކުގަ އެވެ. ނަމަވެސް މިދިޔަ މަސްތަކުގައި ކުރިއަށްދިޔަ ސިޔާސީ މަޝްވަރާތަކުގެ ސަބަބުން ބައެއް ވަގުތުތަކުގައި މަސްރަހު ވަނީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފަ އެވެ.
ނިމުނު ހަފުތާގައި ޓްރަމްޕް ވަނީ އީރާނަށް "ވަރަށް ވަރުގަދަ" ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. އަދި އީރާނުގެ ހަކަތައާ ބެހޭ ވަސީލަތްތަކަށް ހަމަލާދިނުމަށް އެމެރިކާގެ ވެރިން ވިސްނަވަމުންދާ ކަމަށް ވެސް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
ނަމަވެސް، ހޮނިހިރު ދުވަހު ޓްރަމްޕް ވަނީ އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް ވިދާޅުވެ ހަމަލާތައް ފަސްކުރައްވައިފަ އެވެ.
ނަމަވެސް، އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ މި ވަގުތު އެއްވެސް މަޝްވަރާއެއް ކުރިއަށްދާކަން ދޮގުކޮށްފަ އެވެ.
"އަޅުގަނޑުމެން މިވަގުތު އެމެރިކާއާ އެކު މަޝްވަރާއެއް ނުކުރަން. އަޅުގަނޑުމެންގެ މަޝްވަރާތައް ކުރިއަށްދަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އުމާންއާ އެކު،" ހަފުތާގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއި ވިދާޅުވި އެވެ.
ހޮރްމޫޒް ކަނޑުއޮޅީގެ މަގަކީ ހަނގުރާމަ ނިންމުމަށް ކުރާ މަސައްކަތުގައި އެންމެ ބޮޑު ހުރަހެވެ. އީރާނުން ވަނީ އެ މުހިންމު މަގުން ދަތުރުކުރާ އުޅަނދުފަހަރަށް ހުރަސްއަޅައި، ވިޔަފާރި އުޅަނދުފަހަރަށް ހަމަލާދީފަ އެވެ.
ހަނގުރާމައިގެ ކުރިން އެ ކަނޑުއޮޅިން މިނިވަންކަމާ އެކު ދަތުރުކުރި ނަމަވެސް، އީރާނުން މިހާރު ބޭނުންވަނީ އެތަނުގެ ކޮންޓްރޯލް ނަގައި ފީ ނަގަން ފަށާށެވެ. އެމެރިކާއިން މިކަމާ ދެކޮޅުހަދަ އެވެ.
އީރާނުގެ ކައިރިން ނޫން ގޮތަކަށް އުޅަނދުފަހަރަށް ދަތުރުކުރުމުގެ ހުއްދަ ދިނުމަށް އެ ގައުމުން ވަނީ ދެކޮޅުހަދައިފަ އެވެ.
އާދީއްތަ ދުވަހު، ދައުލަތުގެ ޓީވީއަށް ބަގާއި ވިދާޅުވީ، ކަނޑުއޮޅީގެ އަނެއް ފަރާތުގައި އޮތް އުމާންއާ އެކު ހޮރްމޫޒް ކަނޑުއޮޅި ބެލެހެއްޓުމާ މެދު އެއްބަސްވުމަކަށް އައުމާ ކައިރިވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މި މަސައްކަތްކުރަނީ ދެފަރާތަށް ވެސް ގަބޫލުކުރެވޭ މަގަކާ މެދު އެއްބަސްވުމަކަށް އައުމަށް — އުތުރުގެ މަގެއް ވެސް ނޫން އަދި ދެކުނުގެ މަގެއް ވެސް ނޫން — ނަމަވެސް ދެފަރާތުގެ ސިޔާދަތީ ހައްގުތަކަށް އިހުތިރާމްކުރާ، އަދި އަޅުގަނޑުމެންގެ ގައުމީ މަސްލަހަތާއި ރައްކާތެރިކަން ހިމާޔަތްކޮށްދޭ މަގަކަށް،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، މިފަދަ އެއްބަސްވުމެއްގެ މާނައަކީ ކަނޑުއޮޅި އަލުން ހުޅުވާލުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.