ރައީސްގެ އިދާރީ ކަންކަމާ ބެހޭ ސީނިއާ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު، ދައުލަތުގެ މުވައްޒަފުން އަމިއްލަ ބޭނުންތަކަށް ނަހަމަ ގޮތުގައި ގެންގުޅުނު ކަމުގެ ތުހުމަތުގައި ސްރީ ލަންކާގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަކިލާ ވިރާޖް ކާރިޔާވަސަމް މިއަދު ހައްޔަރުކޮށްފި އެވެ.
ކާރިޔާވަސަމް މަގާމަށް އައްޔަންކުރީ 2022 ވަނަ އަހަރުގެ ޖުލައި 29 ގައި، އޭރުގެ ރައީސް ރަނިލް ވިކްރަމަސިންހަ އެވެ.
ކޮރަޕްޝަނާއި ރިޝްވަތުގެ އަމަލުތައް ބަލާ ކޮމިޝަން (ސީއައިއޭބީއޯސީ) އިން ބުނި ގޮތުގައި، ކާރިޔާވަސަމް ވަނީ ރައީސް އޮފީހުގައި އޭނާގެ ރަސްމީ މަސައްކަތަކަށް ކަނޑައަޅާފައިވާ މުވައްޒަފުންގެ ތެރެއިން ހަތަރު މީހަކު އަމިއްލަ ކަންކަމަށް، އަމިއްލަ މުވައްޒަފުންގެ ގޮތުގައި ގެންގުޅެފަ އެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އޭގެ ތެރެއިން ތިން މީހުން ހަމަޖައްސާފައިވަނީ ކާރިޔަވަސަމްގެ އަމިއްލަ ތެޔޮ ޝެޑެއްގައި މަސައްކަތް ކުރުމަށެވެ. އަދި ހަތަރު ވަނަ މުވައްޒަފަށް އެއްވެސް ރަސްމީ މަސައްކަތެއް ހަވާލުނުކޮށް މުސާރަ އާއި އިނާޔަތްތައް ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ކޮމިޝަނުން ތުހުމަތުކުރާ ގޮތުގައި މި ހަތަރު މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ދީފައިވާ 2,768,836.14 ރުޕީސް އަކީ ދައުލަތަށް ލިބުނު މާލީ ގެއްލުމެކެވެ. އަދި މިއީ ކޮރަޕްޝަނުގެ އަމަލެކެވެ.
ކާރިޔާވަސަމް ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރުފަހު އެވެ. އަދި އޭނާ ކޮލަމްބޯގެ ޗީފް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ލަންކާގެ މިހާރުގެ ސަރުކާރުން ގެންދަނީ ކުރީގެ ސަރުކާރުތަކުގައި ހިންގާފައިވާ ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަހުގީގުތަކާއި ކޯޓު މަރުހަލާ އަވަސްކުރަމުންނެވެ. މިފަދަ މައްސަލަތަކުގައި ކުރީގެ އިސް އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.