އެމެރިކާއާ އެކު ހިނގި ހަނގުރާމައިގެ ތެރޭގަ އާއި އޭގެ ފަހުން އައި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމުގެ މުއްދަތުގައި 18 ބިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރި ކޮށްފައިވާނެ ކަމަށް އީރާނުގެ އޮއިލް މިނިސްޓްރީން ހޮނިހިރު ދުވަހު ބުނެފި އެވެ.
އެ މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކުރި ބަޔާނެއްގައި ބުނީ "ހަނގުރާމައިގެ މުއްދަތުގައި 11.5 ބިލިއަން ޑޮލަރުގެ ތެޔޮ އަދި މި މަހުގެ ކުރީކޮޅު އުވުނު، ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ މުއްދަތުގައި 6.5 ބިލިއަން ޑޮލަރުގެ ތެޔޮ ވިއްކާފައިވާ" ކަމަށެވެ.
"މިއީ މި ނުރައްކާތެރި ދަނޑިވަޅުގައި ވެސް، މި އަހަރުގެ ބަޖެޓުގައި ތެލުގެ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ މިންވަރުގެ 60 ޕަސެންޓަށްވުރެ ބޮޑު އަދަދެއް،" އެ މިނިސްޓްރީން ބުންޏެވެ.
ނަމަވެސް، އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި މަޝްވަރާތަކުގެ އިސް މަންދޫބު މުހައްމަދު ބާގިރު ގާލިބާފް ޖޫން މަހުގެ ފަހުކޮޅު ވިދާޅުވެފައިވަނީ އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައި އޮތް މުއްދަތުގައި އީރާނަށް އެއްވެސް މިންވަރަކަށް ތެޔޮ އެކްސްޕޯޓް ކުރެވިފައި ނުވާ ކަމަށެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނުއިރު، އީރާނުން ވަނީ ސަރަހައްދުގައިވާ އެމެރިކާގެ ބައިވެރިންނަށް ރައްދު ހަމަލާތައް ދީފަ އެވެ.
އޭޕްރީލް މަހު ގާއިމުކުރި، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ އެކު ހަނގުރާމަ ހުއްޓުމަކަށް އައި ނަމަވެސް، ހޮރުމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް ދެ ފަރާތުގެ މެދުގައި ހިނގަމުންދާ ކުރިމަތިލުންތަކާ އެކު، މި މަހުގެ ކުރީކޮޅު އަލުން ހަމަލާތައް ވަނީ ފެށިފަ އެވެ. -- އޭއެފްޕީ