އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވީޑިއޯއެއް މެޓަގެ ޕްލެޓްފޯމްތަކުން ވަގުތުކޮޅަކަށް ނެގި މައްސަލައިގައި، އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް މާކް ޒަކަބާގް ތިން ދުވަސް ތެރޭ މާފަށް އެދުމަށް އިންޑިއާގެ ޕާލަމެންޓްރީ ކޮމިޓީއަކުން ބުދަ ދުވަހު އަންގައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު އާބާދީ ކަމަށްވާ އިންޑިއާއަކީ މެޓާގެ ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕް ބޭނުންކުރާ ސަތޭކަ މިލިއަން ގިނަ މީހުން އުޅޭ، އެ ކުންފުނީގެ އެންމެ ބޮޑު މާކެޓެވެ.

އިންޑިއާގެ ޒުވާނުންނާއި ދަރިވަރުން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއާ ގުޅިގެން، މިދިޔަ މަހު 23 ގައި ދަރިވަރުންނާ މުހާތަބުކުރައްވައި މޯދީ އާންމުކުރެއްވި މި ވީޑިއޯ، މެޓާގެ ފޭސްބުކް އަދި އިންސްޓަގްރާމުން ކުޑަވަގުތުކޮޅަކަށް ނެގުމަށް ފަހު ފަހުން ވަނީ ފެންނަ ގޮތް ހަދައިފަ އެވެ. މެޓައިން ބުނެފައިވަނީ ވީޑިއޯ ނެގުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

އިންޑިއާގެ ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީއާ ބެހޭ ޕާލަމެންޓްރީ ކޮމިޓީގެ ވެރިޔާ އަދި ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ، ގާނޫނުހަދާ މަޖިލީހުގެ މެންބަރު ނިޝިކާންތު ދުބޭ ވިދާޅުވީ، މި މައްސަލައިގެ ޒިންމާ މެޓާއިން ނަގަންޖެހޭނެ ކަމަށެވެ.

"ބޮޑުވަޒީރުގެ ވީޑިއޯ ނެގުމަކީ އެހެން ބައެއްގެ ސަބަބުން ދިމާވި ކަމެއް ނޫން. އެއީ ޝާއިއުކުރާ ފަރާތުގެ އަމަލެއް،" ދުބޭ ވިދާޅުވި އެވެ. "ޒަކަބާގް ތިން ދުވަސް ތެރޭގައި މާފަށް އެދެންޖެހޭނެ."

މެޓާގެ ޗީފް ގްލޯބަލް އެފެއާޒް އޮފިސަރު ޖޮއެލް ކެޕްލަން ވިދާޅުވީ، އޭނާ އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު އަޝްވިނީ ވައިޝްނާވްއާ ބުދަ ދުވަހު ބައްދަލުކުރައްވައި މާފަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

"ބޮޑުވަޒީރު މޯދީގެ ޕޯސްޓް ނުފެންނަ ގޮތް ހެދުމަށް މެދުވެރިވި މައްސަލާގައި މެޓާގެ ނަމުގައި މިނިސްޓަރުގެ އަރިހުން މާފަށް އެދުނިން،" ކެޕްލަން ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

އިންޑިއާގެ ޕާލަމެންޓްރީ ސްޓޭންޑިން ކޮމިޓީތަކުން ސަރުކާރުގެ ސިޔާސަތުތައް ދިރާސާކޮށް، ސަރުކާރުގެ ވެރިންނާއި ކުންފުނިތަކުގެ އެގްޒެކެޓިވް ބޭފުޅުން ހާޒިރުކޮށް ސުވާލުކުރެވެ އެވެ. ނަމަވެސް އަދަބު ދިނުމާއި، ގާނޫނީ ރައްކާތެރިކަން އުވާލުމާއި، ނުވަތަ ދައުވާކުރުމަށް އަމުރުކުރުމުގެ ބާރެއް އެ ކޮމިޓީތަކަކަށް ނޯވެ އެވެ. އޮންލައިން ޕްލެޓްފޯމަކާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅަންޖެހޭނީ އަމަލުކުރަމުންދާ ގާނޫނުތަކުގެ ދަށުން ސަރުކާރުން ނުވަތަ ކޯޓުތަކުންނެވެ.

ދުބޭ ވިދާޅުވި ގޮތުގައި، މެޓާއާ މެދު ފިޔަވަޅު އެޅުމަށް އެދި ކޮމިޓީން ވަނީ ހޯމް މިނިސްޓްރީއަށާއި ޓެކްނޮލޮޖީ މިނިސްޓްރީއަށް ސިޓީ ފޮނުވައިފަ އެވެ.

"އޭނާ [ޒަކަބާގް] މާފަށް ނޭދޭ ނަމަ، އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ދީފައިވާ  ގާނޫނީ ރައްކާތެރިކަން އުވާލަންޖެހޭނެ،" ދުބޭ ނޫސްވެރިންނަށް ވިދާޅުވި އެވެ.

މޯދީ ކެމެރާ ކުރިމަތީ ހުންނަވައި، ދަރިވަރުންނާ ވާހަކަދައްކަވާ މަންޒަރު ފެންނަ ވީޑިއޯ އާންމުކުރެއްވީ ޖުލައި 23 ގަ އެވެ. އެއީ އޮންލައިންކޮށް ފެށުނު "ކޮކްރޯޗް ޖަނަތާ ޕާޓީ" ހަރަކާތުގެ މުޒާހަރާތައް އެންމެ ވަރުގަދަވި ދުވަސްވަރެވެ. ނިއު ދިއްލީގައި ފެށުނު މި މުޒާހަރާތަކީ އިމްތިހާނުތަކުގެ ކަރުދާސްތައް ލީކުވުމުގެ މައްސަލަތަކާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުން ފެށުނު މުޒާހަރާތަކެއް ކަމަށްވިޔަސް، ފަހުން މިއީ ވަޒީފާގެ ފުރުސަތުތަކާއި ޒުވާނުންގެ ކުރިއެރުމާ ގުޅޭގޮތުންނާއި، މޯދީގެ ވެރިކަން ޚުދުމުހުތާރުވަމުންދާ ކަމަށް ބުނެ ކުރި ބޮޑު ހަރަކާތަކަށް ބަދަލުވި އެވެ.

ޒުވާނުންގެ މެދުގައި މަގުބޫލު މީޑިއަމްއެއްގެ ބޭނުންހިއްޕެވުމުގެ ގޮތުން އިންސްޓަގްރާމަށް ފުރަތަމަ ފަހަރަށް ވާޓިކަލް ވީޑިއޯއެއް އާންމުކުރެއްވި މޯދީ އަކީ ކުރިން އާންމުކޮށް 'އެކްސް' ބޭނުންކުރައްވާ ބޭފުޅެކެވެ. އެ ވީޑިއޯގައި މޯދީ ވަނީ އިމްތިހާނު ކަރުދާސްތައް ލީކުކުރާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ގާނޫނުތަކާއި ބޮޑެތި އަދަބުތައް ސަރުކާރުން ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން ދަރިވަރުންނަށް ދެއްވައިފަ އެވެ. -- އޭއެފްޕީ