އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ކުއްލި ހަމަލާއެއް ދިނުމުން ބަދަލުހިފަން ކަމަށް ބުނެ އެމެރިކާއިން ބުދަ ދުވަހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފި އެވެ. 

އެމެރިކާއިން އީރާނަށް މެދުނުކެނޑި ކޮންމެ ރެޔަކު ހަމަލާ ދޭތާ 13 ދުވަހަށް ފަހު މިދިޔަ ހަފްތާ ބަންދުން ފެށިގެން ހަމަލާތައް މެދުކަނޑާލި އެވެ. އެހެންވެ އީރާނުން ވެސް ހަމަލާ ނުދޭނެ ކަމަށް އިއުލާނުކުރުމަށް ފަހު ކުއްލި ހަމަލާތަކެއް ވަނީ ދީފަ އެވެ. އެއާ އެކު ރައްދު ހަމަލާ ދެން ވަރުގަދަ ވާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އޮތީ ދެއްވައިފަ އެވެ.  

"މިއީ މެދުއިރުމަތީގައި ތިބި އެމެރިކާ ސިފައިންނަށް އީރާނުން ދޭން އުޅުނު ހަމަލާއަށް ދިން ވަރުގަދަ ރައްދެއް، އެމެރިކާގެ މަރުކަޒީ ކޮމާންޑް (ސެންޓްކޮމް) އިން ބުންޏެވެ.

ސެންޓްކޮމް އިން ބުނީ ހަމަލާތައް ފެށީ ޖީއެމްޓީން މެންދަމު 12:00 (ރާއްޖޭ ގަޑިން ފަތިހު 5:00) ގައި ކަމަށެވެ. 

މި ހަމަލާތައް، ގިޝްމް ކައިރީގައިވާ ސަރަހައްދަކަށާއި އަބަދާން ސިޓީއަށް އަމާޒުކޮށްފައިވާ ކަމަށް އީރާންގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. 

މި ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ. 

އީރާނާއި އެމެރިކާއިން ފަސް މަސް ދުވަހު ހަމަލާ ބަދަލުކުރުމަށް ފަހު ވީ އެއްބަސްވުމެއްގެ ދަށުން ހަމަލާތައް މެދުކަނޑާލައިގެން ތިބުމަށް ފަހު އަލުން ހަމަލާ ދެމުން ދިޔަ ނަމަވެސް ދާއިމީ ސުލްހަޔަށް މަޝްވަރާ ވެސް ކުރިއަށްދާ ކަމަށް އެމެރިކާއިން ބުނެފައިވެ އެވެ. އެކަމަކު ދެ ގައުމުން އެއް ބައެއްގެ ހަމަލާގެ ރައްދަށް ވަގުތުން ހަމަލާދެމުން ދާތީ މުޅި މެދުއިރުމަތި ވަނީ ހާސްކަމުގަ އެވެ.