ބައިނަލްއަގުވާމީ މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިން ރަޖިސްޓްރީވުމަށާއި، ޕާކިސްތާނުގެ މައި ތިން ސިޓީ ފިޔަވައި އެހެން ސަރަހައްދުތަކުގައި ނޫސްވެރިކަމުގެ މަސައްކަތް ކުރެވޭނީ ސަރުކާރުގެ ހުއްދަ ހޯދުމަށް ފަހުގައި ކަމަށް ސަރުކާރުން ހަމަޖެއްސުމާ އެކު، އިންސާނީ ހައްގުތަކާއި މީޑިއާގެ ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޕާކިސްތާނުގެ އިސްލާމާމާބާދު، ލާހޯރު އަދި ކަރާޗީ ފިޔަވައި އެހެން އެއްވެސް ސަރަހައްދެއްގައި ޚަބަރު ފެތުރުމުގެ މަސައްކަތް ކުރުމުގެ ކުރިން ހުއްދަ ހޯދަންޖެހޭނެކަން އަންގައި، ބޭރުގެ މީޑިއާތައް ހިމެނޭ ގްރޫޕަކަށް ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން ވަނީ ބަޔާނެއް ފޮނުވައިފަ އެވެ.
އެ މިނިސްޓްރީން ޝާއިއުކޮށްފައިވާ އުސޫލުގައިވާ ގޮތުން، ބައިނަލްއަގުވާމީ މީޑިއާތަކުގައި މަސައްކަތްކުރާ ހުރިހާ ނޫސްވެރިންނާއި، އަމިއްލަގޮތުން މަސައްކަތްކުރާ (ފްރީލާންސް) ނޫސްވެރިން ވެސް ސަރުކާރުގެ އެކްސްޓާނަލް މީޑިއާ ވިންގްގައި ރަޖިސްޓްރީވާންޖެހޭނެ އެވެ.
އަދި މީގެ އިތުރުން، އެ ތިން ސިޓީން ބޭރުގައި މަސައްކަތްކުރުމަށްޓަކައި މީޑިއާތަކުން ސަރުކާރުގެ "ނޯ އޮބްޖެކްޝަން ސަޓިފިކެޓް" (އެންއޯސީ) ހޯދަންޖެހޭނެ އެވެ.
ނަމަވެސް މި އުސޫލުތައް ތަންފީޒުކުރާނީ ކިހާ މިންވަރަކަށް ކަމެއް، އަދި މި އުސޫލުތަކާ ހިލާފުވެއްޖެ ނަމަ ދޭނެ އަދަބެއް ސަރުކާރުން ސާފުކޮށްދީފައެއް ނުވެ އެވެ.
ޕާކިސްތާނުގެ އަމިއްލަ މީޑިއާތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ މި ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައިފަ އެވެ. އެފަރާތްތަކުން ބުނާގޮތުގައި 250 މިލިއަނުގެ އާބާދީއެއް އޮންނަ، އަދި ސެކިއުރިޓީ އާއި ތިމާވެއްޓާއި އިންސާނީ ހައްގުތަކާ ގުޅުންހުރި މުހިންމު ކަންތައްތައް މައި ތިން ސިޓީން ބޭރުގައި ހިނގަމުންދާ އާބާދީ ބޮޑު މި ގައުމުގައި، މިފަދަ ގަވާއިދުތަކުގެ ސަބަބުން ޚަބަރު ފެތުރުމަށާއި މައުލޫމާތު ހޯދައިދިނުމުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ޕާކިސްތާނުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، "ސަރުކާރުގެ އާ 'ފޮރިން މީޑިއާ ފެސިލިޓޭޝަން ގައިޑްލައިންސް 2026' އާ މެދު އިންތިހާއަށް ކަންބޮޑުވާ" ކަމަށެވެ. އަދި މި ގަވާއިދަކީ ނޫސްވެރިކަމަށް ފުރުސަތު ދިނުމުގެ ބަދަލުގައި، ޚަބަރު އެއްކުރުމުގެ މައްޗަށް ބިއުރޯކްރެޓިކް ކޮންޓްރޯލް ހިންގައި، އާންމު މަސްލަހަތާ ގުޅޭ ކަންކަމުގައި މިނިވަންކަމާ އެކު ޚަބަރު ފެތުރުމަށް އޮތް ހުރަހެއް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
"މިއީ ޕާކިސްތާނުގައި މީޑިއާގެ މިނިވަންކަން ހުއްޓުވުމަށް ހިންގާ ސިލްސިލާގެ އާ ބޮޅެއް" ކަމަށް ބުނެ އެ ޖަމާއަތުން ވަނީ ނޫސްވެރިކަން ކުރުމުގެ ޖާގަ އެއްދުވަހުން އަނެއްދުވަހަށް ހަނިވަމުން ދާތީ އިންޒާރުދީފަ އެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި 180 ގައުމުގެ ތެރެއިން ޕާކިސްތާނު ހިމެނެނީ 153 ވަނައިގަ އެވެ.
ބޭރުގެ ނޫސްވެރިން މައި ސިޓީތަކުން ބޭރުގައި މަސައްކަތްކުރުމަށް އެންއޯސީއަށް އެދެންޖެހޭއިރު، އެ ހުއްދަ ލިބުމަށް ހަފުތާތަކެއް ނަގާތީ، ކުއްލިއަކަށް ހިނގާ މުހިންމު ކަންކަމާ ގުޅޭ ޚަބަރު ވަގުތުން ވަގުތަށް ކަވަރުކުރުމަށް މީގެ ކުރިން ވެސް ބޮޑެތި ދަތިތަކާ ކުރިމަތިވެ އެވެ.
ބައިނަލްއަގުވާމީ މީޑިއާ އެޖެންސީތަކުން އާންމުކޮށް ބުރޯޑްކާސްޓްކުރާ އަދި ލިޔެގެން ފަތުރާ ޚަބަރުތަކަށް މައުލޫމާތު އެއްކުރަނީ ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ތިބޭ އެ ގައުމުގެ ނޫސްވެރިންގެ ފަރާތުންނެވެ. ނަމަވެސް އާ އުސޫލުގެ ދަށުން، އެ ސަރަހައްދުތަކުގައި އުޅޭ އަމިއްލަ ނޫސްވެރިން ވެސް ކޮންމެ ޚަބަރެއް ކަވަރުކުރުމުގެ ކުރިން އެންއޯސީ ހޯދަންޖެހޭނެ އެވެ.
މި އުސޫލުތަކާ ގުޅޭގޮތުން ސުވާލުކުރުމުން ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ބުރާސްފަތި ދުވަހު ވަނީ ނޫސްވެރިން އިންފޮމޭޝަން މިނިސްޓްރީއާ ގުޅުމަށް އެދިފަ އެވެ. -- އޭއެފްޕީ