އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން އެމެރިކާގެ އަސްކަރީ ދެ މަނަވަރަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ފޮނުވާލުމާ ގުޅިގެން، އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލާ ތިން ބޯޓަކަށް ރައްދުގައި އެމެރިކާ ސިފައިން ހަމަލާދީފި އެވެ.

މި ހަމަލާތަކުގައި އެ ބޯޓުތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، އެ ސަރަހައްދުގައި ފޯރިމަރަމުންދިޔަ އެމެރިކާގެ އެއާކްރާފްޓް ކެރިއަރަކާއި ގައިޑެޑް-މިސައިލް ޑިސްޓްރޯޔަރަކަށް އީރާނުން ދިން ހަމަލާތަކުން އެ މަނަވަރުތައް ވަނީ ކާމިޔާބުކަމާ އެކު ސަލާމަތްވެފަ އެވެ. އަދި މި ހާދިސާގައި އެމެރިކާ ސިފައިންގެ މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވެސް ބުންޏެވެ.

އެމެރިކާއިން ބުނާ ގޮތުގައި ހަމަލާ އަމާޒުކުރީ ހަނގުރާމަވެރި ޖަމާއަތްތަކަށް ފަންޑުކުރުމަށް އީރާނުން ބޭނުންކުރާ ވިޔަފާރި އުޅަނދުތަކަށެވެ. އެމެރިކާގެ ހަމަލާތަކުގައި ގެއްލުންވި ތިން ބޯޓަކީ:

  • އެމް/ޓީ ޑައުނީ: އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚާރްގް ޖަޒީރާ ކައިރިން މި ބޯޓަށް ހަމަލާދީ، ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުކޮށްލާފައި.
  • އެމް/ޓީ ސްޓާކް 1: އީރާނުގެ ދެކުނުގެ ބަނދަރުމަތީ ސަރަހައްދެއް ކަމަށްވާ ޖާސްކް ކައިރިން މި ބޯޓަށް ހަމަލާދީ، އެއްކޮށް ހަލާކުކޮށްކޮށްލި.
  • އެމް/ޓީ ކައިލޯ: އުމާން ކަނޑުން މި ބޯޓަށް ހަމަލާދީ އެއްކޮށް ނައްތާލާފައިވާއިރު، ހަމަލާދިނުމުގެ ކުރިން ބޯޓުގެ ފަޅުވެރިންނަށް ބޯޓުން ފޭބުމަށް އެމެރިކާއިން އެންގި.

މި ހަމަލާތަކާ އެކު ވަނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ހިނގަމުންދާ ހަމަނުޖެހުންތައް އަނެއްކާ ވެސް ހޫނުވެފަ އެވެ. އެމެރިކާގެ ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕާ ވިދާޅުވީ، އެމެރިކާގެ ދެ މަނަވަރަކަށް ހަމަލާ ދިނުމުން، އޭގެ ބަދަލުގައި އީރާނުގެ ތިން ބޯޓު ނައްތާލައި އިގްތިސާދީ ބޮޑު ގެއްލުމެއް ދީފައިވާނެ ކަމަށެވެ. އަދި އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވެސް ވަނީ އީރާނުން އެމެރިކާގެ އުޅަނދުތަކަށް ހަމަލާދޭ ނަމަ އިތުރު ތެޔޮ ބޯޓުތައް ފައްތާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.

މި ހަމަލާތަކާ ގުޅިގެން އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނީ މިއީ "ހަނގުރާމައިގެ ޖަރީމާއެއް" ކަމަށާއި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އެމެރިކާއާ ގުޅުންހުރި ތިން އުޅަނދަކަށް ބަދަލުހިފުމުގެ ގޮތުން ހަމަލާދީފައިވާނެ ކަމަށެވެ.