ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އީރާނާ އެކު ވެވޭ އެއްބަސްވުމެއް "މިއަދު ނުވަތަ މާދަމާ" ގާއިމުކުރެވޭނެ ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.
މި ޚަބަރާ އެކު، ދުނިޔޭގެ ބާޒާރުގައި ވަނީ ސާފު ނުކުރާ ތެލުގެ އަގު ވަރަށް ބޮޑަށް ދަށްވެފަ އެވެ.
އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސުކޮޓް ބެސެންޓް ސީއެންބީސީއަށް ވިދާޅުވީ ކުރިއަށް އޮތް ގަޑިއިރުތަކުގެ ތެރޭގައި އެއްބަސްވުމަކަށް އާދެވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. މިއީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވިދާޅުވަމުން އަންނަ ގޮތެވެ.
ހޯމަ ދުވަހު ވައިޓްހައުސްގައި ޓްރަމްޕް ވަނީ ސުލްހައިގެ އުއްމީދުތަކާ އެކު ވެސް އިންޒާރުތައް ތަކުރާރުކުރައްވައިފަ އެވެ. މިއީ "އީރާންގެ ދުވަސް ދުއްވާލުމުގެ" ކުރިން އީރާނަށް ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމަ ފެށުނީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ކުއްލި ހަމަލާތަކަކަށްފަހު އެވެ. ހަމަލާތައް ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމެއް އޮތް ނަމަވެސް، މި ފާއިތުވި މަސްތަކުގައި ސުލްހައިގެ ވާހަކަތަކުން ދާއިމީ ހައްލެއް ހޯދިފައެއް ނުވެ އެވެ.
ސުލްހައިގެ އުންމީދެއް އަލުން ލިބުނު ނަމަވެސް ހާލަތު އަދިވެސް ނުރައްކަލެވެ. އަންގާރަ ދުވަހު ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި، ވިޔަފާރި މުދާ އުފުލާ އުޅަނދަކަށް ހަމަލާއެއް އަމާޒުވެ އޭގެ ފަޅުވެރިއަކު ގެއްލިފަ އެވެ. އަދި ރަތްކަނޑުން ދަތުރުކުރި އިންޑިއާގެ އުޅަނދެއްވެސް ވަނީ ހަމަލާއެއްގައި ފެތިފަ އެވެ.
ދުނިޔޭގެ ތެލާއި ގޭސް އުފުލުމުގައި އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިއަކީ މި ހަނގުރާމައިގެ އެންމެ ބޮޑު އަމާޒެވެ. އީރާނުން ބޭނުންވަނީ އެ ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދައި، ދަތުރުކުރާ އުޅަނދުފަހަރުން ފީ ނަގާށެވެ. މިއީ ހަނގުރާމައިގެ ކުރިން އީރާނުން ކުރި ކަމެއް ނޫން ކަމަށްވާތީ، އެމެރިކާއިން ދަނީ މިކަމަށް ވަރަށް ބޮޑަށް ދެކޮޅު ހަދަމުންނެވެ.
މެދުވެރިއެއްގެ ދައުރު އަދާކުރާ ގަތަރުން ބުނެފައިވަނީ ހުއްޓުމެއްނެތި މަސައްކަތް ކުރިއަށްދިޔަ ނަމަވެސް، އީރާނާއި އެމެރިކާއާ ދެމެދު ސީދާ ވާހަކަތަކެއް ރޭވިފައި ނެތް ކަމަށެވެ. ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އަލް ސާނީ ވަނީ އަންގާރަ ދުވަހު ޓްރަމްޕާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ.